Advertisement

އަމާޒަކީ އީޖާދީ ވިސްނުން އުފަން ކުރެވޭ ވަރުގެ ދަރިވަރުން ބިނާކުރުން: ރައީސް

17 ޖޫން 2022 - 22:41 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފުނަދޫ ސްކޫލުގެ ރަން ޔޫބީލް ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވަޑައިގަންނަވަނީ.


އަމާޒަކީ އީޖާދީ ވިސްނުން އުފަން ކުރެވޭ ވަރުގެ ދަރިވަރުން ބިނާކުރުން: ރައީސް

17 ޖޫން 2022 - 22:41 1

ސަރުކާގެ ވިސްނުން ހުރީ ހަމަ އެކަނި ކިޔަވައިދޭން ނޫން ކަމަށާއި އަމާޒަކީ އީޖާދީ ވިސްނުންތަކެއް އުފަން ކުރެވޭ ފެންވަރުގެ ދަރިވަރުންތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި އެ ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުން ކަމަށެވެ. މުޖްތަމައުގެ ބަދަހިކަން ދަމަހައްޓައި ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމަކީ ވެސް އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޅި ވިސްނުން އަމާޒުކޮށްގެން މިތިބީ ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާކުރުމަށް. އެމީހެއްގެ މުޖްތަމަޢު ތަރައްގީކުރުމާ މެދު، އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތައް އުފަންކުރެވޭ ވަރުގެ އިލްމީ ގާބިލުކަން ލިބިގެންވާ ދަރިންތަކެއް އުފައްދަން. ހިލޭ ޑިގްރީ ޕްރޮގްރާމެއް ފެށީ އެ ބޭނުމުގައި. ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތުތައް އިތުރުކުރަނީ ވެސް ހަމަ އެ ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.

ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވީ ހަމަ އެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ ބަދަލުގައި ވަށައިގެން ހިނގާ ކަންކަމާ މެދުގައި ވެސް ވިސްނުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދަރިވަރުން މުޅި މުޖުތަމައާ މެދުގައި ވެސް ވިސްނަން ޖެހޭނެ އެވެ.

"މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

މަޝްރޫއުތައް ހިންގަނީ އުފެއްދުންތެެރި ޖީލަކަށް

ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށާއި އޭގެ އެންމެ މުހިންމު މަސައްކަތްތައް ހިނގަނީ ތައުލީމީ ދާއިރާގެ ތެރެއިން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސްކޫލްތަކުގެ އިުމްރާނީ ތަރައްގީއަށްޓަކައި، އަޅުގަނޑުމެން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި ކުރިއަށް އެބަދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްތަކަށް ކްލާސްރޫމްތައް އިތުރުކުރުމުގެ މަޝްރޫއުތަކާއި ސައިންސް ލެބޯޓްރީތައް ބިނާކުރުން ހިމެނޭ ކަމަށާއި ބައެެއް ސްކޫލްތަކުގެ މަލްޓިޕާޕާސް ހޯލްތައް ބިނާކުރުން ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އަމާޒަކީ ވެސް، ތައުލީމް ލިބިފައިވާ މީހުން ބިނާކުރުން،" ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ފުނަދޫގެ 110 ދަރިވަރަކު މިހާރު ވެސް އަންނަނީ ކިޔަވަމުންނެވެ. އަދި ކިޔެވުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުން ވެސް އެރަށުގެ ހަ ދަރިވަރަކު ކިޔަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާ އެކު ޓީޗަރުންގެ މުސާރައަށް އަހަރަކު 500 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށާއި ބޮޑު ހަރަދު ހިނގިޔަސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.