Advertisement

ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން؛ ބަހުސެއް އޮތް ކަމެއްތަ؟

22 ޖޫން 2022 - 09:33 3

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސްޓޫޑެންޓް ލޯން ސްކީމްގެ މައްސަލަ ދައްކުވައިދޭ ކުރެހުމެއް: މިނިސްޓަރު އިބްރާހިމް ހަސަންގެ އަމާޒަކީ ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދައި، ފަހުގެ ޖީލުތަކަށް އިލްމު ފޯރުކޮށްދެވޭނެ މަގު ފަހި ކުރުން -- ފޮޓޯ: އަދަދު


ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން؛ ބަހުސެއް އޮތް ކަމެއްތަ؟

22 ޖޫން 2022 - 09:33 3

"ބޮޑު ލޯނެއް ނަގާ ނިންމާފަ ކިޔެވިޔަސް އަދި ރަނގަޅު ވަޒީފާ އެއް ނުލިބޭ. ވަޒީފާވެސް ގިނަ ފަހަރަށް ނުލިބޭ. ގިނަ މީހުން އުޅެން މި ޖެހެނީ އިންޓާންޝިޕެއްގަ މުސާރަވެސް ނުލިބޭ ގޮތަށް. އަނެއްކާ ބާ އެގްޒާމަށްވެސް ޖެހޭ ޕޭކުރަން،" ޝަރިއާ އެންޑް ލޯގެ ޑިގްރީ ކިޔެވުމަށް ލޯނެއް ނަގާ މިހާރު ދައްކާ ނިމިފައިވާ އަހުމަދުގެ ވާހަކަ އޭނާ ފެށީ ސްޓޫޑެންޓް ލޯނު ދައްކަން އުނދަގޫވަނީ ކީއްވެކަން ކިޔައިދެމުންނެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް ދޫކުރާ "ސްޓޫޑެންޓް ލޯން" ނުދައްކާ މައްސަލައަކީ އިއްޔެ އަކު މިއަދަކު ދެކެވޭ ވާހަކައެއް ނޫނެވެ. އެއް ބަޔަކު ގަބޫކު ކުރާ ގޮތުގައި އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗަކަށް ވާއިރު އަނެއް ބަޔަކު ބުނަނީ ދައްކަން ނުޖެހޭނެ ކަމަށެވެ.

މަތީ ތައުލީމުު ހާސިލްކުރުމަށް ލޯނު ދޫކުރަން ހިންގާފައިވާ ސްކީމުތައް ބޮއްސުންލާފައިވާ މިންވަރު ނެރެފައިވާ އޮޑިޓް ރިޕޯޓުތަކުން އެނގެ އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދާއި ދަރިވަރުން ފައިސާ ނުދައްކާ ހޭދަވެފައިވާ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް ކަށަވަރު ކުރެވެން ނެތެވެ.

މަތީ ތައުލީމު ހާސިލުކުރަން އެންމެ ފުރަތަމަ ލޯނު ދޫކުރީ ވޯލްޑް ބޭންކްގެ އެހީގައި 1990 ވަނަ އަހަރެވެ. އެއަށް ފަހު އެކި ނަންނަމުގައި ސްކީމުތައް ހިންގާފައިވެ އެވެ. މިހާރު މިއޮތް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓޫޑެންޓް ލޯން ދޫކުރަން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ނެޝަނަލް ސްޓޫޑެންޑް ލޯން ސްކީމުން 2014 އިން 2019 ގެ ނިޔަލަށް ޖުމުލަ 1.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތަކުގެ ތެރެއިން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 64 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ލިބެންޖެހި ނުލިބޭ ފައިސާ އެންމެ ގިނައީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މެނޭޖްކުރާ ގޮތަށް ދޫކޮށްފައިވާ ލޯނުތަކަށެވެ. އެ ސްކީމުން 114.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އަނބުރާ ދައްކަން ޖެހި ނުދައްކާ ފައިސާގެ އަދަދު 101.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ ދެ ސްކީމާއެކު އެކިއެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާއިރު، ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ލޯނު ދޫކުރި ދަރިވަރުންނާއި ދޫކޮށްފައި ވަނީ ކިހާ އަދަދެއްގެ ލޯނެއް ކަމެއް އެނގޭނެ އެއްވެސް މަސައްކަތެއް މީގެ ކުރިން އެއްވެސް މިނިސްޓްރީއަކުން ކޮށްފައެއް ނެތެވެ.

ކުރީގެ ހިސާބުތައް ރަނގަޅަށް ފެންނަން ނެތުމުން، އަނބުރާ ދައްކަން ޖެހޭ ފައިސާގެ ސާފު އަދަދެއް އެނގެން ނެތް ނަމަވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ އަދަދުތަކުން ހިސާބު ކުރާއިރު، ފައިސާ ފުރިހަމަ އަށް ދައްކާފައި ވަނީ އެންމެ 5.3 ޕަސެންޓް ދަރިވަރުން ކަމަށެވެ.

"ޖުމްލަ 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާއިރު އެެއްކޮށް ދައްކާ ނިންމާފައި ވަނީ 530 ކުދިން. އެއީ ގަވާއިދުން ފައިސާ އަނބުރާ ދައްކާ ނިންމާފައި ތިބި ދަރިވަރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ދެއްކުމާއި ނުދެއްކުން!

ލޯނު ދެއްކުމާ ގުޅޭގޮތުން ކުރެވޭ ބަހުސަކީ އާ ވާހަކައަކަށް ނުވާނެ ކަން ޔަގީނެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޓްވިޓާގައި ވެސް ވަނީ މިކަމާ ހޫނު ބަހުސެއް ކުރެވިފަ އެވެ. އެއް ބަޔަކު ގަބޫލު ކުރީ އެއީ ވީ އެންމެ އަވަހަކަށް ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގަ އެވެ. އަނެއް ބަޔަކު އެއީ ދައްކަން ނުޖެހޭ އެއްޗެއް ކަމަށް ގަބޫލު ކުރިއިރު ދެން އުޅޭ މީހުން ބުނަނީ އެއީ މާފު ކޮށްދޭން ޖެހޭ އެއްޗެއް ކަމަށެވެ.

"ބޮޑު ލޯނެއް ނަގައިގެން މާސްޓާސް ނޫނީ ޕީއެޗްޑީ ކިޔަވާ ނިންމިޔަސް ރާއްޖޭގަ ބޮޑު މުސާރައެއް ނުލިބޭ. ރަނގަޅު ވަޒީފާއަކާ އެއްވަރުގެ މުސާރައެއް ނުލިބޭ. ލޯނު ނުދައްކާ ކަށެއް ނޫން. އެކަމަކު އެ ދެއްކޭނީ ދިރިއުޅެެވޭ ވަރު ވެގެން،" އެކާމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެކަކު ބުންޏެވެ.

ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީތަކުގައި ކިޔަވަން ކުރިން ދޫކުރީ ލޯނު ކަމަށާއި ނަމަވެސް މިހާރު ހިލޭ ކިޔެވޭތީ އެއީ އިންސާފުވެރި ގޮތެއްތޯވެސް އެ ބަހުސްގެ ތެރެއިން އެކަކު ސުވާލު ކުރި އެވެ. އެއީ އޭނާގެ ހިޔާލު ކަމަށްވީނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުން މިހާރު ޕީއެޗްޑީ ހަދަމުންދާ ދަރިވަރަކު ތެދުވި އެވެ.

އެއް ބަޔަކު ނުކައި ނުބޮއި ވެސް ލޯނު ދައްކަމުންދާއިރު އަނެއް ބަޔަކަށް ވާ ކަމެއްވެސް ނޫނެވެ. އެއީވެސް އިންސާފެއް ހެއްޔެވެ؟

"ކޮންމެވެސް އެކައްޗެއް ފްރީކޮށްދީ"

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދިނުމަކީ އެތަށްހާސް ދިވެހި ދަރިވަރުން ގެ ހުވަފެންތަކާއި ގުޅިފައިވީ ވައުދެކެވެ. މި ހުވަފެންތަކުގައި ކުލަޖެހިގެން އައީ 2029ވަނަ އަހަރުގެ ފެބްރުއަރީ މަހު މި ޕްރޮގްރާމުގެ އުސޫލުތައް ގާއިމްކޮށް އިއުލާނުކުރުމާއި އެކު އެވެ.

ނަމަވެސް އެއީ ލޯނު ނަގައިގެން ކިޔަވަމުންދިޔަ ދަރިވަރުންނަށް ބޭ އިންސާފެއް ކަަމަށް އެކުދިން ދެކެ އެވެ. ސަބަބަކީ ހިލޭ ޑިރްރީ އެއް ބަޔަކަށް ލިބުނު ނަމަވެސް އެ ނަސީބު ނުލިބުމުންނެވެ.

"އަސްލު ފެއާ އެއް ނޫން ކަންނޭގެ އެއް ބަޔަކަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު ލިބިފަ، ދެން އަނެއް ބަޔަކަށް ބޮޑު ލޯނެއް ނަގައިގެން ކިޔެވުމެއް. އެހެން ވެއްޖާ ލޯނު ނަގައިގެން ކިޔެވި ކުދިން، އެ ލޯނު ދެއްކި ކުދިންނަށް މާސްޓާސް ނޫނީ އެއަށްވުރެ މައްޗަށް ކިޔަވަންޏާ ފްރީކޮށްދީ ކޮންމެވެސް އެކައްޗެއް،" ލޯނަކީ ދައްކަން ޖެހޭ އެއްޗެއްކަން އެނގޭ ނަމަވެސް އާލިމް ފާޅު ކުރީ އޭނަގެ ހިޔާލެވެ.

ސަރުކާރުގެ ސްޓޫޑެންޓު ލޯނު ސްކީމަށް އެންމެ ފަހުން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފުރުސަތުގައި ސަރުކާރުން ލޯނަށް ހުޅުވާލީ ލޯނު ސްކީމަށް ބަދަލުތަކެއް ވެސް ގެނައުމަށް ފަހު އެވެ.

މަތީ ތައުލީމުގެ ލޯނު ސްކީމަށް ހުޅުވާލި 720 ފުރުސަތަށް 1،000 ދަރިވަރުން އެޕްލައި ކުރިއިރު ލޯނު ދޫކޮށްފައި ވަނީ 453 ދަރިވަރަކަށެވެ. މި ފަހަރުގެ ޑިސްކޮލިފައި ވެގެން ވެސް ގިނަ ދަރިވަރުންނަށް ފުސަތު ގެއްލިގެން ދިޔަ ކަމަށް މިނިސްޓްރީންވެސް ފާހަގަ ކުރި އެވެ.

ލޯނު ދޫކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދާއިރު މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ ލޯނަށްވާ ފައިސާ އަނބުރާ ހޯދުމަށް ހުރިހާ މަސައްކަތެއްވެސް ކުރާނެ ކަމަށެވެ. ކޯޓަށް ދާން ޖެހިއްޖެނަމަ އެކަންވެސް ކުރަން ތައްޔާރަށް ހުރި ކަމަށް މިނިސްޓަރުވެސް މީގެ ކުރިން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ކުރިން ފެށިގެން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކަށް ފައިސާ ދައްކަމުން ނުދާއިރު، މަތީ ތައުލީމާ ބެހޭ ގާނޫނުގެ ދަށުން ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުމުގެ އުސޫލެއް ޑްރާފްޓްކޮށް ނިންމުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ އުސޫލު ނިމުމުން ފައިސާ އަނބުރާ ހޯދަން ފަސޭހަ ކަމެއް އަންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

އެ ފައިސާ އަކީ ލިބެން ޖެހޭ ފައިސާ ކަމަށް މިނިސްޓްރީން ބުނާ ނަމަވެސް އެއީ ދައްކަން ޖެހޭ ފައިސާ ކަމަކަށް އެއްބަޔަކު ނުދެކެ އެވެ. އަނެއްބަޔަކު ބުނާ ގޮތުން ލޯނަކީ އަނބުރާ ދައްކަން ޖެހޭ އެއްޗަކަށް ވާއިރު ސްޓޫޑެންޓް ލޯނަކީވެސް ދައްކަން ޖެހޭނެ އެއްޗެކެވެ.

ދަރިވަރުންނަށް ފަސޭހަ ފުރުސަތު ހޯދައިދީ ކިޔެވުމަށް ލޯނެއް ދޫކުރާއިރު އެ އަނބުރާ ދެއްކުމާއި ނުދެއްކުމަކީ ބަހުސެއް ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟