Advertisement

ވޯލްޑް ކަޕްގެ ފަހު ޖާގަ ލިބުނީ ކޮސްޓަ ރިކާ އަށް

15 ޖޫން 2022 - 02:31 0

ކޮސްޓަ ރިކާގެ ޖޮއެލް ކެމްޕްބަލް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ވޯލްޑް ކަޕްގެ ފަހު ޖާގަ ލިބުނީ ކޮސްޓަ ރިކާ އަށް

15 ޖޫން 2022 - 02:31 0

ދޯހާ، ގަތަރު (ޖޫން 15) - އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި މިރޭ ނިއު ޒީލެންޑް 1-0 އިން ބަލިކޮށް ކޮސްޓަ ރިކާ އިން މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފަހު ޖާގަ ހޯދައިފި އެވެ.

ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕްގައި ކޮސްޓަ ރިކާ ހިމެނެނީ ޖަރުމަނާއި ސްޕެއިން އަދި ޖަޕާނާ އެއް ގްރޫޕެއްގަ އެވެ.

މިއީ، ސެންޓްރަލް އެމެރިކާ އަށް ނިސްބަތްވާ ކޮސްޓަ ރިކާ އިން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭ ތިން ވަނަ ފަހަރެވެ. ޖުމްލަ ހަ ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކޮސްޓަ ރިކާ އިން ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ވާދައެއްކުރީ 2014 ވަނަ އަހަރު ބްރެޒިލްގެ މުބާރާތުގަ އެވެ. އެ ފަހަރުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކުރި އެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ކޮސްޓަ ރިކާ އަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ހުނަރުވެރި ވިންގް، ޖޮއެލް ކެމްޕްބަލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ޒީލެންޑްގެ ކްރިސް ވުޑް ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލު ކެންސަލް ކުރުމަށެވެ. އެއީ އެ އެޓޭކް ފެށުމުގެ ކުރިން ނިއު ޒީލެންޑްގެ ކުޅުންތެރިއަކު ފައުލެއް ކޮށްފައިވާތީ އެވެ.

ނިއު ޒީލެންޑުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 67 ވަނަ މިނިޓްގައި ނިއު ޒީލެންޑްގެ ކޮސްޓާ ބާބަރޫސެސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ވޯލްޑް ކަޕްގެ ޖާގައެއް ނުލިބުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް މެޗަށް ފަހު ނިއު ޒީލެންޑްގެ ކޯޗު ޑެނީ ހޭއި ވަނީ ބުނެފަ އެވެ. މި މެޗުގައި ނިއު ޒީލެންޑުން ޖެހި ގޯލު ބަލައިނުގަންނަން ރެފްރީން ނިންމާފައިވާތީ އެކަމަށް، ހޭއި ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ގަތަރުގައި މި އަހަރު ފަހުކޮޅު ވޯލްޑް ކަޕް ބާއްވާއިރު، މުބާރާތް ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 18 ގަ އެވެ.