14 ޖޫން 2022 - 20:40 0
ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން މޮރިއޭރޯ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
14 ޖޫން 2022 - 20:40 0
ގައުމީ ޓީމުތަކުގެ ކޯޗުންނަށް ދިމާވަނީ ދާދި އެއް ކަހަލަ މައްސަލަތަކެއް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
އިޓަލީ އަށް އުފަން މޮރިއޭރޯ މިހެން ބުނެފައިވަނީ، އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕްގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިރޭ ސްރީ ލަންކާ އަތުން 1-0 މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ، ގްރޫޕް ސީގެ އެއް ވަނައިގައި އޮތް އުޒްބެކިސްތާނާއި ދެ ވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމުގެ މެޗު މިރޭ ކުޅޭއިރު، މޮޅުވާ ޓީމަކަށް އޭޝިއަން ކަޕްގެ ސީދާ ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ދެ ވަނަ ލިބޭނެކަން ކަށަވަރުވެފައިވާއިރު، އެ ޓީމަށް ވެސް އޭޝިއަން ކަޕުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ގްރޫޕްގެ ތިން ވަަނަ ލިބުނު ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ލަންކާ އަށް ކޮލިފައިން ނިމުނީ ޕޮއިންޓެއް ނުލިބި އެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވަނީ ރާއްޖޭގެ ކުޅުންތެރިން ކޮލިފައިން ތިން މެޗުގައި ކުރި މަސައްކަތަށް ޝުކުރު އަދާކޮށް އެކަން ފާހަގަކޮށްފަ އެވެ. އަދި ސެންޓްރަލައިޒްކޮށް ކުޅުނު ކޮލިފައިން ފުރަތަަމަ މެޗުގައި ތައިލެންޑް އަތުން 3-0 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ އުޒްބެކިސްތާން އަތުން 4-0 އިން ބަލިވެފަ އެވެ.
އުޒްބެކިސްތާން ޓީމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ އެހުމުން މޮރިއޭރޯ ބުނީ އުޒްބެކިސްތާންގައި އޮތީ ރަނގަޅު ޓީމެއް ކަމަށާއި އެ ޓީމުގެ ކޯޗު، ސްލޮވީނިއާގެ ސްރެކޯ ކަޓާނިއެކް، އަށް ވެސް ކުރިމަތިވެފައިވާ އެއް ކަަމަކީ ރާއްޖެ އަށް ވެސް އޮތް ކަހަލަ މައްސަލައެއް ކަމަށެވެ.
"ކާޓާނިއެކާ އަހަރެން ވާހަކަ ދެއްކިން، އޭނަ އަށް އުޒްބެކިސްތާނުގައި ލިބިފައި އޮތީ ވަރަށް ރަނގަޅު ޓީމެއް. އެކަަމަކު، އޭނާ އަށް ވެސް އޮތީ ދުނިޔޭގެ ހުރިހާ (ގައުމީ ޓީމުތަކުގެ) ކޯޗުންނަށް އޮތް މައްސަލަ، އަހަރެމެންނަށް ކުޅުންތެރިން ލިބޭއިރު، ގިނަ ކުުޅުންތެރިން ކްލަބް ލެވަލްގައި ނުކުޅެ މި ތިބެނީ. ދެން އަހަރެމެންނާ އެކު ޓްރެއިނިން ގެންދަން މި ލިބެނީ މަދު ވަގުތެއް، މި ހުރިހާ ޗެލެންޖަކާ އެކު ވެސް ރަނގަޅު ނަތީޖާ ނެރެން މި މަސައްކަތް ކުރަނީ،" މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން އެންމެ ފުރަތަމަ ރަސްމީ މެޗަކަށް ނުކުތީ ލަންކާއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާ އެއްވަރުވީ 4-4 އިންނެވެ. އެ މެޗުގެ 57 ވަނަ މިނިޓް ކުޅެވުނުއިރު، ރާއްޖެ އޮތީ ހަތަރު ގޯލު ކުރީގަ އެވެ. އެކަމަކު، ލަންކާގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލާ އެކު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެންމެ ފަހުން ލަންކާއާ ކުޅުނު މެޗާއި މި މެޗުގައި ހުރި ތަފާތަކީ ކޮބައިތޯ އެހުމުން މޮރިއޭރޯ ބުނީ ލަންކާގައި ކުޅުނު މެޗުގެ ހަނދާންތައް އަދިވެސް އެބަހުރި ކަމަށާއި އޭރުގެ ހާލަތާއި މިހާރު ޓީމު ދައްކަމުން އަންނަ ކުޅުން ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
"އެ މެޗުގައި އަހަރެމެންނަށް ފުރަތަމަ ހާފުގައި 10 ގޯލު ވެސް ޖެހެންދިޔަ، އެކަމަކު، ނިމުނީ 4-4 އިން އެއްވަރުވެގެން، އަހަރެން އޭރުވެސް ބުނިން މިސްޓޭކްސް ހެދިގެން، އޭގެއިން ކަންކަން ދަސްކޮށްގެންނޭ ކުރިއަށް ދެވޭނީ،" މޮރިއޭރޯ ބުންޏެވެ.
ތައްޔާރުވާން ލިބުނު ކުޑަދުވަސްކޮޅުގެ ތެރޭގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ އިނާމަކީ ލަންކާ އަތުން ލިބުނު މޮޅު ކަމަށާއި އެއީ އޭނާ އަށް ވަރަށް "ހާއްސަ" މޮޅެއްގެ ގޮތުގައި މޮރިއޭރޯ ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އޭނާގެ ޓެކްނިކަލް ޓީމާ އެކު ޕްލޭންތަކެއް ހަދައި، އެފްއޭއެމްގެ އެހީ ހޯދައި، ކުޅުންތެރިންނާ އެކު ގިނަ ވަގުތު ޓްރެއިނިން ގެންދެވޭނެ ގޮތަކަށް ކަންކަން ރާވަން މަސައްކަތް ކުރާނެ ކަމަށް މޮރިއޭރޯ ބުންޏެވެ.
މިއީ ރާއްޖޭގެ ކޯޗުކަމާ މޮރިއޭރޯ ހަވާލުވި ފަހުން ރާއްޖޭން މޮޅުވި ދެ ވަނަ މެޗެވެ. ޖުމްލަ ހަތް މެޗު ކުޅުނުއިރު، މީގެ ކުރިން މޮޅުވެފައި އޮތީ މިދިޔަ މާޗް މަހު 24 ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝް އަތުންނެވެ. ދެން ކުޅުނު ފަސް މެޗަށް ބަލާއިރު، ތިން މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.
Comment