Advertisement

ސްޓޫޑެންޓު ލޯނުގެ ދާއިމީ ނަތީޖާ, 453 ދަރިވަރަކަށް ލޯނު ދޫކޮށްފި

9 ޖޫން 2022 - 14:36 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްއެންޔޫގައި ކިޔަވާ ދަރިވަރުންތަކެއް-- ފޮޓޯ: އަދަދު


ސްޓޫޑެންޓު ލޯނުގެ ދާއިމީ ނަތީޖާ, 453 ދަރިވަރަކަށް ލޯނު ދޫކޮށްފި

9 ޖޫން 2022 - 14:36 1

ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގެ ދާއިމީ ނަތީޖާގައި 453 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ސްޓޫޑެންޓު ލޯނު ސްކީމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފުރުސަތުގައި ސަރުކާރުން ލޯނަށް ހުޅުވާލީ ލޯނު ސްކީމަށް ބަދަލުތަކެއް ވެސް ގެނައުމަށް ފަހު އެވެ.

މަތީ ތައުލީމުގެ ލޯނު ސްކީމަށް ހުޅުވާލި 720 ފުރުސަތަށް 1،000 ދަރިވަރުން އެޕްލައި ކުރި އެވެ.

އެ ލޯނު ސްކީމުގައި ވަނީ ދެ ކެޓަގަރީއެކެވެ. އެއީ އަލަށް ކިޔަވަން ފައްޓަން ބޭނުންވާ ދަރިވަރުންނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ލޯނެވެ.

ލޯނު ސްކީމުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ ހުޅުވާލި 720 ފުރުސަތުތަކަށް ސަބަބުތަކާހުރެ ވަގުތީ ނަތީޖާއަށް ކޮލިފައިވި ދަރިވަރުންގެ އަދަދު މަދު ނަމަވެސް ދާއިމީ ނަތީޖާގައި އިތުރު 59 ދަރިވަރަކަށް ލޯނު ދީފައިވާނެ ކަމަށެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރިއިރު ލޯނު ލިބުނީ 379 ދަރިވަރުންނަށެވެ. ނަމަވެސް، ދާއިމީ ނަތީޖާގައި އިތުރުވި 59 ދަރިވަރުންނާއެކު 453 ދަރިވަރަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ލޯނު ސްކީމަކީ ވަކި ދާއިރާއަކަށް ހާއްސަކޮށް ދޫކުރާ ލޯނުތަކެއް ނޫން ކަމަށެވެ. ނަމަވެސް، ދައުލަތުން ހާއްސަކުރި ދާއިރާތަކަށް ލޯނަށް ލާފައި ނުވާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

ލޯނަށް ހުޅުވާލި ނަމަވެސް އެއްވެސް ދަރިވަރަކު ނުލާ ދާއިރާތައް:

  • އެކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ
  • އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުން
  • ދަނޑުވެރިކަމާއި މަސްވެރިކަން

މިނިސްޓަރު ވިދާޅުވީ އެ ތިން ދާއިރާއަކީ މީހުން ބިނާކުރަން ސަރުކާރުން އެންމެ ބޭނުންވޮ ދާއިރާތައް ކަމަށެވެ. ސަބަބަކީ އެ ދާއިރާ ތަކަކީ ގައުމަށް މި ވަގުތު މުހިއްމު ދާއިރާތަކަށް ވުމުން ނަމަވެސް އެއްވެސް ކުއްޖަކު ކުރިމަތި ނުލާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ލޯނު ނުލިބުނު ދަރިވަރުން ހުށަހެޅި ޝަކުވާތައް ބެލީ އެކަމަށް ކަނޑައެޅި އެޕީލް ކޮމިޓީ އަކުންނެވެ.

"އަޅުގަނޑުމެން އެޕީލް ޕްރޮސެސްގައިވެސް އެއް އުސޫލަކުން ހުރިހާ ކުދިންނާ ދޭތެރޭވެސް ކަންތައް ކުރީ. ދަރިވަރުންގެ ޝަކުވާތައް ބެލިއިރު، ކޮމިޓީން ކުއްޖަކާ ދޭތެރޭ ވަކި ގޮތަކަށް ނިންމައިފި ނަމަ، އެ ހާލަތަށް ފެތޭ އެހެން ކުދިން ވެސް ހޯދައި ލޯނުގެ ފުރުސަތު ދިނިން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ލޯނު ސްކީމުގައިވެސް، ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވެގެން ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރެއިން، އެހެނިހެން ހަރަދުތަކަށް ފައިސާ ބޭނުންވާ ދަރިވަރުންނަށް ލޯނު ސްކީމުން ޖާގަ ދީފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލީގޮތުން ތަނަވަސްކަން ނެތް ދަރިވަރުންނަށް ލޯނު ސްކީމުގައި އިސްކަން ދީފައިވާނެ ކަމަށެވެ.

ލޯނު ދޫކޮށްފައިވާ ދާއިރާތަކާއި ދޫކުރި އަދަދު:

  • އެމްބީބީއެސް އަށް 25 ފުރުސަތު ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 129 ދަރުވަރުން ކުރިމަތިލި.
  • ޕައިލެޓްކަން ކިޔެވުމަށް 252 ދަރިވަރަކަށް ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 252 ދަރުވަރުން ކުރިމަތިލި.
  • ޕީއެޗްޑީއަށް ކިޔެވުމަށް 31 ދަރިވަރަކަށް ދޫކޮށްފައި.

މި ފަހަރުގެ ޑިސްކޮލިފައި ވެގެން ވެސް ގިނަ ދަރިވަރުންނަށް ފުސަތު ގެއްލިގެން ދިޔަ ކަމަށާއި އެގޮތުން ރަނގަޅަށް ފޯމު ނުފުރުމާއި، ލޯނު ސްކީމުގައި ނެތް ދާއިރާތަކުން ކިޔެވުމަށް ކުރިމަތިލައިގެންނާއި އަދި އޯލެވެލް އާއި އޭލެވެލް ސެޓްފިކެޓު ހުށަނާޅާ ފޯމުތައް ހުރި ކަމަށް ވިދާޅުވި އެވެ.