8 ޖޫން 2022 - 12:04 0
8 ޖޫން 2022 - 12:04 0
ސްޓޮކްހޯލްމް، ސްވިޑެން (ޖޫން 8) - ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް، ސްވިޑެންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަގާމެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ދާދި ފަހުން ކުރި ކަކުލުގެ އޮޕަރޭޝަނަށް ފަހު، ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދާނަމަ، ދެން އެނބުރި ދަނޑަށް އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ސީޒަނުގައި އޭސީ މިލާނާ އެކު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި އިބްރަހިމޮވިޗަށް އެ ޓީމުން ވަނީ އެއް އަހަރުގެ ޑީލެއް ހުށަހަޅައިފަ އެވެ. އެކަމަކު، ރަސްމީކޮށް އެއްބަސްވުމެއް ހެދުމުގެ ކަންކަން ނިމިފައިނުވެ އެވެ.
ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، އިބްރަހިމޮވިޗް ސްވިޑެންގެ ގައުމީ ޓީމުން ރިޓަޔާކުރި އެވެ. އޭގެ ފަސް އަހަރު ފަހުން، މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އިބްރަހިމޮވިޗް ވަނީ ރިޓަޔާމެންޓް އުވާލައި، އަލުން ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އެކަމަކު، އަނިޔާއާ ހެދި ޔޫރޯގައި ވާދަކުރި ސްވިޑެން ޓީމުގައި އިބްރަހިމޮވިޗް ނުހިމެނެ އެވެ.
ޔޫރޯގައި ކުޅުމުގެ ފުރުސަތު ނުލިބުމުން ދެން އިބްރަހިމޮވިޗް ގައުމީ ޖޯޒީގައި ނުފެންނާނެ ކަމަށް ބެލެވިފައި ވަނިކޮށް، އޭނާ ވަނީ މިދިޔަ މާޗް މަހު ސްވިޑެން އިން ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ފައިނަލުގައި ޕޮލެންޑާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. އެ މެޗުގައި ޕޮލެންޑް އަތުން 2-0 އިން ބަލިވެ، ސްވިޑެން އަށް މި ފަހަރުގެ ވޯލްޑް ކަޕް ޖާގަ ގެއްލުނުއިރު، މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރަން ނިންމައިގެން ހުރި އިބްރަހިމޮވިޗްގެ އެ ހުވަފެނަށް ނިމުން އަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ގައުމީ ޖޯޒީގައި އެނބުރި އައުމުގެ ބަދަލުގައި އިބްރަހިމޮވިޗް މަޝްވަރާ ކުރަމުން އަންނަނީ ސްވިޑެން އެފްއޭގެ އެޑްވައިޒަރީ ރޯލަކަށް އައުމަށެވެ. އަދި ސްވިޑެންގެ ގައުމީ ޓީމުގެ ޓެކްނިކަލް ކޮމިޓީ އަށް ލަފާ ދެވޭ ވަރުގެ ޒިންމާތަކަކާ ހަވާލުވާން ވެސް އިބްރަހިމޮވިޗް ހުރީ ތައްޔާރަށެވެ.
ޖެނުއަރީ 2001 ގައި އެންމެ ފުރަތަމަ ސްވިޑެން ޓީމަށް ކުޅުނު އިބްރަހިމޮވިޗް ވަނީ ގައުމީ ޖޯޒީގައި މިހާތަނަށް 162 މެޗު ކުޅެފަ އެވެ. އެ މެޗުތަކުގައި ގައުމީ ޓީމަށް 62 ގޯލު ޖަހައިދިން އިބްރަހިމޮވިޗަކީ ސްވިޑެން އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.
Comment