Advertisement

ފީފާ އިން އެފްއޭއެމަށް އެންގީ ކޫޕްމަން އަށް ބަދަލުދޭން

6 ޖޫން 2022 - 12:10 0

ގައުމީ ޓީމުގެ ކޯޗަކަށް ހުރި ކޫޕްމަން ޕްރެކްޓިހެއްގެ ތެެރެއިން-- ފޮޓޯ: އެފްއޭއެމް


ފީފާ އިން އެފްއޭއެމަށް އެންގީ ކޫޕްމަން އަށް ބަދަލުދޭން

6 ޖޫން 2022 - 12:10 0

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލުމުގައި އެފްއޭއެމުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އޭނާ އަށް ބަދަލުދޭން ފީފާ އިން އެފްއޭއެމަށް އަންގައިފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނިސް މިދިޔަ އަހަރުގެ ކުރީކޮޅުގައި އޭނާ އަށް ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް މިދިޔަ އަހަރު ޖުލައި މަހު އުވާލައި، އޮގަސްޓް އެއް ވަނަ ދުވަހު ސިޓީ ހަވާލުކުރި އެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު ވަނީ ބުނެފަ އެވެ. އެކަމަކު، މިދިޔަ އަހަރު ނޮވެމްބަރު 30 ގައި ކޫޕްމަންގެ ފަރާތުން އެ މައްސަލަ ފީފާ އަށް ހުށަހެޅީ، ވަޒީފާ އިން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށް ބުނެ އެވެ.

ފީފާ ޓްރިބިއުނަލް އިން މިދިޔަ މަހު އެ މައްސަލަ ނިންމީ ކޫޕްމަންއާ އެއްކޮޅަށެވެ. އެއީ ކޮންޓްރެކްޓްގެ މުއްދަތަށް (2024 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް) ކޫޕްމަން އަށް މާލީ ބަދަލު ދޭން ޖެހޭ ގޮތަށެވެ. ފީފާ އިން އެ ގޮތަށް ނިންމާފައިވާކަން އެފްއޭއެމުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ކޫޕްމަން އަށް ބަދަލުދޭން އެފްއޭއެމަށް ދީފައިވާ 45 ދުވަހުގެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ފީފާ އިން އެފްއޭއެމަށް ދޭ ވަކި ބަޖެޓެއްގެ ތެރެއިން އެ ފައިސާ އުނިކުރާ ގޮތަށް ކުރިއަށްދާނެ އެވެ.

ކޫޕްމަން، ވަކިކުރުމުގެ ސަބަބެއްގެ ގޮތުގައި އެފްއޭއެމުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ނަތީޖާ ދަށްވުމެވެ. އެކަމަކު، އޭގެ ދިފާއުގައި ކޫޕްމަން ބުނެފައިވަނީ އޭނާގެ ކޯޗުކަމުގައި ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުގެ ނަތީޖާ އަށް ފަހު އެ ޓީމަށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައިވާތީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޫޕްމަންގެ ވަޒީފާގެ ޒިންމާއާ ގުޅޭ އެކި ރިޕޯޓްތައް އެފްއޭއެމަށް ހުށަހެޅުމުގައި ކޫޕްމަން އަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތަށް ވުރެ ދަށްކޮށް ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ފީފާ ޓްރިބިއުނަލް އިން އެ ރިޕޯޓްތައް ހުށަހަޅަން އެފްއޭއެމް ގާތުން އެދުނު ނަމަވެސް އެކަން ކުރެވިފައިނުވާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ. މި ހުރިހާ ސަބަބަކަށް ބެލުމަށް ފަހު ފީފާ އިން ނިންމާފައިވަނީ އެފްއޭއެމުން ކޫޕްމަން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށެވެ.

ކޫޕްމަންގެ ދަށުން، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ނެދަލެންޑްސްގެ ރެނޭ ހިޑިންކް މިިދިޔަ އަހަރު މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލް އިން ވަނީ ބަލައި ނިންމައިފަ އެވެ. އެ މައްސަލައިގައި ފީފާ އިން އެފްއޭއެމަށް އެންގީ ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދެއްކުމަށެވެ.

ކޫޕްމަން މަގާމުން ވަކިވުމުން، މިދިޔަ އަހަރު އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދިނީ ކޫޕްމަންގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން ސާފްގައި ކުޅުމަށް ފަހު، ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމުން އަލަށް ގެނައި، އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގައުމީ ޓީމުގައި މަސައްކަތް ފެށި އެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން މި މަހު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭނެ އެވެ. އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކޮލިފައިން ގްރޫޕްގެ މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި އުޒްބެކިސްތާންގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި ތައިލެންޑް އެވެ. އެ މެޗުތަކަށް ތައްޔާރުވާްން މިދިޔަ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.