Advertisement

ޔޫކްރެއިން ކަޓުވާލައި 64 އަހަަރަށް ފަހު ވޭލްސް ވޯލްޑް ކަޕަށް

5 ޖޫން 2022 - 23:11 0

ވޭލްސް އިން މިރޭ ޖެހި ގޯލަށް ފަހު ބޭލް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޔޫކްރެއިން ކަޓުވާލައި 64 އަހަަރަށް ފަހު ވޭލްސް ވޯލްޑް ކަޕަށް

5 ޖޫން 2022 - 23:11 0

ކާޑިފް، ވޭލްސް (ޖޫން 5) - ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ޕްލޭއޮފް ފައިނަލުގައި މިރޭ ޔޫކްރެއިން 1-0 އިން ބަލިކޮށް ވޭލްސް އިން 64 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ވޭލްސް އެންމެ ފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 1958 ވަނަ އަހަރު އެވެ.

ގަތަރުގައި މި އަހަރު ފަހުކޮޅު ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގައި ވޭލްސް ވާދަކުރާނީ ގްރޫޕް ބީ ގަ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ އިންގްލެންޑް، އީރާން އަދި އެމެރިކާ އެވެ.

ބުދަ ދުވަހު ސްކޮޓްލެންޑްގައި ކުޅުނު ޕްލޭއޮފް ސެމީ ފައިނަލުގައި އެ ޓީމު އަތުން 3-1 އިން ޔޫކްރެއިން މޮޅުވި ނަމަވެސް މިރޭ ވޭލްސްގައި ކާމިޔާބެއް ނުލިބި ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހުނީ އެވެ. މިދިޔަ ފެބްރުއަރީ މަހު ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ފެށި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މެޗުތައް ވަނީ މި މަހަށް ފަސްކޮށްފަ އެވެ. ކޮލިފައިން މެޗުތައް މިރޭ ނިމުނުއިރު، ޔޫކްރެއިނަށް މި ވަނީ ވޯލްޑް ކަޕްގެ ޖާގަ ގެއްލިފަ އެވެ.

ކާޑިފް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ޔޫކްރެއިންގެ ފޯވާޑް، އެންޑީ ޔާމޮލަންކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 33 ވަނަ މިނިޓްގައި ވޭލްސްގެ ކެޕްޓަން، ގަރެތު ބޭލް ނެގި ހިލޭޖެހުމެއް ޑިފެންސްކުރަން ޔާމޮލަންކޯ ބޮލުން ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

ގިނަ ގޮތްގޮތުން ގޯލެއް ޖެހޭތޯ ޔޫކްރެއިނުން މަސައްކަތް ކުރި ނަމަވެސް ވޭލްސް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ. ވޭލްސް ޑިފެންޑަރުން ވަނީ ޔޫކްރެއިންގެ ހުރިހާ އެޓޭކްތަކެއް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވުމުން އެންމެ ބޮޑު ހިތްހަަމަޖެހުމެއް ލިބޭނެ އެއް ކުޅުންތެރިއަކީ ބޭލް އެވެ. ޕްލޭއޮފް ސެމީ ފައިނަލުގައި ވޭލްސް އިން އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވިއިރު، ދެ ގޯލު ޖެހީ ބޭލް އެވެ.

މި ފަހަރުގެ ވޯލްޑް ކަަޕަށް ފަހު އުމުރުން 32 އަހަރުގެ ބޭލް ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް ބެލެވެ އެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވިނަމަ ބޭލް ނިންމައިގެން ހުރީ މިރޭގެ މެޗަކީ ގައުމީ ޖޯޒީގައި އޭނާ ފެންނާނެ ފަހު މެޗު ކަމަށެވެ. އެކަމަކު، ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިވުމުން ބޭލް އެ ޓީމަށް ކުޅެދޭ ވަދާއީ މުބާރާތަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ވޯލްޑްކަޕް އެވެ.