Advertisement

އެޕްރީލް މަހަށް ފަހު ފުރަތަމަ ފަހަރަށް ރަޝިއާ އިން ކިޔެވްއަށް މިސައިލް ހަމަލާ ދީފި

6 ޖޫން 2022 - 05:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެޕްރީލް މަހަށް ފަހު ފުރަތަމަ ފަހަރަށް ރަޝިއާ އިން ކިޔެވްއަށް މިސައިލް ހަމަލާ ދީފި

6 ޖޫން 2022 - 05:33 0

ކިޔެވް، ޔޫކްރެއިން (ޖޫން 5) - ރަޝިއާ އިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އެ ގައުމުގެ ވެރިރަށް ކިޔެވްއަށް އަނެއްކާ ވެސް ހަމަލާތައް އަމާޒުކޮށްފި އެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި ކިޔެވްއަށް މާ ގިނަ ހަމަލާތަކެއް ރަޝިއާ އިން ދީފައެއް ނުވެ އެވެ. ނަމަވެސް، ކިޔެވްގެ އިރުމަތީގެ ދެ އަވަށަކަށް ރަޝިއާގެ މިސައިލް ހަމަލާތައް އަމާޒުކުރިކަން ޔޫކްރެއިންގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މި ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ. އަނިޔާތަކެއް ލިބިގެން އެކަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ރަޝިއާ އިން ފޮނުވާލި ކްރޫޒް މިސައިލެއް ޔޫކްރެއިންގެ ނިއުކްލިއާ ހަކަތަ އުފައްދާ ޕްލާންޓަކާ ވަރަށް ކައިރިން ދަތުރުކުރި ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ގައުމުން ފާޅުކުރި އެވެ.

މިސައިލް ހަމަލާތައް ރަޝިއާ އިން އަމާޒުކުރީ ކިޔެވްގެ ރޭލު ދަތުރުފަތުރުގައި ބޭނުންކުރާ ތަނަކަށެވެ. ރަޝިއާ އިން ބުނާ ގޮތުގައި އެތަނުގައި ރައްކާ ކޮށްފައި ހުރީ އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތަކުން ޔޫކްރެއިނަށް ހަދިޔާކުރި ޓޭންކުތަކެކެވެ.

ރަޝިއާ އިން ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ޔޫކްރެއިންގެ އެއާ ޑިފެންސުން ޖައްވުގެ ތެރޭގައި ގޮއްވާލި އެވެ.

މިއީ އެޕްރީލް މަހުގެ ފަހުން ކިޔެވް އަށް ރަޝިއާ އިން އަމާޒުކުރި ފުރަތަމަ ހަމަލާތަކެވެ.