Advertisement

ނޭޝަންސް ލީގަކީ ބޭނުންހިފޭނެ މުބާރާތެއް ނޫން: ޑި ބްރޭނާ

31 މޭ 2022 - 08:01 0


ނޭޝަންސް ލީގަކީ ބޭނުންހިފޭނެ މުބާރާތެއް ނޫން: ޑި ބްރޭނާ

31 މޭ 2022 - 08:01 0

ބްރުސެލްސް، ބެލްޖިއަމް (މެއި 31) - ޔުއެފާ ނޭޝަންސް ލީގަކީ ބޭނުމެއްހިފޭނެ މުބާރާތެއް ނޫން ކަމަށް މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެލްޖިއަމް ގައުމީ ޓީމުގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން މިދިޔަ ދެ އަހަރު ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑި ބްރޭނާ ބުނީ ނޭޝަންސް ލީގަކީ ކުޅުންތެރިންނަށް ފައިދާއެއް ކުރާނެ މުބާރާތެއްގެ ގޮތުގައި އޭނާ އަށް ނުވިސްނޭ ކަމަށެވެ.

"އަހަންނަށް ތި ނޭޝަންސް ލީގަކީ އެއްވެސް މުހިންމު މުބާރާތެއް ނޫން، އެކަމަކު، ގައުމީ ޓީމުގައި ހިމެނޭތީ ތި މެޗުތައް ވެސް ކުޅެން ޖެހޭ. މި މެޗުތައް (ނޭޝަންސް ލީގުގެ މެޗުތައް) ހީވަނީ މިއީ ވަރަށް ހާއްސަކޮށްލާފައި ކުޅޭ އެކުވެރިކަމުގެ މެޗުތަކެއްގެ ސިލްސިލާއެއް ހެން. ބުރަ ސީޒަނެއްގައި ކުޅުންތެރިން ހޭދަކޮށްފައި އައިސް، މި ކަހަލަ މަގުސަދެއް ނެތް މުބާރާތެއްގެ ޕްރެޝަރު ދިނުން ރަނގަޅެއް ނޫން،" ޑި ބްރޭނާ ބުންޏެވެ.

މީގެ ކުރިން މަޝްހޫރު ގިނަ ކޯޗުންނާއި ކުޅުންތެރިން ވަނީ ނޭޝަންސް ލީގާއި ދެކޮޅަށް އަޑުއުފުލައިފަ އެވެ. އަދި ބޭނުންހިފޭނެ މަގުސަދެއް ނެތި ނޭޝަންސް ލީގު ކަހަލަ މުބާރާތެއް ޔުއެފާ އިން ކުރިއަށްގެންދާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

"މިިދިޔަ 12 މަސް ދުވަހު އަހަރެމެންނަށް ޗުއްޓީ ލިބުނީ ތިން ހަފްތާ. ބޭރުގައި ތިބި މީހުންނަށް އިހުސާސް ނުވެދާނެ ކުޅުންތެރިއަކު ސީޒަނެއް ނިންމާފައި އެ ހުންނަ ވަރުބަލިކަމެއް. އެކަމަކު، މި އަށް، ކުޅުންތެރިންގެ ސިއްހަތަށް އަހައްމިއްޔަތު ކަމެއް ދޭނެ ބަޔަކު ނެތް،" ޑި ބްރޭނާ ބުންޏެވެ.

ޔުއެފާ އިން ނޭޝަންސް ލީގު ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގްވާމީ މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމުގެ އިތުރުން ބޮޑު މުބާރާތެއް ނޯންނަ އަހަރެއްގައި ފުޓްބޯޅައިގެ ވާދަވެރިކަން ފެންނަ މުބާރާތެއް ބޭއްވުމަށެވެ. ޔުއެފާ އިން 2018 ވަނަ އަހަރު ތައާރަފްކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތަށްޓައް ވާދަކުރެވޭނީ އެ ފަހަރެއްގައި ފުރަތަމަ ކެޓަގަރީގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ކެޓަގަރީ އަކީ ކޮލިފިކޭޝަނެކެވެ. ޔުއެފާ އިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.

މި ސީޒަނުގެ ފުރަތަމަ ކޮޅުގައި ޑި ބްރޭނާ އަށް ވަނީ އަނިޔާގެ ސަބަބުން ރަނގަޅު ކުޅުމެއް ނުދެއްކިފަ އެވެ. އެކަމަކު، މިދިޔަ އަހަރު ފަހު ކޮޅާއި މި އަހަރުގެ ޖެނުއަރީ އަށް ފަހު އޭނާގެ ފޯމު ރަނގަޅު ވަމުން އައިސް ސީޒަން ނިންމާލީ ރަނގަޅު ރޫހެއްގަ އެވެ. މުޅި ސީޒަނަށް ބަލާއިރު، ޑި ބްރޭނާ ވަނީ ހުރިހާ މުބާރާތެއްގައި 49 މެޗުން 19 ގޯލު ޖަހައި، 14 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޑި ބްރޭނާ މި ވަގުތު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކަށެވެ. ޖޫން ތިން ވަނަ ދުވަހު ބެލްޖިއަމް ކުޅޭނީ ނެދަލެންޑްސްއާ އެވެ. އޭގެ ފަހުން ޖޫން އަށް ވަނަ ދުވަހު ޕޮލެންޑާ ބައްދަލުކުރުމަށް ފަހު، ޖޫން 11 ގައި ވޭލްސްއާ ކުޅޭނެ އެެވެ. އަދި 14 ވަނަ ދުވަހު އަނެއްކާ ވެސް ބެލްޖިއަމުން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.