އާދިއްތަ ދުވަހުގެ ވަގުތެއްގައި ގެއްލުނު ނޭޕާލްގެ ޓާރާ އެއާ ފްލައިޓު ވެއްޓުނު ސަރަހައްދުން 14 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ.
މި ފްލައިޓު ވެއްޓުނު އިރު ދަތުރުކުރަމުން ދިޔައީ 19 ޕަސެންޖަރުންނާއި ތިން ކްރޫ މެމްބަރުންނާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލްގެ 16 މީހުންނާއި، އިންޑިއާގެ ހަތަރު މީހުންނާއި ޖަރުމަނުގެ ދެ ރައްޔިތުންނެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ ފްލައިޓު ނައްޓާލީ ނޭޕާލްގެ މަޝްހޫރު ޓުއަރިސްޓު ސަރަހައްދެއް ކަމަށްވާ ޕޮކާރާ އިންނެވެ. ދަތުރުކުރީ ޕޮކާރާގެ ހުޅަނގު އުތުރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދަކަށެވެ.
ގާތްގަނޑަކަށް 20 މިނެޓު ހޭދަވާ އެ ފްލައިޓު ޖައްސަން ކައިރިވެފައި ވަނިކޮށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި މުއާސަލާތީ ގުޅުން ކެނޑި ގެއްލުނީ އެވެ. ފްލައިޓު ވެއްޓުނީ ފަރުބަދަމަތީ ސަރަހައްދަކަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ހޯދުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ނޭޕާލްގެ އަސްކަރިއްޔާގެ ޓީމެއް މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުންނަ ނޭޕާލް އަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓުތައް ގިނައިން ހިނގާ ގައުމެކެވެ. އެ ގައުމުގެ މޫސުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުވުމާއި އަދި ފްލައިޓު ޖައްސަން ހަދާފައި ހުންނަ ލޭންޑިން ސްޓްރިޕްތައް ފަރުބަދަތަކުގެ ތެރޭގައި ހުރުމަކީ އެކަމުގެ މައިގަނޑު ސަބަބުތަކެވެ.
Comment