Advertisement

ރަންގްނިކް، ޔުނައިޓެޑްގެ ކޮންސަލްޓަންޓްގެ މަގާމު ދޫކޮށްލައިފި

29 މޭ 2022 - 19:58 0


ރަންގްނިކް، ޔުނައިޓެޑްގެ ކޮންސަލްޓަންޓްގެ މަގާމު ދޫކޮށްލައިފި

29 މޭ 2022 - 19:58 0

މެންޗެސްޓާ (މެއި 29) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންސަލްޓަންޓްގެ މަގާމު ދޫކޮށްލަން ރަލްފް ރަންގްނިކް ނިންމައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު، އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް ޔުނައިޓެޑުން ރަންގްނިކް، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، ދެން ކުރިއަށް އޮތް ދެ އަހަރުގައި ރަންގްނިކް ބަދަލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ/ ކޮންސަލްޓަންޓެއްގެ މަގާމަކަށެވެ. އެއީ ޓީމުގެ ޓެކްނިކަލް ކަންކަމުގައި ލަފާދިނުމަށެެވެ.

ޔުނައިޓެޑްގެ ކޮންސަލްޓަންޓެއްގެ މަގާމުގައި ހުރެ، ރަންގްނިކް ވަނީ އޮސްޓްރިއާ ގައުމީ ޓީމަށް ކޯޗުކޮށްދޭން ނިންމައިފަ އެވެ. އެކަމަކު، ރަންގްނިކް ފުރަތަމަ ނިންމި ނިންމުން ބަދަލުކޮށް، އޮސްޓްރިއާ އަށް ފުރިހަމަ ފޯކަސް ދޭން ވެެގެން މިހާރު ވަނީ ޔުނައިޓެޑްގެ މަގާމު ދޫކޮށްލައިފަ އެވެ.

ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބުނީ ރަންގްނިކްގެ ކޮންސަލްޓަންސީ ކޮންޓްރެކްޓް ކުރިއަށް ނުގެންދަން ނިންމީ ޔުނައިޓެޑުން ކަމަށެވެ. ރަންގްނިކް ބުނީ އެ ނިންމުމަކީ ދެ ފަރާތް މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި އާރްބީ ލައިޕްޒިގް ހިންގުމުގެ ކޯޗިންގެ އިތުރުން އެޑްމިނިސްޓްރޭޝަން އެކި މަގާމުތަކުގައި ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރި ރަންގްނިކަށް ޔުނައިޓެޑްގެ ކޯޗަކަށް ހުރެ މާ އެދެވޭ ކަމެއް ނުކުރެވުނެވެ. ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑް މޮޅުވީ ކުޅުނު މެޗުތަކުގެ ތެރެއިން 38 ޕަސެންޓް މެޗުންނެވެ. މިއީ މިދިޔަ 50 އަހަރަށް ބަލާއިރު، ޔުނައިޓެޑާ ހަވާލުވި ހުރި ކޯޗެއް މޮޅުވި މެޗުގެ އިންސައްތަ އެންމެ ދަށް ފަހަރެވެ.

ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި ނިންމިއިރު، އެ ޓީމު އަންނަ ސީޒަނުގައި ކުޅޭނީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރޮޕާ ލީގުގަ އެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ގޯލުގެ ތަފާތަކީ ސުމެކެވެ. މިއީ ފާއިތުވި 32 އަހަރުގައި ޔުނައިޓެޑްގެ ލަނޑުގެ ތަފާތާއި ލީގުގައި އެ ޓީމުގެ ޕޮއިންޓުގެ ޖުމްލަ އަދަދު އެންމެ މަދު ފަހަރެވެ.