29 މޭ 2022 - 12:12 0
މުހައްމަދު އުޝާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފަނޑިޔާރަކާ ގުޅޭ ގޮތުން ޔާމީން ދެއްކެވި ވާހަކަ ބަލަން ޖޭއެސްސީން ހުށަހަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު
29 މޭ 2022 - 12:12 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް އޭގައި އެއްވެސް ޖިނާއީ ކަމެއް ހިމެނޭތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅައިފި އެވެ.
ޖޭއެސްސީގެ ތަރުޖަމާނު އިޒްމީރާ ޝިހާމް "އަދަދު" އަށް ވިދާޅުވީ އެ ވާހަކައިގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅީ ފަނޑިޔާރު އަލީ ރަޝީދަށް ނުރައްކާވާ ގޮތަށް ޔާމީން އިންޒާރު ދެއްވި ކަމަށް ބެލެވޭތީ ކަމަށެވެ. އެ މައްސަލަ ފުލުހަށް ފޮނުވީ މިދިޔަ ހަފުތާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރަކު ކުރާ ހުކުމަކާ ގުޅިގެން، ޝަރީއަތް ކުރި ގޮތަކާ ގުޅިގެން، އިންޒާރު ދިން ކަމަށް ބެލެވޭ ނަމަ އެ ކަމެއް ފުލުހުންގެ ސަމާލު ކަމަށް ގެނައުމަކީ މި ކޮމިޝަނުގައި އަބަދުވެސް އޮންނަ އާންމު އުސޫލެއް،" އިޒްމީރާ ވިދާޅުވި އެވެ.
މި މައްސަލަ ބެލުމުގައި ޖިނާއީ ކަމެއް އޭގައި ހިމެނޭ ބެލުމުގެ އިތުރަށް ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީއަށް ސަމާލުވާން ވެސް ޖޭއެސްސީން ފުލުހުންގެ ހިދުމަތުގައި ވަނީ އެދިފަ އެވެ.
ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ބެލެވޭ ޔާމީންގެ ވާހަކަފުޅަކީ ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ބައި އިލެކްޝަންގެ ކެމްޕޭންގައި އެ ރަށުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. އެ ދުވަހު ޔާމީން ވަނީ އަލީ ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އޭރު އިންނެވި ގާޒީ އެވެ. އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ މަގާމު ލިބިވަޑައިގަތީ އެ ހުކުމަށް ފަހުގަ އެވެ.
ޔާމީން ލީޑު ކުރައްވާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ މަގާމު ލިބިވަޑައިގަތީ ޔާމީނަށް ހުކުމް ކުރުމުން އޭގެ "ހަދިޔާއެއް" ގޮތުގަ އެވެ. ނަމަވެސް، ޖޭއެސްސީން ބުނަނީ އަލީ ރަޝީދުގެ ނަން މަޖިލީހަށް ފޮނުވީ ގާބިލުކަމަށް ބެލުމަށް ފަހުގަ އެވެ.
ދަށު ކޯޓުން ޔާމީންގެ މައްޗަށް އިއްވި އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކެއް އުފުލި، އެ މައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Comment