Advertisement

އިރާނުން ގްރީސްގެ ދެ ތެޔޮ ޓޭންކަރު ހިފަހައްޓައިފި

ގްރީސްގެ ދެ ތެޔޮ ޓޭންކަރު ހިފެހެއްޓީ އިރާނުގެ ރޮވިލޮއުޝަނަރީ ގާޑުން.


އިރާނުން ގްރީސްގެ ދެ ތެޔޮ ޓޭންކަރު ހިފަހައްޓައިފި

އިރާން، ތެހްރާން (މޭ 27) - ގަލްފް ސަރަހައްދުން ގްރީސްގެ ދެ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާ ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފި އެވެ.

ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހު ގްރީސްގެ ދެ ތެޔޮ ޓޭންކަރު ހިފެހެއްޓީ ގަވާއިދާ ހިލާފުވުމުން ކަމަށެވެ. ނަމަވެސް ތަފްސީލް ހާމައެއް ނުކުރެ އެވެ.

ގްރީސްއިން އިރާނަށް ތުހުމަތު ކުރީ "ކަނޑު ފޭރުމުގެ އަމަލެއް" ހިންގި ކަމަށެވެ. ހިފެހެއްޓި ޓޭންކަރުތަކުގެ ތެރެއިން ޑެލްޓާ ޕޮސެއިޑޯން ދަތުރު ކުރަމުން ދިޔައީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ގްރީސްއިން ބުނެ އެވެ.

ހިފެހެއްޓި ދެ ވަނަ ޓޭންކަރަކީ ޕްރޫޑެންޓް ވޮރިއާ އެވެ. އެ ޓޭންކަރު ހިފެހެއްޓީ އިރާނުގެ އައްސޭރި ފަށާ ކައިރިން ކަމަށް ގްރީސްގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ދެ ޓޭންކަރުގައި ތިބި ކްރޫ މެމްބަރުންގެ ތެރޭގައި ގްރީސްގެ ނުވަ މީހުން ހިމެނެ އެވެ. ނަމަވެސް ޖުމްލަ ހިމެނެނީ ކިހާ އަދަދެއްގެ މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.

އިރާނުން ގްރީސްގެ ދެ ޓޭންކަރު ހިފަހައްޓާފައިވާ އިރު، މިދިޔަ މަހު ގްރީސްއިން ވަނީ މިދިޔަ މަހު ރަޝިއާގެ ދިދަ ނަގައިގެން ދަތުރު ކުރި ތެޔޮ ޓޭންކަރަކާއި އޭގައި ހުރި އިރާނުގެ ކާގޯ ހިފަހައްޓާފަ އެވެ.

އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ބޯޓު ދޫކޮށްލުމަށް ޑިމާންޑުކޮށްފަ އެވެ. ނަމަވެސް ގްރީސްއިން އުޅެނީ އޭގައި ހުރި ކާގޯ އެމެރިކާއާ ހަވާލު ކުރުމަށެވެ. އެކަމަކު އެއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އިރާނުން ބުނެ އެވެ.

އެ ޓޭންކަރުގައި ހުރީ އިރާނުން ބަރުކުރި 115،000 ޓަނުގެ ތެލެވެ. ގްރީސްއިން ބުނީ އެ ކާގޯ އެމެރިކާއާ ހަވާލު ކުރަން ނިންމީ ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއް ގޮތަށް އަމަލު ކުރުމަށް ކަމަށެވެ.