Advertisement

ކޮލިފައިންގައި ލަންކާ ޓީމު ލީޑުކުރާނީ ވަގުތީ ކޯޗެއް

26 މޭ 2022 - 15:46 0

ލަންކާ ޓީމުގެ އިންޓަރިމް ހެޑް ކޯޗަކަށް ހަމަޖެއްސި ހަސަން ރޫމީ.


ކޮލިފައިންގައި ލަންކާ ޓީމު ލީޑުކުރާނީ ވަގުތީ ކޯޗެއް

26 މޭ 2022 - 15:46 0

ގަތަރުގެ އެސްޕަޔާ ފައުންޑޭޝަންގެ އެހީގައި ތިން އަހަރުގެ ޕްރޮގްރާމެއްގެ ދަށުން ސްރީ ލަންކާ ގައުމީ ޓީމުގެ ކޯޗަކަށް ވޭލްސް ލީގުގައި ކުރިން މަސައްކަތްކުރި އެންޑީ މޮރިސަން، ދާދި ފަހުން ހަމަޖެއްސި ނަމަވެސް އަންނަ މަހު އޮތް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ލަންކާ ޓީމު ލީޑުކުރާނީ އިންޓަރިމް ކޯޗު ހަސަން ރޫމީ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ކަނޑައަޅައިފި އެވެ.

އަންނަ މަހުގެ 8-15 އަށް އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިންގައި ލަންކާ އާއި އުޒްބެކިސްތާންގެ އިތުރުން ދެން ހިމެނެނީ ތައިލެންޑާއި ރާއްޖެ އެވެ.

މޮރިސަންގެ ކޯޗަކަށް ގެނެސް ލަންކާ އިން ވަނީ އަންނަ މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ޕްރެކްޓިސް ވެސް ފަށައިފަ އެވެ. މޮރިސަންގެ އިތުރުން ލަންކާ ޓީމުން ވަނީ އެސިސްޓަންޓް ކޯޗެއް ވެސް ހަމަޖައްސައިފަ އެވެ. އެއީ އޮސްޓްރޭލިއާގެ ކެއިތު ސްޓީވެންސް އެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މޮރިސަން އާއި ކެއިތުއާ މަޝްވަރާ ކުރުމަށް ފަހު ނިންމީ ކުރިއަށް އޮތް ކޮލިފައިންގައި ލޯކަލް ތަޖުރިބާކާރު ކޯޗެއްގެ ދަށުން ލަންކާ ޓީމު ކުޅުމަށެވެ.

އެ ގޮތުން ބަލާއިރު، ލަންކާ ފެޑެރޭޝަނުން އެ ޒިންމާ ހަވާލުކުރީ ކުރިން އެސިސްޓަންޓް ކޯޗަކަށް ހުރި ހަސަން ރޫމީއާ ޓީމު ހަވާލުކުރާށެވެ. ލަންކާގެ ޗެމްޕިއަންކަން ކޮލަމްބޯ އެފްސީ އަށް ގިނަ ފަހަރުތަކެއްގެ މަތިން ހޯދައިދީފައިވާ ރޫމީ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި އޮތް ފޯ ނޭޝަންސް ޓީމުގައި ލަންކާގެ ކޯޗަކަށް ހުރި ބޮސްނިއާގެ އާމިރް އަލަގިޗާ އެކު މަސައްކަތް ކޮށްފަ އެވެ.

ހަސަން ރޫމީގެ ކޯޗުކަމުގައި ލަންކާ އިން ކޮލިފައިން މެޗުތަކުގައި ކުޅުނު ކަމުގައި ވިޔަސް، އޭނާ އަށް އެހީތެރިވުމުގައި މޮރިސަން އާއި ކެއިތު ހަރަކާތްތެރި ވާނެ އެވެ. ރަސްމީކޮށް މަގާމުގެ ފުލް ކޮންޓްރޯލް ނަގައިގެން ކޯޗު މޮރިސަން ޓީމުގެ މަސައްކަތަކާ ހަވާލުވާނީ ކޮލިފައިން އަށް ފަހު އެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ޖޭސްވާރު އުމަރު ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގަތަރުގެ އެސްޕަޔާ ފައުންޑޭޝަނާއި އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، ޓިމް ކޭހިލްގެ އެކެޑަމީއާ އެކު ލަންކާ ފުޓްބޯޅައިން ކުރާ މަސައްކަތުގައި ތިން އަހަރު ތެރޭ ނަތީޖާ ފެންނާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕް ކުރާނެ އެވެ. އަންނަ މަހު އަށް ވަނަ ދުވަހު ކޮލިފައިން ފުރަތަމަ ދުވަހު ލަންކާ ކުޅޭނީ އުޒްބެކިސްތާންއާ އެެވެ. ދެ ވަނަ މެޗުގައި ޖޫން 11 ވަނަ ދުވަހު ތައިލެންޑާ ބައްދަލުކުރުމަށް ފަހު، ޖޫން 14 ވަނަ ދުވަހު ރާއްޖެއާ ކުޅޭނެ އެވެ.