Advertisement

އިރާނުގެ ކާނަލް މަރާލުމުގެ ފަހަތުގައި އޮތީ އިޒްރޭލް

އިރާނުގެ ކާނަލް ސައްޔަދު ހޮދާއީގެ ޖަނާޒާ. -- ފޮޓޯ: އޭއެފްޕީ


އިރާނުގެ ކާނަލް މަރާލުމުގެ ފަހަތުގައި އޮތީ އިޒްރޭލް

ނިއު ޔޯކް، އެމެރިކާ (މޭ 26) - މި ހަފްތާގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކާނަލް ސައްޔަދު ހޮދާއީ މަރާލުމުގެ ފަހަތުގައި އޮތީ އިޒްރޭލް ކަމަށް ބުނެފި އެވެ.

އިޒްރޭލުގެ އޮފިޝަލުން ވަނީ އެމެރިކާ ސަރުކާރާ އެ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ބުނެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކާނަލް ސައްޔަދު ހޮދާއީ މަރާލީ ވެރިރަށް ތެހްރާންގައި އޭނާ ދިރިއުޅޭ ގޭގެ ބޭރުގައި ކާރެއްގައި މަޑުކޮށްގެން އިންދާ، ސައިކަލެއްގައި އައި ހަތިޔާރު އެޅި މީހަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައީސް ވަނީ އޭނާގެ މަރުގެ ބަދަލު ހިފާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އިރާނުން ހަމަލާގެ ތުހުމަތު ކުރަނީ އެމެރިކާ އާއި އިޒްރޭލަށެވެ.

ނިއު ޔޯކް ޓައިމްސްއިން ސިއްރު މަސްދަރުތަކާ ހަވާލަދީ ބުނީ ސައްޔަދު ހޮދާއީގެ މަރަކީ އިރާނުގެ ގުދުސް ފޯސްގެ އޮޕަރޭޝަންތަކާ ދެކޮޅަށް ދިން އިންޒާރެއް ކަމަށެވެ.

ގުދުސް ފޯސްއަކީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ދަށުން ގައުމުން ބޭރުގައި ސިއްރު އޮޕަރޭޝަންތައް ހިންގާ، ފިކުރީ ގޮތުން ހަނގުރާމަ ކުރާ ގްރޫޕެއް ކަމަށް ހުޅަނގުން ބުނެ އެވެ.

އިރާނުގެ ދައުލަތުގެ ޓީވީން ބުނީ ހޮދާއީއަކީ ގުދުސް ފޯސްގެ މެމްބަރެއް ކަމަށެވެ. އަންގާރަ ދުވަހު އޮތް އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.