Advertisement

މަންކީޕޮކްސްގެ 200 އަށް ވުރެ ގިނަ ކޭސް އެކި ގައުމުތަކުން ރިޕޯޓުކޮށްފި

މަންކީޕޮކްސް ޖެހިފައި ހުރި މީހެއްގެ އަތް. -- ފޮޓޯ: އައިސްޓޮކް


މަންކީޕޮކްސްގެ 200 އަށް ވުރެ ގިނަ ކޭސް އެކި ގައުމުތަކުން ރިޕޯޓުކޮށްފި

ސްޓޮކްހޯމް، ސްވިޑަން (މޭ 26) - މަންކީޕޮކްސް އާއްމު ގޮތެއްގައި ނުފެންނަ އެކި ގައުމުތަކުން މިހާތަނަށް 219 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބަލިތަކާ ބެހޭ އެޖެންސީން ބުނެފި އެވެ.

ޔޫރަޕިއަން ސެންޓާ ފީ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ބުނީ މަންކީޕޮކްސް އާއްމު ގޮތެއް ނުފެންނަ 12 އަށް ވުރެ ގިނަ ގައުމުން މަދުވެގެން އެއް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ.

"އާއްމުކޮށް މި ބަލި ފެންނަ ހުޅަނގު އަދު މެދުތެރޭ އެފްރިކާއާ އެއްވެސް ލިންކެއް ނެތި ޔޫރަޕްގައި މީގެ ކުރިން މަންކީޕޮކްސް ފެތުރިފައެއް ނުވޭ،" އީސީޑީސީއިން ނެރުނު ލިޔުމެއްގައި ބުންޏެވެ.

އެ ލިޔުމުގައި ބުނީ ގިނަ ކޭސްތަކުގައި ހިމެނެނީ އެއް ޖިންސުން ގުޅުން ހިންގާ ޒުވާން ފިރިހެނުން ކަމަށެވެ.

އިނގިރޭސިވިލާތުން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓު ކުރީ މޭ މަހުގެ ކުރީކޮޅު އެވެ. މިހާރު އެ ގައުމުގައި ޔަގީންވެފައިވާ 71 ކޭސް އެބަ އުޅޭ ކަމަށް އީސީޑީސީން ބުންޏެވެ.

އޭގެ އިތުރުން ސްޕެއިންގެ 51 ކޭސް، ޕޯޗުގަލްގެ 37 ކޭސް އީސީޑީސީން ފާހަގަކުރި އެވެ. ޔޫރަޕްގެ ބޭރުން ކެނެޑާއިން 15 ކޭސް އަދި އެމެރިކާއިން ނުވަ ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

އީސީޑީސީއިން މޭ މަހުގެ 20 ވަނަ ދުވަހު ބުނީ އެހާތަނަށް ޔަގީންކުރެވިފައި ވަނީ 38 ކޭސް ކަމަށެވެ. އެހެންކަމުން އެ ދުވަހަށް ފަހު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ ފަސް ގުނަ އިތުރުވެފަ އެވެ.