26 މޭ 2022 - 09:35 0
މޮރީނިއޯ ކޮންފަރެންސް ލީގުގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
26 މޭ 2022 - 09:35 0
ޓިރާނާ، އަލްބޭނިއާ (މެއި 26) - ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، އަމިއްލަ ހާއްސަ ރެކޯޑެއް ގާއިމްކުރެވުނު ކަމުގައި ވިޔަސް އެންމެ ބޮޑު އުފަަލަކީ ރޯމާ އަށް ޔޫރަޕްގެ ތަށްޓެއް ހޯދައިދިން ފުރަތަަމަ ކޯޗެއްގެ ގޮތުގައި އެ ޓީމުގެ ތާރީހުގައި އޭނާގެ ނަން އޮތުން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޔުއެފާ އިން މުޅިން އަލަށް މި ސީޒަނުގައި ފެށި، ކޮންފަރެންސް ލީގުގެ ފުރަތަމަ ފައިނަލުގައި ރޭ ރޯމާ އިން ވަނީ 1-0 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. މިއީ ރޯމާ އިން ޔޫރަޕްގެ މަތީ ފަންތީގެ ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. މޮރީނިއޯ ބުނީ މި ކާމިޔާބީ ހާއްސަކުރަނީ ރޯމްގެ މީހުންނަށް ކަމަށެވެ.
"އަހަރެން މި ތަނުގައި (ރޯމާގައި) މިވީ 11 މަސް ދުވަސް. އަހަންނަށް އިހުސާސްކުރެވުނު މި ކްލަބަށް އައިއިރު ވެސް ކާމިޔާބީ އަކީ މި ކްލަބްގެ ސަޕޯޓަރުން ކިހާ ބޮޑަށް ބޭނުންވެފައި ހުރި ކަމެއްކަން،" 14 އަހަރަށް ފަހު ރޯމާ އަށް ފުރަތަމަ ތަށި ހޯދައިދޭން މުހިންމު ރޯލެއް ކުޅުނު މޮރީނިއޯ ބުންޏެވެ.
"މިއީ ހަމައެކަނި ކުރެވުނު ރަނގަޅު މަސައްކަތެއް ނޫން. މި ލިޔެވުނީ ތާރީހު. މިއީ އަހަރެމެން ކުރަން ޖެހޭ ކަމެއް. އަހަރެންގެ އުފަލަކީ ރޯމާގެ މި ތާރީހުގައި އަހަރެންގެ ވެސް ނަން އޮތުން،"
ރޯމާގެ މި ކާމިޔާބީއާ އެކު މޮރީނިއޯ މި ވަނީ ޔޫރަޕްގެ ހުރިހާ ލެވަލެއްގެ ތަށި ހޯދި ފުރަަތަމަ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. މޮރީނިއޯ އަކީ ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)، ޗެމްޕިއަންސް ލީގު އަދި ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކޯޗެވެ. އަދި މޮރީނިއޯ އަކީ އަކީ ތަފާތު ހަތަރު ކްލަބެއް ޔޫރަޕްގެ ފައިނަލަށް ގެންގޮސްދިން ފުރަތަމަ ކޯޗުވެސް މެ އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ރޯމާ ކޮލިފައިނުކޮށްދެވޭތީ، މޮރީނިއޯ އެ ކްލަބް ދޫކޮށްލަފާނެ ކަމަށް ދާދި ފަހުން މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ރޭ މޮރީނިއޯ ބުނީ އަންނަ ސީޒަނުގައި ވެސް ފެންނާނީ ރޯމާ އިން ކަމަށެެވެ.
"މި ވަގުތު އަހަރެން މި ދަނީ ޗުއްޓީ އަށް. ރަނގަޅު ބީޗެއްގައި އަރާމްކޮށްލަން. އެނބުރި އައިސް އަހަރެން ރޯމާގެ ވެރިން، ރޯމާގެ މީހުންނާ މަޝްވަރާކުރާނަން ކުރިއަށް އޮތް ސީޒަނަށް. އަހަރަމެން ތާރީހު ލިޔުމަށް ފަހު ދެން ފަށަން ޖެހޭނީ ވަރަށް ހާއްސަ ޕްރޮޖެކްޓެއް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯއާ އެކު ޔޫރޮޕާ ލީގާއި ޕޯޓޯ އާއި އިންޓަ މިލާން ގޮވައިގެން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި މިރޭ ރޯމާ ގޮވައިގެން މި ވަނީ ކޮންފަރެންސް ލީގު ތަށި އުފުލާލައިފަ އެވެ.
Comment