Advertisement

ކޮވިޑް ޖެހުމަށް ފަހު ފުއްޕާމޭގައި ލޭގަނޑުވުމުގެ ނުރައްކާ އޮވޭ: ދިރާސާ

ކޮވިޑް ފަތުރާ ވައިރަހުގެ މައިކްރޮސްކޯޕިކް އިމޭޖެއް. -- ފޮޓޯ: އޭއެފްޕީ


ކޮވިޑް ޖެހުމަށް ފަހު ފުއްޕާމޭގައި ލޭގަނޑުވުމުގެ ނުރައްކާ އޮވޭ: ދިރާސާ

ވޮޝިންޓަން، އެމެރިކާ (މޭ 25) - ކޮވިޑް ޖެހުމަށް ފަހު ބަލިން ރަނގަޅުވާ މީހުންނަށް ފަހުން ފުއްޕާމޭގައި ލޭގަނޑުވުން ނުވަތަ "ބްލަޑް ކްލޮޓް" ގެ މައްސަލަ ދިމާވުމުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ދިރާސާއިން އެނގުނު ގޮތުގައި އުމުރުން 18-64 އަހަރުގެ ކޮންމެ ފަސް މީހަކުން އެކެއް އަދި އުމުރުން 65 އަހަރުން މަތީގެ ކޮންމެ ހަތަރު މީހަކުން އެކެއް، ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ވެސް ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު، ބައެއް މީހުންނަށް ދިގު މުއްދަތަކަށް ސިއްހީ އެހެން މައްސަލަތަކާއި އުނދަގޫތައް ދިމާވާ ކަމަށް ދައްކާފައިވެ އެވެ.

ސީޑީސީގެ ދިރާސާއިން ދެއްކި ގޮތުގައި ކޮވިޑަށް ފަހު ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ ފުއްޕާމޭގެ ނާރެއް ނުވަތަ އާޓެރީއެއްގައި ލޭގަނޑުވާ ހާލަތެއް ކަމަށްވާ އެކިއުޓް ޕަލްމޮނަރީ އެމްބޮލިޒަމް އެވެ.

އޭގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވުމާއި އޮކްސިޖަން ލިބުން މަދުވުން ފަދަ ސީރިއަސް މައްސަލަތައް ދިމާވެ، ބައެއް ފަހަރު މަރަށް މަގުފަހިވެ އެވެ.

އެ މައްސަލައިގެ އިތުރުން ފުއްޕާމޭގެ އުނދަގޫތައް ކަމަށްވާ ދިގު މުއްދަތަށް ކެއްސުމާއި ނޭވާ ކުރުވުން ފަދަ ކަންކަން ވެސް ކުރިމަތިވެ އެވެ.

ކޮވިޑަށް ފަހު ދިގު މުއްދަތަކަށް ސިއްހީ މައްސަލަތަކާއި އުނދަގޫތައް ދިމާވުމަށް "ލޯންގް ކޮވިޑް" ގެ ގޮތުގައި ދަނީ މުހާތަބު ކުރަމުންނެވެ. މިއީ ރާއްޖޭގައި ވެސް ބައެއް މީހުންނަށް ދިމާވަމުންދާ ކަމެކެވެ.