Advertisement

15 އަހަރަށް ފަހު ހަމްސިކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

24 މޭ 2022 - 15:10 0

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗަކަށް ފަހު ހަމްސިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


15 އަހަރަށް ފަހު ހަމްސިކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

24 މޭ 2022 - 15:10 0

ބްރަޓިސްލާވާ (މެއި 24) - ސްލޮވާކިއާގެ ގައުމީ ޓީމަށް ފާއިތުވި 15 އަހަރު ކުޅުނު މިޑްފީލްޑަރު މަރެކް ހަމްސިކް ގައުމީ ޓީމަށް ކުޅުނު ހުއްޓާލަން ނިންމައިފި އެވެ.

ކެރިއަރުގެ ބޮޑު ބައި އިޓަލީގެ ނަޕޯލީގައި ހޭދަކުރި ހަމްސިކް ،34، ވަނީ ސްލޮވާކިއާގެ ގަައުމީ ޓީމަށް ކުޅުނު 135 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. ސްލޮވާކިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމާއި، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ހަމްސިކްގެ އަތުގަ އެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން،" މިހާރު ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް ކުޅެމުންދާ ހަމްސިކް ބުންޏެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިކަމާމެދު ވިސްނުމަށް ފަހު، އަހަރެން މި ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން."

ސްލޮވާކިއާގެ މެޗެއްގެ ތެރެއިން ހަމްސިކް: އޭނާ ވަނީ ސްލޮވާކިއާއާ އެކު ޔޫރޯ ދެ މުބާރާތާއި ވޯލްޑް ކަޕެއްގައި ކުޅެފައި.


ހަމްސިކް ބުނީ އޭނާގެ ކެރިއަރުގައި އެންމެ ހާއްސައެއް ކަމަކީ ގައުމީ ޓީމަށް ކުޅުނު މެޗުތައް ކަމަށާއި ގައުމީ ޓީމާއެކު ހާސިލްކުރެވުނު ކަންތައްތަކާމެދު ފަހުރުވެރިވާ ކަމަށެވެ.

ސްލޮވާކިއާގެ ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރި ހަމްސިކް ވަނީ އެ ޓީމާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ކުޅެފަ އެވެ.

ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ ކްލަބުން 2002 ވަނަ އަހަރު ކެރިއަރު ފެށި ހަމްސިކް ވަނީ 2004 އިން 2007 އަށް އިޓަލީގެ ބްރެޝިއާ އަށް ކުޅެފަ އެވެ. ގިނަ ބަޔެއްގެ ލޮލުގައި ހަމްސިކް އަޅައިގަތީ 2007 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވި ފަހުންނެވެ. ނަޕޯލީގައި ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުމެއް ދައްކައި، ހަމްސިކް އެ ޓީމު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. އޭރު ބަދަލުވީ ޗައިނާގެ ޑާލިއަން ޕްރޮފެޝަނަލް ކްލަބަށެވެ. މިހާރު ކުޅެމުން އަންނަ ޓްރަބްޒޮންސްޕޯ އަށް ބަދަލުވުމުގެ ކުރިން ހަމްސިކް ވަނީ ސްވިޑެންގެ އައިއެފްކޭ ގޯޓެބޯ އަށް ކުޅެފަ އެވެ. -- އޭއެފްޕީ