Advertisement

އެއާބީއެންބީއިން ޗައިނާގައި ހިދުމަތް ދިނުން ހުއްޓާލައިފި

އެއާބީއެންބީއިން ޗައިނާގައި ހިދުމަތް ދިނުން ހުއްޓާލަން ޖެހުނީ ލޮކްޑައުންތަކާ ހެދި. -- ފޮޓޯ: ޕިކްސަބޭ


އެއާބީއެންބީއިން ޗައިނާގައި ހިދުމަތް ދިނުން ހުއްޓާލައިފި

ސޭން ފްރެންސިސްކޯ، އެމެރިކާ (މޭ 24) - ކޮވިޑާ ގުޅިގެން ޗައިނާގައި ލޮކްޑައުން ކުރުން ނިމުމަކަށް ގެންނާނެ ކަމަށް ނުބެލެވޭތީ އެއާބީއެންބީއިން އެ ގައުމުގައި ހިދުމަތް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

އެއާބީއެންބީއަކީ ފަތުރުވެރިން ނުވަތަ އެކި ބޭނުންތަކުގައި ގައުމުން ބޭރަށް ދަތުރު ކުރާ މީހުންނަށް އަގުހެޔޮކޮށް ތިބެވޭނެ ތަންތަން ހޯދަން އެހީވެދޭ ހޯމް ރެންޓަލް ސާވިސް އެކެވެ.

އޭއެފްޕީއިން ރިޕޯޓު ކުރި ގޮތުގައި ޗައިނާގައި ތިބެވޭނެ ތަންތަން ނުވަތަ ދަތުރު ކުރާ މީހުންނަށް ހާއްސަ "ތަޖުރިބާތައް" މީގެ ފަހުން ބުކް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް، ޗައިނާގައި ތިބި މީހުން އެހެން ގައުމަކަށް ދަތުރު ކުރާ ނަމަ، އެ ފަރާތްތަކަށް ހިދުމަތް ލިބޭނެ އެވެ.

އެކަމާ ގުޅޭ ގޮތުން އެއާބީއެންބީއިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އެއާބީއެންބީއިން ޗައިނާގައި ވިޔަފާރި ފެށީ މީގެ ހަ އަހަރު ކުރިންނެވެ. އެ ތަނުގައި ގާތްގަނޑަކަށް 25 މިލިއަން މީހުންނަށް ހޯމް ސްޓޭ ބުކް ކުރަން އެހީވެދީފައިވެ އެވެ.

ނަމަވެސް ފަހަކަށް އައިސް އެއާބީއެންބީ މެދުވެރިކޮށް ހައްދާ ބުކިންސް ޗައިނާގައި ވަރަށް ބޮޑަށް މަދުވެ، ކުންފުނީގެ ޖުމްލަ ބުކިންގްސްގެ އެއް ޕަސެންޓަށް ވުރެ ވެސް ދަށްވެފައިވާ ކަމަށް ވެ އެވެ.

ޗައިނާގައި އެއާބީއެންބީގެ ވިޔަފާރިއަށް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ކޮވިޑާ ދެކޮޅަށް ޗައިނާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.

އެ ގައުމުން ކޮވިޑް އެއްކޮށް ނައްތާލުމުގެ ބޭނުމުގައި ސަރުކާރުން ދަނީ ބައެއް ބޮޑެތި ސިޓީތަކުގައި ހަރުކަށި ފިޔަވަޅު އަޅައި، ބައެއް ސަރަހައްދުތައް ދިގު މުއްދަތަކަށް ލޮކްޑައުން ކުރަމުންނެވެ.