Advertisement

ޖަރުމަނު ކަޕާ އެކު ލައިޕްޒިގަށް ފުރަތަމަ ތަށި

22 މޭ 2022 - 08:56 0


ޖަރުމަނު ކަޕާ އެކު ލައިޕްޒިގަށް ފުރަތަމަ ތަށި

22 މޭ 2022 - 08:56 0

މިއުނިކް (މެއި 22) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ފްރެއިބާގް ބަލިކޮށް، އާރްބީ ލައިޕްޒިގުން ފުރަތަމަ ފަހަރަށް ޖަރުމަނު ކަޕްގެ ތަށި އުފުލާލައިފި އެެވެ.

މިއީ ފާއިތުވި 11 އަހަރު ތެރޭ ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކް ނެތި ކުޅުނު ފުރަތަމަ ޖަރުމަނު ކަޕް ފައިނަލެވެ.

ލައިޕްޒިގުގެ މި ކާމިޔާބީ އަކީ ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގައި އެ ޓީމަށް ލިބުނު ފުރަތަމަ ތަށްޓެވެ. މީގެ ކުރިން، ޖަރުމަނު ކަޕްގައި 2019 އާއި 2021 ވަނަ އަހަރު ބައްދަލުކޮށް ބަލިވިއިރު، ޖަރުމަނު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފަހުން ލައިޕްޒިގު ވަނީ ދެ ފަހަރު ލީގުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ޖަރުމަނު ކަޕް ފައިނަލުގައި ލީޑުނެގީ 19 ވަނަ މިނިޓްގައި ފްރެއިބާގް އިންނެވެ. މި ގޯލު ޖެހީ އޭރިއާބޭރުން މެކްސިމިލިއަން އެގެސްޓެއިން އެވެ. އެ ގޯލު ޖެހުމުގެ ކުރިން ފްރެއިބާގް ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުނު ކަމަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.

ލައިޕްޒިގުގެ މާސެލް ހަލްސްޓެންބާގަށް 57 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކުމުން، ލައިޕްޒިގު ބަލިވާނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެ ޓީމަށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ، ކްރިސްޓޮފާ އެންކުންކޫ 76 ވަނަ މިނިޓްގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ ވިލީ އޮބާން ބޮލުން ޖައްސާލި ބޯޅަ އަކުން އެންކުންކޫ ޖެހި ގޯލެކެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލައިޕްޒިގުގެ ކެވިން ކަމްޕަލް ބެންޗުގައި އިންދައި ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ލައިޕްޒިގުގެ ޑެނީ އޮލްމޯ އަށް ކުރި ފައުލަކަށް ޕެނަލްޓީ ދޭން ކަމްޕަލް އެޕީލްކުރި ގޮތުން ދެއްކި ކާޑެކެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ލައިޕްޒިގުގެ ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެެވެ. ލައިޕްޒިގުގެ ޕެނަލްޓީތައް ޖެހީ އެންކުންކޫ، އޮބާން، އޮލްމޯ އަދި ބެންޖަމިން ހެންރިޗްސް އެވެ. ފްރެއިބާގްގެ ހަތަރު ޕެނަލްޓީ ތެރެއިން ކާމިޔާބުވީ ނައިލް ޕެޓަސަން އާއި ކެވިން ކްލޮޓަބެކް ޖެހި ޕެނަލްޓީ އެވެ. އެކަމަކު، ކްރިސްޓިއަން ގަންޓާ އާއި އެމެޑިން ޑެމިރޯވިޗް ޖެހި ޕެނަލްޓި ނާކާމިޔާބުވެ، ފްރެއިބާގް ބަލިވީ އެވެ.