Advertisement

ޓޮޓެންހަމް އިން ވާނާގެ ސޮއިހޯދަނީ

6 ޖަނަވަރީ 2024 - 20:10 0


ޓޮޓެންހަމް އިން ވާނާގެ ސޮއިހޯދަނީ

6 ޖަނަވަރީ 2024 - 20:10 0

ލަންޑަން (ޖެނުއަރީ 6) - ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް، ޓިމޯ ވާނާ، ލޯން ޑީލެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވާން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ 18 މަސް ކުރިން، ވާނާ، 27، ވަނީ ޗެލްސީ ދޫކޮށް އަލުން ކުރީގެ ޓީމު އާރްބީ ލައިޕްޒިގަށް ބަދަލުވެފަ އެވެ.

ޗެލްސީން 2020 ވަނަ އަހަރުގެ ޖޫން މަހު ވާނާގެ ސޮއި ހޯދީ ލައިޕްޒިގަށް 55 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. އޭގެ ދެ އަހަރު ފަހުން، ލައިޕްޒިގުން އަލުން ވާނާ ގެނައީ 33 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ވަނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ކުޅުންތެރިން ގެންނާނެ ކަމަށް ބުނެފަ އެވެ.

އެ ގޮތުން، ވާނާ ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ، ޓޮޓެންހަމްގެ ކެޕްޓަން، ސޮން ހެއުން މިން، މި މަހު ފަށާ އޭޝިއަން ކަޕް ކުޅެން ގައުމީ ޓީމާ ގުޅޭނެތީ އެވެ.

ވާނާ، ޓޮޓެންހަމާ ގުޅޭނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޓޮޓެންހަމް އާއި ލައިޕްޒިގުން މި ވަގުތު އެންމެ ބޮޑަށް މަޝްވަރާ ކުރަމުން އަންނަނީ، ވާނާގެ ކޮންޓްރެކްޓް ދާއިމީ ކުރާނެ މާއްދާއެއް އެއްބަސްވުމުގައި ހިމަނާނެތޯ އެވެ.

މި ސީޒަނުގައި މިހާތަނަށް ވާނާ ހުރީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. އެ ގޮތުން، ހުރިހާ މުބާރާތެއްގައި ވާނާ، ކުޅުނު 14 މެޗުން ޖެހުނީ ދެ ގޯލެވެ. ޗެލްސީ އަށް ކުޅުނުއިރު ވެސް ވާނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެއް ލެވަލެއްގައި ފޯމު ދަމަހައްޓަން ކުރާ މަސައްކަތް ކާމިޔާބުނުވުމެވެ.

ޓޮޓެންހަމްގެ އިނގިރޭސި ޑިފެންޑަރު، އެރިކް ޑަޔާ ހޯދަން ޖަރުމަނުގެ ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕޮސްޓެކޮގްލޫ ބުނީ ބަޔާނުން ޑަޔާ އަށް ޝައުގުވެރިވާ ކަމުގެ މައުލޫމާތު އަދި ޓޮޓެންހަމަށް ރަސްމީކޮށް ނުލިބޭ ކަމަށާއި، އެ ފަދަ އޮފާއެއް އައިސްފިނަމަ މަޝްވަރާ އަށް ތައްޔާރު ކަމަށެވެ.