Advertisement

އޭއެފްސީ ރައީސް ކަމުގެ ތިން ވަނަ ދައުރަށް ޝޭހު ސަލްމާން ކުރިމަތިލައްވަނީ

19 މޭ 2022 - 13:17 0


އޭއެފްސީ ރައީސް ކަމުގެ ތިން ވަނަ ދައުރަށް ޝޭހު ސަލްމާން ކުރިމަތިލައްވަނީ

19 މޭ 2022 - 13:17 0

މަނަމާ (މެއި 19) - އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް، އެ އިދާރާގެ ރައީސްގެ މަގާމުގައި ހުންނެވި ބަހުރޭން ޝޭހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ނިންމަވައިފި އެވެ.

އޭއެފްސީގެ ރައީސްގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވާ ޝޭހް ސަލްމާން، ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވީ އިއްޔެ އޮތް އޭއެފްސީގެ ކޮންގްރެސްގަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އޭއެފްސީގެ އިންތިހާބީ ކޮންގުރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޝޭހު ސަލްމާން ނިސްބަތްވެވަޑައިގަންނަވާ ގައުމު ކަމަށްވާ ބަހުރޭންގަ އެވެ.

"އޭއެފްސީގެ ރައީސްގެ މަގާމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލުމަށް އަހަރެން ނިންމައިފިން،" ޝޭހް ސަލްމާން ވިދާޅުވި އެވެ. "އުންމީދުކުރަނީ ތިން ވަނަ ދައުރެއް ކާމިޔާބުކުރުމަށް ވެސް، ތިޔަ ފަރާތްތައް (މެމްބަރު އެސޯސިއޭޝަންތައް) އަހަންނަށް ތާއީދުކޮށް، ސަޕޯޓު ދޭންކަމަށް."

ބަހުރޭންގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހު ސަލްމާން އޭއެފްސީގެ ރައީސްގެ މަގާމުގެ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް މި އިއުލާންކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިތާ ދުވަސްތަކެއް ފަހުންނެވެ.

ފީފާގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ޖިއާނީ އިންފަންޓީނޯ އިންތިހާބުވެވަޑައި ގަތްއިރު، ޝޭހު ސަލްމާން އަކީ އިންފަންޓީނޯއާ ވާދަކުރައްވަން ނުކުތް ކެންޑިޑޭޓެކެވެ.

ޝޭހް ސަލްމާން އޭއެފްސީގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކެއްގައި އޭއެފްސީގެ ރައީސްގެ މަގާމުގައި ހުރި ގަތަރުގެ މުހައްމަދު ބިން ހައްމާމް އުމުރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑްކުރުމުންނެވެ.

ހައްމާމްގެ ދައުރުގައި ބާކީ އޮތް ދެ އަހަރުގައި އޭއެފްސީގެ ރައީސްގެ މަގާމު އަދާކުރެއްވީ ޝޭހު ސަލްމާނެވެ. އޭގެ ފަހުން، 2015 އަދި 2019 ވަނަ އަހަރު ޝޭހު ސަލްމާން އޭއެފްސީ ރައީސްގެ މަގާމަށް ހޮވިވަޑައިގަތްއިރު، އޭނާއާ ދެކޮޅަށް ކެންޑިޑޭޓެއް ނުނިކުމެވެ. -- އޭއެފްޕީ