Advertisement

ކޯޅުންގަނޑަށް ފަހު ނަޝީދާއި ފައްޔާޒު އެއް މޭޒަކަށް

16 މޭ 2022 - 15:35 0


ކޯޅުންގަނޑަށް ފަހު ނަޝީދާއި ފައްޔާޒު އެއް މޭޒަކަށް

16 މޭ 2022 - 15:35 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވައި އެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އޮތީ ދެ ފެކްޝަންގެ ވާދަވެރިކަމެވެ. ފައްޔާޒާ ވާދަކުރެއްވީ، ނަޝީދުގެ ތާއީދާއެކު ނުކުންނެވި އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އިންތިހާބުގެ ކެމްޕޭނުގައި އެއް ޓީމުން އަނެއް ޓީމަށް ބަހުގެ އެކި ހަމަލާތައް ފޮނުއްވި އެވެ. ބޮޑެތި ތުހުމަތުތައް ވެސް އަމާޒު ކުރެވުނެވެ.

ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި އިންތި ބަލި ގަބޫލު ކުރެއްވި އެވެ. އަދި އިންތިހާބީ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު ވަނީ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދުއާ ބައްދަލު ކުރައްވައިފަ އެވެ. ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދަކީ ފައްޔާޒުގެ އުފަން ދުވަހެވެ. އެމްޑީޕީގެ އޮފީހުގައި އޮތް އެ ބައްދަލުވުމަށް ފަހު ފައްޔާޒުގެ އުފަން ދުވަހުގެ މުނާސަބަތުގައި ނަޝީދާއެކު ކޭކް ވެސް ފައްޅުވާފައިވެ އެވެ.

ޗެއާޕާސަން އިންތިހާބުގެ ކުރިއަށް ނަޝީދު ވަނީ އެކި ފަހަރު މަތިން ފައްޔާޒު ވަޒީރު ކަމުން ވެސް ވަކިކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ކަމަށް ލޮބީކޮށް ބައެއް މެންބަރުންގެ ސޮއި ވެސް ހޯއްދެވި އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭ ވަރަށް ސޮއި ނުލިބޭތީ އެ ކަން މަޑުޖައްސާލީ އެވެ.

ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ފައްޔާޒު އުޅުއްވަނީ ޕާޓީ ތެރޭގައި "ބްރޯ" އަށް ވެގެންނެވެ. މީގެ ކުރިން ސިޔާސީ މަސްރަހުގައި "ބްރޯ" ލަފުޒު ނިސްބަތް ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށެވެ. އެއީ އޭނާގެ ނުފޫޒުގަދަކޮށް ހިޔާނާތުގެ ފައިސާ ސިޔާސީ އެކި ފަރާތްތަކާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބައްސަވަމުން ދިއުމުންނެވެ.

ފައްޔާޒަށް ކުރައްވާ ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވެފައިވަނީ އޭނާގެ ކަންކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި ވަކި ކޮމިޓީއެއް އުފައްދައިގެން ވެސް ބަލަންވީ ކަމަށެވެ.

މި ގޮތަށް ދެ ފަރާތުން އެކަކު އަނެކަކަށް ތުހުމަތު ކުރައްވަމުން ގެންދެވި ދުވަސްވަރު ވެސް އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީން ކަން ދެ ފަރާތުން ވެސް ދެމުން ގެންދިޔަ އެވެ.

ޗެއާޕާސަންގެ އިންތިހާބު ވާދަވެރިވެ ދިޔަ ސަބަބަކީ އެމްޑީޕީގެ ކޮންގްރެސް މި އަހަރަށް ތާވަލުކޮށްފައިވާއިރު، "ދެވަނަ އުކުޅަސް ކޮންގްރެސް" ގެ ރިޔާސަތު ބަލަހައްޓަވަނީ އާ ޗެއާޕާސަން ކަމަށް ވާތީ އެވެ.

އެމްޑީޕީގެ އެތެރޭގައި ފަލްސަފީ ގޮތުން ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މީގެ ސަބަބުން ޕާޓީގެ ރައީސް ނަޝީދު ބޭނުންފުޅުވާ ކަންކަން ހޯއްދަވަން ގިނަ ހުށަހެޅުއްވުންތަކެއް ކޮންގްރެސްއަށް ހުށަހަޅުއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ނަޝީދު ފުރަތަމަ ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވުމަށެވެ. އެ ކަން ނުވާ ނަމަ، މަދުވެގެން 30 ޕަސެންޓް ވޯޓުން ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ވެސް ހުށަހަޅުއްވަ އެވެ.

ރިޔާސީ ނިޒާމު ދަމަހައްޓަން ނިންމާނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރައްވާނެ ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ. ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުނުވިޔަސް އެމަނިކުފާނުގެ އަރިސް ބޭފުޅުން މިހާރު ވެސް އެ ކަމަށް ކެމްޕޭން ކުރައްވަ އެވެ.