Advertisement

އިރާނުން ޔޫރަޕަށް ގޭސް އެކްސްޕޯޓް ކުރަން ވިސްނަނީ

ތެޔޮ ކާރުހާނާއެއް.


އިރާނުން ޔޫރަޕަށް ގޭސް އެކްސްޕޯޓް ކުރަން ވިސްނަނީ

ތެހްރާން، އިރާން (މޭ 15) - ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލިފައި ވަނިކޮށް، އިރާނުން ޔޫރަޕަށް ގޭސް އެކްސްޕޯޓް ކުރުމާ މެދު ވިސްނަމުންދާ ކަމަށް ބުނެފި އެވެ.

"އިރާނުން ދަނީ މިކަން ދިރާސާ ކުރަމުން އެކަމަކު އަދި ނިންމުމަކަށް ނާދެވޭ،" ތެލާ ބެހޭ ޑެޕިއުޓީ މިނިސްޓަރު މާޖިދް ޗެގެނީ ވިދާޅުވި އެވެ.

"އިރާނުން އަބަދުވެސް މަސައްކަތް ކުރަނީ ހަކަތައިގެ ޑިޕްލޮމެސީ ހިޔާރުކޮށް މާކެޓު ފުޅާ ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ގޭސް ރިޒާވް އޮންނަނީ އިރާނުގަ އެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި އެ ސިނާއަތަށް ވަރަށް ބޮޑަށް ގެއްލުންވެ އެވެ.

ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތެލާއި ގޭހުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ އިރު، އެންމެ ބޮޑަށް އަސަރު ކުރަނީ ރަޝިއާގެ ހަކަތައަށް ބަރޯސާވާ ޔޫރަޕްގެ ގައުމުތަކަށެވެ.

މިދިޔަ އަހަރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް 155 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ރަޝިއާއިން ލިބުނެވެ. އެއީ އީޔޫއަށް އިމްޕޯޓް ކުރި ގޭހުގެ 45 ޕަސެންޓެވެ.