Advertisement

ސީގޭމްސްގައި އިންސާފުކުރުމުގެ ޝަރަފް މުންތަގިމާއި އިއްބެ އަށް

15 މޭ 2022 - 08:08 0

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިއްބެ (ކ) އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުންތަގިމް


ސީގޭމްސްގައި އިންސާފުކުރުމުގެ ޝަރަފް މުންތަގިމާއި އިއްބެ އަށް

15 މޭ 2022 - 08:08 0

ވިއެޓްނާމްގެ ހަނޯއިގައި މިހާރު ކުރިއަށްދާ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސްގައި އިންސާފުކުރުމުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އާއި މޯލްޑިވްސް ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު އަށް ލިބިވަޑައިގެންފި އެވެ.

ސީ ގޭމްސްގެ އެތުލެޓިކްސްގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި މުންތަގިމް ހަމަޖެއްސިއިރު، އިއްބެ ހިމެނީ ބޮޑީބިލްޑިން ޑިސިޕްލިންގެ ނިއުޓްރަލް ޖަޖެއްގެ ގޮތުގަ އެވެ.

އެތުލެޓިކްސްގެ އިންޓަނޭޝަނަލް ރެފްރީކަން ކުރުމުގެ ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ މުންތަގިމް ވަނީ 2019 އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސްގެ އިސް ޓެކްނިކަލް އޮފިޝަލްގެ މަގާމު ފުރައިފަ އެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ ޗެފް ޑި މިޝަނަރަކަށް މަސައްކަތް ކުރެއްވި މުންތަގިމް ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތްތަކުގައި އިންސާފުކުރުމުގެ އިތުރުން އޭޝިއާ ބައްރުގެ ޔޫތު މުބާރާތުގައި ވެސް އޮފިޝަލްކަން ކޮށްފަ އެެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ބޯޑު މެމްބަރެއްގެ މަގާމު ފުރުއްވަމުން އަންނަ، ރާއްޖޭގެ ބޮޑީބިލްޑިން ރައީސް، އިއްބެ ވަނީ މީގެ ކުރިން ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ އެކި ލެވަލްތަކުގެ މުބާރާތްތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އެ ގޮތުން ބޮޑީބިލްޑިންގެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

އިއްބެ މީގެ ކުރިން ގޭމްސް އެއްގެ ބޮޑީބިލްޑިން އިވެންޓެއްގެ ޖަޖުކަން ކޮށްފައެއް ނުވެ އެވެ. އެ ގޮތުން ބަލާއިރު، މި މަހު 23 ގެ ނިޔަލަށް ކުރިއަށްދާ ސީ ގޭމްސް އަކީ އިއްބެގެ ޖަޖުކުރުމުގެ ކެރިއަރުގައި އާ ތަޖުރިބާ އެކެވެ.

ރާއްޖޭގެ އޮފިޝަލުން ވަނީ އެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ އިވެންޓްތަކުގެ އިތުރުން މަލްޓި ސްޕޯޓްސް ގޭމްސްތަކުގައި ވެސް އޮފިޝަލްކަން ކޮށްފަ އެވެ. އެ ގޮތުން ކޮމަންވެލްތު ގޭމްސް، އޭޝިއަން ގޭމްސް އަދި އޮލިމްޕިކްސްގައި ވެސް ދިވެހި އޮފިޝަލުން ފެންނަ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.