13 މޭ 2022 - 22:49 0
އަހުމަދުﷲ އަބްދުލްހާދީ
ދިވެހި ގައުމީ ބޮޑު ދިދަ ހުންނަ ޖުމްހޫރީ މައިދާން އަދި ރައީސް ފާލަން ފެންނަ ކަނޑުމަތިން ނަގާފައިވާ ފޮޓޯއެއް: ގައުމީ ދިދަ އާންމުކޮށް ބައި ދަނޑިއަށް ތިރިކުރަނީ ހިތާމަވެރި ހާދިސާތަކާއި ރާއްޖެއާއި ބޭރު ގައުމުތަކުގެ އިސްވެރިން އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރުމަށް. ފޮޓޯ: ފައިލް
13 މޭ 2022 - 22:49 0
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ތިން ދުވަހަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ޝައިހު ހަލީފާ އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމުގެ ހިތާމައިގައި ރައީސް ސޯލިހު ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.
ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ނިންމެވީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ޝައިހު ހަލީފާ އަވަހާރަވިއިރު، އެމަނިކުފާނުގެ އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު އަވަހާރަވިކަން ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ ޑަބްލިއުއޭއެމްއިން އިއުލާންކުރީ މިއަދުގެ ވަގުތެއްގަ އެެވެ.
އެގައުމުގެ ރައީސް އަވަހާރަވުމާއެކު ޔޫއޭއީގައި ވަނީ މިއަދުން ފެށިގެން 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް އިއުލާންކޮށްފަ އެވެ.
ޝައިހު ހަލީފާ ބިން ޒާއިދު އަލް ނަހްޔާން އަކީ ޔޫއޭއީގެ 16 ވަނަ ވެރިޔާ އެވެ. އެމަނިކުފާނު، އެގައުމުގެ ވެރިކަމަށް ވަޑައިގަތީ 2004 ވަނަ އަހަރު، އެމަނިކުފާނުގެ ބައްޕާފުޅަށްފަހު އެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ޝައިހު ހަލީފާ އެންމެ ފާހަގަކުރެވިފައިވަނީ ޔޫއޭއީގެ އަބޫދާބީއާއި އެގައުމުގެ ސަރުކާރުގެ ހިންގުމަށް ގެންނެވި ބަދަލުތަކުންނެވެ. އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ 10 އަހަރު އެންމެ ބޮޑަށް ހޭދަވެގެން ދިޔައީ އެ މަސައްކަތްތަކަށް ކަމަށް ފާހަގަކޮށްލެވެ އެވެ.
އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން. ފޮޓޯ: ރިއުޓާޒް
ޝައިހު ހަލީފާއަކީ ޔޫއޭއީގެ އިތުރުން އެގައުމުގެ ވެރިރަށް އަބޫދާބީގެ ވެރިޔާ ވެސް މެ އެވެ. އަބޫދާބީ އަކީ ދުބާއީއެކޭ އެއްގޮތަށް ޔުއޭއީގައި ހިމެނޭ ހަތް އެމިރޭޓްގެ ތެރެއިން އެއް އެމިރޭޓެކެވެ.
ވެރިކަމަށް ވަޑައިގަތްފަހުން އެމަނިކުފާނަށް 2014 ވަނަ އަހަރު ވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފަ އެވެ. އޭގެ ފަހުން އެމަނިކުފާނު އާންމުންނަށް ފެނިފައިވަނީ މަދު ފަހަރަކު އެވެ. އޭގެ ފަހުން ވެރިކަމުގައި އެމަނިކުފާނުގެ ދައުރު މައިގަނޑުކޮށް ފެންނަނީ ރަމްޒީކޮށެވެ.
ވެރިކަމުގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރައްވަނީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ ޝައިހު އަދި ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާން އެވެ. ޝައިހު ހަލީފާ އަވަހާރަވުމާއެކު ޝައިހު މުހައްމަދު ވަނީ ވެރިކަމުގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވެ.
ޝައިހު ހަލީފާ އަދި ޝައިހު މުހައްމަދު ވެސް ނިސްބަތްވެވަޑައިގަންނަވާ އަލް ނަހްޔާން އާއިލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. އެ އާއިލާގެ މުއްސަނދިކަން ގާތްގަނޑަކަށް 150 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ބެލެވިފަ އެވެ.
ޝައިހު ހަލީފާ އަވަހާރަވުމާއެކު ގިނަ ގައުމުތަކަކުން ދަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment