Advertisement

އޭޕްރީލް މަހު ދައުލަތުގެ އާމްދަނީ އަންދާޒާތަކަށް ވުރެ 45 ޕަސަންޓު އިތުރު

މާލޭގައި ހިންގާ ބައެއް ވިޔަފާރިތަކުގެ ބޯޑުތައް: މިދިޔަ މަހު ޖީއެސްޓީގެ ގޮތުގަައި ދައުލަތަށް ވަނީ 877 މިލިއަން ރުފިޔާ ލިބިފަ. ފޮޓޯ: ފައިލް


އޭޕްރީލް މަހު ދައުލަތުގެ އާމްދަނީ އަންދާޒާތަކަށް ވުރެ 45 ޕަސަންޓު އިތުރު

މިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އަންދާޒާކުރި އަދަދަށްވުރެ 45.8 ޕަސަންޓު އިތުރު ވެއްޖެ އެވެ.

މީރާއިން ބުނީ ރޯދަ މަހާ ދިމާވި މިދިޔަ އޭޕްރިލް މަހު މީރާއަށް ލިބުނީ ޖުމްލަ 1.63 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށެވެ. އެއީ އަންދާޒާކުރި ވަރަށް ވުރެ 45.8 ޕަސަންޓު އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 14.7 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވެ، އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެވެ.

އޭގެ އިތުރުން ވެސް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބަލައިގަތް އާމްދަނީ ބެހިފައިވާ ގޮތް


ޖީއެސްޓީ: 977.88 މިލިއަން ރުފިޔާ (60 ޕަސަންޓު) ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ: 153.60 މިލިއަން ރުފިޔާ (9.4 ޕަސަންޓު) އިންކަމް ޓެކްސް: 124.72 މިލިއަން ރުފިޔާ (7.7 ޕަސަންޓު) ގްރީން ޓެކްސް: 87.25 މިލިއަން ރުފިޔާ (5.4 ޕަސަންޓު) އެއަޕޯޓް ޑިވެލޮޕްމަންޓް ފީ: 76.71 މިލިއަން ރުފިޔާ (4.7 ޕަސަންޓު) އެހެނިހެން ޓެކުހާއި ފީ: 210.12 މިލިއަން ރުފިޔާ (12.9 ޕަސަންޓު)

މީރާއިން އިތުރަށް ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގަައި 72.65 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށެވެ.