Advertisement

ގަތަރުގެ އެހީގައި ލަންކާ ގައުމީ ޓީމަށް އިނގިރޭސި ކޯޗެއް

12 މޭ 2022 - 14:19 0

ލަންކާގެ ކޯޗަކަށް ހަމަޖެއްސި މޮރިސަން: މިއީ އިންގްލެންޑުން ބޭރުގައި އޭނާގެ ފުރަތަމަ ކޯޗިން ވަޒީފާ.


ގަތަރުގެ އެހީގައި ލަންކާ ގައުމީ ޓީމަށް އިނގިރޭސި ކޯޗެއް

12 މޭ 2022 - 14:19 0

ގަތަރުގެ އެސްޕަޔާ ފައުންޑޭޝަންގެ އެހީގައި ތިން އަހަރުގެ ޕްރޮގްރާމެއްގެ ތެރެއިން ސްރީ ލަންކާ ގައުމީ ޓީމުގެ ކޯޗަކަށް ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކޮށް، ކޯޗިންގައި ވޭލްސް ލީގުގައި މަސައްކަތްކުރި އެންޑީ މޮރިސަން ހަމަޖައްސައިފި އެވެ.

މޮރިސަންގެ ކޯޗަކަށް ގެނައުމުގެ އިތުރުން ލަންކާ ޓީމުން ވަނީ އެސިސްޓަންޓް ކޯޗެއް ވެސް ހަމަޖައްސައިފަ އެވެ. އެއީ އެސިސްޓަންޓް ކޯޗަކަށް ހުންނާނީ އޮސްޓްރޭލިއާގެ ކެއިތު ސްޓީވެންސް އެވެ. ލަންކާ އިން އަންނަނީ ގޯލްކީޕަރު ކޯޗެއް ހަމަޖައްސަމުގެ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު "އަދަދު" އަށް ބުނީ މަސައްކަތް ކުރީ އާ ކޯޗިން ޓީމު އަންގާރަ ދުވަހު އެ ގައުމަށް ގެނެވޭތޯ ކަމަށާއި އެކަމަކު، އެ ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި އޮތުމުންނާއި އެކިއެކި ސަބަބުތަކަށްޓަކައި އާ ކޯޗިން ޓީމު ގެނައުން ފަސްވީ ކަމަށެވެ. އަދި މިހާރު އުންމީދުކުރަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ކޯޗިން ޓީމު ގެނެސްގެން މަސައްކަތް ފެށުމަށް ކަމަށެވެ.

ލަންކާ ޓީމުގެ ކޯޗުގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރަކަށް ކުރިން ހުރީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްގެން ހުރި ބޮސްނިއާގެ އާމިރު އަލަގިޗް އެވެ. ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދިން އަލަގިޗް ދޫކޮށްލަން ލަންކާ އިން ނިންމީ އެ ގައުމުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އަލަގިޗަށް ދޭން ޖެހޭ ބޮޑު މުސާރަ އޭނާ ބޭނުންވާ ގޮތަށް ދެވެން ނެތުމުންނެވެ.

ކުރިން ބެލެވިފައި އޮތީ އަލަގިޗް. ލަންކާ ޓީމާ ވަކިވާނީ އަންނަ މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު ކަމަށެވެ. އެކަމަކު، މިހާރު އަލަގިޗް ވަނީ ޓީމުގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފަ އެވެ. އެހެން ކަމުން، ދެން ލަންކާ ޓީމު ޕްރެކްޓިސް ފަށާނީ މޮރިސަންގެ އިރުޝާދުގެ ދަށުންނެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ މޮރިސަން ކުޅުމުގެ ކެރިއަރަށް ބަލާއިރު، އޭނާ ވަނީ 1998-2002 އަށް ސިޓީ އަށް ކުޅެ، ގިނަ މެޗުތަކެއްގައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ހަޑްސްފީލްޑް ޓައުން އާއި ބްލެކްޕޫލް އަދި ބްލެކްބާން ރޯވާސް އަށް ވެސް ކުޅުނު މޮރިސަންގެ ކޯޗިން ކެރިއަރުގައި ވަނީ ވޭލްސް ޕްރޮފެޝަނަލް ލީގުގެ ކޮނާސް ކުއޭ ނޯމަޑްސް އަށް ކޯޗުކޮށްދީފަ އެވެ. ވޭލްސް ލީގުގެ މޮޅު ކޯޗުކަން ވެސް ހޯދާފައިވާ މޮރިސަން ވަނީ ނޯމަޑްސް އަށް އެ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދައިދިނުމުގެ އިތުރުން ވޭލްސް ކަޕާއި ވޭލްސް ލީގު ކަޕްގެ ތަށި ވެސް ހޯދައިފަ އެވެ.

އިންގްލެންޑުން ބޭރުގައި މޮރިސަންގެ ފުރަތަމަ ވަޒީފާ އަކީ ލަންކާ ގައުމީ ޓީމެވެ. އޭނާ ލަންކާ ގޮވައިގެން އަންނަ މަހު ނުކުންނާނީ އުޒްބެކިސްތާންގައި ކުޅޭ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ. އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކުޅޭ ގްރޫޕްގައި އެ ގައުމުގެ އިތުރުން އޮތީ ލަންކާ އާއި ތައިލެންޑް އަދި ރާއްޖެ އެވެ.