11 މޭ 2022 - 17:30 0
11 މޭ 2022 - 17:30 0
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ އަންހެން ކެޑޭޓް ސިންގަލްސް ކެޓަގަރީގެ ފައިނަލުގައި އިންޑިއާގެ ޖެނިފާ އަތުން 3-2 ސެޓުން ބަލިވެ ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަށް ރިހި މެޑަލް ލިބިއްޖެ އެވެ.
ފަނަރަ އަހަރުން ދަށަށް ހާއްސަ ކެޑޭޓް ކެޓަަގަރީގެ ފައިނަލުގައި ދީމާ އާއި ޖެނިފާ ވަރްގީސީ ބައްދަލުކުރި މެޗުގެ ސެޓުތައް ދިޔައީ 13-11، 04-11، 11-05، 11-13 އަދި 11-06 އިންނެވެ. ދީމާ އަތުން މޮޅުވި ޖެނިފާ އަކީ 15 އަހަރުން ދަށުގެ ރޭންކިންގައި ދުނިޔޭގެ 18 ވަނަ އެވެ. އެންމެ ފަހުން ނެރުނު ރޭންކިންގައި ދީމާ އޮތީ 111 ވަނައިގަ އެވެ.
ދީމާ ވަނީ ކެޑޭޓާއި ޖޫނިއާ ކެޓަގަރީގައި ވެސް ވާދަކޮށްފަ އެވެ. ފާއިތުވި ތިން ދުވަހު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތުގައި މި ފަހަރު ރާއްޖެ އަށް ވަނީ ހަ މެޑަލް ލިބިފަ އެވެ. އެއީ ކެޑޭޓް އާއި ސިންގަލްސް ޓީމު އިވެންޓްގެ އަންހެން ކެޓަގަރީން ދެ ލޯ މެޑަލާއި ޖޫނިއާ އާއި ކެޑޭޓް އަންހެން ޑަބަލްސް ކެޓަގަރީން ދެ ލޯ މެޑަލް އެވެ. އަދި ޖޫނިއާ އަންހެން ސިންގަލްސް ބައިގައި ދީމާ ހޯދި ލޯ މެޑަލާއި ކެޑޭޓް އަންހެން ސިންގަލްސް ފައިނަލުގައި ދީމާ ހޯދި ލޯ މެޑަލް އެވެ.
ސެމީ ފައިނަލުގައި އިންޑިއާގެ ސަތީކާ އަތުން ދީމާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 11-09، 11-06 އަދި 15-13 އިންނެވެ.
މިއަދު ހަވީރު ކުޅުނު ކެޑޭޓް އަންހެން ސިންގަލްސްގައި ދީމާ އާއި ޖެނިފާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ފުރަތަމަ ސެޓު ފަށައިގެން ދީމާ ވަނީ 1-7 އިން ވެސް ލީޑެއް ނަގައިފަ އެވެ. އެކަމަކު، ޖެނިފާ ފެނުނީ ރަނގަޅަށް ހަމަޖެހިގެން ޕްރެޝަރަށް ނުވެއްޓި ކުޅެގެން، ސެޓުގެ ސްކޯ އަނބުރާލިތަނެވެ. އެ ގޮތުން ޖެނިފާ ފުރަތަމަ ސެޓު 13-11 އިން ގެންގޮސްފަ އެވެ.
ފުރަތަމަ ސެޓު ނިންމާލި ގޮތަށް ޖެނިފާ ދެ ވަނަ ސެޓު ފެށީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެކަމަކު، ދީމާ ވަނީ އަމިއްލަ އަށް ހެދޭ ގޯސްތައް މަދުކޮށް މި ސެޓުގައި ހިތްވަރު ދައްކައި، މޮޅަށް ކުޅެފަ އެވެ. ދީމާ މި ސެޓު ގެންދިޔައީ 04-11 އިންނެވެ. ޖެނިފާ އަށް ސެޓުގެ ތެރެއަށް ވަންނަން ޖާގައެއް ނުލިބޭ ވަރުގެ ކުޅުމެއް ދީމާ ދެއްކި އެވެ.
ތިން ވަނަ ސެޓު ފަށައިގެން ދީމާ އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ނަމަވެސް 5-5 އިން އެއްވަރުވި ހިސާބުން މެޗުގެ އޮއެވަރު ބަދަލުކޮށްލައި، ޖެނިފާ މޮޅަށް ކުޅެ މި ސެޓު 11-05 އިން ގެންދިޔަ އެވެ. ދެން ފެނިގެންދިޔައީ މި މެޗުގެ އެންމެ ފޯރިގަދަ ސެޓެވެ. ހަތަރު ވަނަ ސެޓުގައި 09-05 އިން ޖެނިފާ ކުރީގައި އޮތެވެ. ޖެނިފާ އަށް ސެޓު ނިންމާލައި، ޗެމްޕިއަންކަން ހޯދަން ދެ ޕޮއިންޓަށް ގާތްވެފައި އޮތް ހާލަތެއްގައި، ދީމާގެ ފައިޓިން ސްޕިރިޓް ވަރަށް ރަނގަޅަށް ފެނުނެވެ. ވިސްނުންތެރިކަމާ އެކު ކުޅެގެން ދީމާ ވަނީ ހަތަރު ވަނަ ސެޓު 11-13 އިން ގެންގޮސް ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގައި ޖެނިފާ ވަނީ ދީމާ އަށް ކޮންޓްރޯލް ލިބުމުގެ ފުރުސަތެއް ނުދީ ސެޓު ފަށައިގެން ރަނގަޅަށް ކުޅެފަ އެވެ. ޖެނިފާ މި ސެޓު ގެންދިޔައީ 11-06 އިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment