ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ޖޫނިއާ އަދި ކެޑޭޓް ސިންގަލްސް ސެމީ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.
ސަރަހައްދީ ޖޫނިއާ މުބާރާތުގެ ކެޑޭޓް ކެޓަގަރީގެ ސިންގަލްސް ސެމީ ފައިނަލުން ދީމާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ނޭޕާލްގެ އިވާނާ ތާޕާ ބަލިކުރުމަށް ފަހު އެވެ. ސީދާ ތިން ސެޓުން މޮޅުވި މެޗުގެ ސެޓުތައް ރާއްޖޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ ދީމާ ގެންދިޔައީ 11-4، 11-9 އަދި 11-7 އިންނެވެ.
ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުން ދީމާ މޮޅުވީ ނޭޕާލްގެ ސުބަޝްރީ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު 11-4 އިން ދިމާ ހޯދި ނަމަވެސް ދެ ވަނަ ސެޓުގައި ރަނގަޅަށް ކުޅެ ސުބަޝްރީ މި ސެޓު ހޯދީ 9-11 އިންނެވެ. ދީމާ ވަނީ ފަހު ދެ ސެޓުގައި ތަފާތު މޮޅުކޮށް ކުޅެ ނޭޕާލް ކުޅުންތެރިޔާ އަށް އެއްވެސް ފުރުސަތެއް ނުދީ މެޗު ކާމިޔާބުކުރި އެވެ. ފަހު ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-1، 11-4 އިންނެވެ.
ކެޑޭޓް ބައިގެން އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ދީމާ ނުކުންނާނީ ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އަތުން ކުއާޓާ ފައިނަލުން މޮޅުވި އިންޑިއާގެ ސަންދިކާއާ ދެކޮޅަށެވެ.
އިންޑިއާގެ އެއް ވަނަ ސަންދިކާއާ ދެކޮޅަށް ކުއާާޓާ ފައިނަލުގައި މިޝްކާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ތިން ސެޓު އެއް ސެޓުން މިޝްކާ ބަލިވި މި މެޗުގެ ފުރަތަމަ ސެޓު ހޯދީ ވެސް މިޝްކާ އެވެ. ފުރަތަމަ ސެޓު 12-10 އިން މިޝްކާ ހޯދި ނަމަވެސް ޖެހިގެން އައި ސެޓު 5-11 އިން ކާމިޔާބުކުރީ ސަންދިކާ އެވެ. ފަހު ދެ ސެޓުގައި ރަނގަޅު ވާދައެއް ކުރި ނަމަވެސް މިޝްކާ އަށް މޮޅުވެވޭ ގޮތެއް ނުވި އެވެ. ސަންދިކާ ފަހު ދެ ސެޓު ހޯދީ 9-11، 9-11 އިންނެވެ.
ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި ރަފާ ބަލިވީ އިންޑިއާގެ ސުހާނާ ސައިނީ އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސުހާނާ ގެންދިޔައީ 2-11، 7-11 އަދި 5-11 އިންނެވެ. ރަފާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ސުހާނާގެ މި ލެވަލްގެ ތަޖުރިބާ ރަނގަޅުވުމުން މެޗުގައި ފެނުނީ އެ ތަފާތެވެ.
ސެމީ ފައިނަލުގައި ދިމާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 1:45 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment