Advertisement

ގްރޫޕުގެ އެއް ވަނަ ހޯދައި ދީމާ ސިންގަލްސް ދެ ކެޓަގަރީގެ ކުއާޓާ ފައިނަލަށް

10 މޭ 2022 - 23:28 1

ޕޮއިންޓެއް ހޯދުމަށް ފަހު ދީމާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގްރޫޕުގެ އެއް ވަނަ ހޯދައި ދީމާ ސިންގަލްސް ދެ ކެޓަގަރީގެ ކުއާޓާ ފައިނަލަށް

10 މޭ 2022 - 23:28 1

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022 ގެ ޖޫނިއާ އަދި ކެޑޭޓް ބައިގެ ސިންގަލްސް ގްރޫޕްގެ އެއް ވަނަ ހޯދައި ކުއާޓާ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި އިއްޔެ ފެށި މުބާރާތުގެ ޓީމު އިވެންޓާއި ޑަބަލްސް އިވެންޓް މިހާރު ނިމިފައިވާއިރު، ރާއްޖެއިން ވަނީ މިހާތަނަށް ހަތަރު ލޯ މެޑަލް ހޯދާފަ އެވެ. މި ހަތަރު މެޑަލްގައި ވެސް ދީމާގެ ހިއްސާ އެބައޮތެވެ. ޖޫނިއާ ޓީމު އިވެންޓާއި ކެޑޭޓް ޓީމު އިވެންޓުގެ އަންހެން ލޯ މެޑަލް ހޯދި ދެ ޓީމުގައިވެސް ދީމާ ހިމެނެ އެވެ. މީގެ އިތުރުން ޖޫނިއާ އަންހެން ޑަބަލްސް ލޯ މެޑަލް ހޯދި ޕެއާގައި ދީމާ ހިމެނެ އެވެ. އަދި ކެޑޭޓް ބައިގެ އަންހެން ޑަބަލްސް ލޯ މެޑަލް ހޯދި ޕެއާ ގައިވެސް ދީމާ ހިމެނެ އެވެ.

އަންހެން ސިންގަލްސްގައި ދީމާ ވަނީ މިރޭ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ޖޫނިއާ ބައިގެ ގްރޫޕް ސީގައި ދީމާ ފުރަތަމަ ނުކުތީ ސްރީ ލަންކާގެ އަލްޔަޗިއްޓީއާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުގައި ދީމާ ނުކުތީ ނޭޕާލްގެ އިވާނާ ތާޕާއާ ދެކޮޅަށެވެ. މި މެޗު ވެސް ދީމާ ކާމިޔާބުކުރީ އެއްވެސް ފުރުސަތެއް ނުދީ ތިން ސެޓުންނެވެ.

ޖޫނިއާ ސިންގަލްސް ކުއާޓާ ފައިނަލުގައި ދީމާ ކުޅޭނެ ކުޅުންތެރިއެއް އެނގޭނީ މާދަމާ ހެނދުނު ގްރޫޕް ޑީގައި ކުޅޭ ފަހު މެޗު ނިމުމުންނެވެ.

ކެޑޭޓް ކެޓަގަރީގެ އަންހެން ސިންގަލްސްގައި ދީމާ ފުރަތަމަ ކުޅުނީ ބަންގްލަދޭޝްގެ އޮއިޝީ ރަހުމާނާ ދެކޮޅަށެވެ. މި މެޗު ދިމާ ކާމިޔާބުކުރީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. ގްރޫޕް ބީގެ ފަހު މެޗުގައި ދީމާ ނުކުތީ ނޭޕާލްގެ ބިޔަންކާ ރާއީ އާ ދެކޮޅަށެވެ. މި މެޗުން ވެސް ދީމާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ސިންގަލްސްގައި ރާއްޖޭގެ އެހެން ކުޅުންތެރިން ކުޅުނު މެޗުތަކަށް ބަލާއިރު އައިޝަތު ރަފާ ނާޒިމް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ހޫރު ހަސަން އާ ވާދަކޮށް 3-2 ސެޓުން ކާމިޔާބުކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި ރަފާ މާދަމާ ނުކުންނާނީ ސްރީ ލަންކާގެ ބިމަންދަނީއާ ދެކޮޅަށެވެ.

ޖޫނިއާ ބައިގެން ފިރިހެން ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު ތާބިން ބަލިވީ ބަންގްލަދޭޝްގެ ކުޅުންތެރިއަކު އަތުން ސީދާ ތިން ސެޓުންނެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހެނދުނު ތާބިން ކުޅޭނީ ސްރީ ލަންކާގެ ދައުޝްކާއާ އެވެ. ޖޫނިއާ ބައިގައި ރާއްޖޭގެ އައުޒަމް އަޒީމް ކުޅުނު މެޗުން ބަލިވީވެސް ސީދާ ތިން ސެޓުންނެވެ. އޭނާ ބަލިވީ އިންޑިޔާގެ ޕަޔާސްއާ ވާދަކޮށެވެ. ގްރޫޕް އޭގެ ފަހު މެޗުގައި އައުޒަމް ނުކުންނާނީ ނޭޕާލްގެ ސަންޔޮންއާ ދެކޮޅަށެވެ. އެ މެޗުތައް އޮތީ މާދަމާ އެވެ.

ކެޑޭޓް ބައިގައި ރާއްޖޭގެ ޒީކު ހަސަން ލަތީފް ބަލިވީ ސްރީ ލަންކާގެ ޖަނިތު އަތުން ސީދާ ތިން ސެޓުންނެވެ. ގްރޫޕް ސީގެ ފަހު މެޗުގައި ޒީކް ނުކުންނާނީ ޕާކިސްތާންގެ އައްބާސް އަމްޖަދު ޚާންއާ ދެކޮޅަށެވެ. ކެޑޭޓް ބައިގެ ރާއްޖޭގެ އުމީރު މުހައްމަދު މުއިއްޒު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. އުމީރު ބަލިވީ އިންޑިއާގެ ޕްރަދިވަދީ އަތުން ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ސިންގަލްސް ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ.