10 މޭ 2022 - 12:41 0
ފާތިމަތު އަޖްފާން
ގިރާވަރު ފަޅު: އެ ތަން ހިއްކައި ގޯތި ދޫކުރަން ވަނީ ނިންމާފައި--
10 މޭ 2022 - 12:41 0
މާލެ ރައްޔިތުންނަށް ދޭން މި ސަރުކާރުން ވައުދުވެފައިވާ ގޯތި ދޫކުރާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން މިދިޔަ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު ވަނީ އިއުލާނުކުރައްވައިފަ އެވެ.
މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ފަށާނެ ތާރީހަކާ ގުޅޭގޮތުން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "އަދަދު" އަށް ވިދާޅުވީ އަދި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށާއި ދުވަހެއް ކަނޑައެޅުމުން ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ގޯތި ދޫކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވެފައި ވަނީ މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރާ ގުޅިފަޅުން ގޯތި ދޫކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި، ގިރާވަރުން ދޫކުރާ ގޯތިތަކާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ އެ ފަޅު ހިއްކުމަށްޓަކައި މިހާރު ޕްލޭންތައް ކުރަމުންދާ ކަމަށާއި އަދި އެ މަޝްރޫއު އަށް ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، މިހާރު އިމާރާތް ކުރަމުންދާ 5،000 އެއްހާ ހައުސިން ޔުނިޓުތަކުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ހިއްސާކުރެއްވި މައުލޫމާތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނޭ މައިގަނޑު މަޝްރޫއުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފަ އެވެ.
އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ ސައިޓް ވެސް ހަވާލުކޮށް މަސައްކަތް މޮބިލައިޒް ކުރެވިފައިވާއިރު، އެ މަޝްރޫއުތައް ނިންމަން އަދި ދެ ތިން އަހަރު ނަގާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ހިއްކި ގުޅީފަޅާއި ވިލިމާލެ އާއި ތިލަފުށި އަދި މާލެ ގުޅާލުމަށް ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަޝްރޫއުގެ ދަށުން ގިރާވަރު ފަޅު ވެސް އެ ބްރިޖާއެކު ގުޅިގެންދާނެކަން ރައީސް ސޯލިހު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އެހެންވެއްޖެނަމަ, މާލޭ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Comment