Advertisement

އަލްކަރާޒް މެޑްރިޑް އޯޕަން ޗެމްޕިއަންކަން ހޯދައިފި

9 މޭ 2022 - 00:40 0

އަލްކަރާޒް މެޑްރިޑް އޯޕަން ތަށްޓާ އެކު އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އަލްކަރާޒް މެޑްރިޑް އޯޕަން ޗެމްޕިއަންކަން ހޯދައިފި

9 މޭ 2022 - 00:40 0

މެޑްރިޑް (މެއި 8) - މެޑްރިޑް އޯޕަން ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އަލެކްސަންޑަ ޒްވެރެވް ބަލިކޮށް ސްޕެއިންގެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަރާޒް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

މިދިޔަ މަހު މިއާމީ އޯޕަން ޗެމްޕިއަންކަން ހޯދި އަލްކަރާޒް، 19، މި ވަނީ މި މަހު މެޑްރިޑް އޯޕަން ތަށި އުފުލާލައި، އޭނާގެ ކާމިޔާބު ރެކޯޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފަ އެވެ. މިރޭގެ ފައިނަލުގައި އަލްކަރާޒް ވަނީ ފަސޭހަކަމާ އެކު 6-3 6-1 ޒްވެރެވްގެ މައްޗަށް ކުރިހޯދައިފަ އެެވެ. މިއީ ޒްވެރެވާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން އަލްކަރާޒަށް ލިބުނު ފުރަތަމަ މޮޅެވެ.

އަލްކަރާޒްގެ މި ކާމިޔާބީ ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރަފައެލް ނަޑާލް ބަލިކުރުމުގެ އިތުރުން ސެމީ ފައިނަލުގައި ނޮވަކް ޖޮކޮވިޗް ކަޓުވާލައިފަ އެވެ. އަލްކަރާޒަކީ އެއް މުބާރާތެއްގައި ނަޑާލާއި ޖޮކޮވިޗް އަތުން މޮޅުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި ޖޮކޮވިޗްގެ މައްޗަށް ކުރިހޯދައި އަލްކަރާޒް ވެފައިވަނީ ފާއިތުވި 17 އަހަރު ތެރޭ ދުނިޔޭގެ އެއް ވަނައިގައި އޮތް ކުޅުންތެރިއަކު ބަލިކުރި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

"މި މުބާރާތުގެ ކާމިޔާބީ އަހަންނަށް ވަރަށް ހާއްސަވާނެ. އެއީ އަހަރެން އުމުރުން ހަތެއް ނޫނީ އަށް އަހަރުގައި މި މުބާރާތް ބަލަން އައި. އަހަންނަކީ މިހާރު މި މުބާރާތުގެ ޗެމްޕިއަނެއް،" އަލްކަރާޒް ބުންޏެވެ.

މެޑްރިޑް އޯޕަންގެ ކާމިޔާބީއާ އެކު އަލްކަރާޒަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. މި މުބާރާތުގެ ޕޮއިންޓްތަކާ އެކު އަލްކަރާޒް ދުނިޔޭގެ ރޭންކިންގެ ހަ ވަނަ އަށް ޖެހިލާނެ އެވެ.

އަލްކަރާޒް މި ވަނީ އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗުން މޮޅުވެފަ އެވެ. ދެން އޭނާ ކުރިމަތިލާނީ ކުރިއަށް އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތާ އެވެ. މި މަހު 16 ވަަނަ ދުވަހު ފަށާ ފްރެންޗް އޯޕަން ނިމޭނީ އަންނަ މަހު ފަހެއްގަ އެވެ.