Advertisement

އުމަރު އީސާގެ "ދިރިއުޅުމުގެ މަސްރަހު"ން 13 ބާވަތެއްގެ މީހުން


އުމަރު އީސާގެ "ދިރިއުޅުމުގެ މަސްރަހު"ން 13 ބާވަތެއްގެ މީހުން

"ފިތުނަތަކަކުން މަސްތުވާވަރު ހިތުގެ ގިނަ ސަކަރާތުގާ، ބިތުމަސާނުވެގެން ތިބާ ދެކިލަން ދިޔާމާ މޮޅިފިލާ" ކަމަށް ބުނެ ލޯބިވެރިޔާއާ ހަނދު އެއްފަދަ ކޮށްގެން ހެއްދެވި މި ޅެމުން އެކަނި ވެސް މައުލޫގެ ބޮޑުކަމާއި ދައްކަންޖެހޭ ވާހަކައިގެ އުސްކަން ހާމަވެ އެވެ. ޅެމުގެ ފުރަތަމަ ބައިތު ވެސް ކިޔައިލަދީ ހިތް އުފާކޮށްލައިގެން ނޫނީ މި މައުލޫގައި ކުރިއަށް ނުގުޑާނެކަމަށް ވިސްނަން ވެސް ޖެހެ އެވެ. ފުރަތަމަ ބައިތު މި އޮތީ އެވެ. އަސަރު ހުންނާނީ، ނައިފަރު ދޮހޮއްކޮގެ ލަވަ ކިޔާ ރާގުގައި ބައިތު ކިޔައިލުމުންނެވެ.

"މުނިފޫހި ތިބާ އެރިތަން ފެނިފާ ދުނިޔޭގެ ނުދާނޭހެ ދެންފިލާ،

މުނިޔާގެ ފޮޓޯ ދުރުގާ ހުރެގެން ދައްކާ ގޮތަކުން ދެން ސާދިލާ"

މި ދައްކަނީ ކޮން ލަވައެއްގެ ވާހަކައެއްކަން ފަހުމު ވެއްޖެކަމަށް ބަލަމެވެ. އާއެކެވެ. މި ދައްކަނީ ކުޅަދާނަ ޅެންވެރިޔެއް، ދެވަނައެއް ނެތް ލިޔުންތެރިއެއްގެ ތަފާތު ހިޔާލުތަކެއްގެ ވާހަކަ އެވެ. ބޭރުގެ ކަރަތަކުގައި ފަތުއަޑު ކިޔައި ވިކުނު ވާހަކަތައް، ބުރަކަމެއް ނެތި ދިވެހި ބަހަށް ބަދަލުކޮށްލައި ދިން މުތަރުޖިމެއްގެ ވާހަކަ އެވެ. އެ ޒަމާނުގައި އެންމެ މަގުބޫލުވެ ދުނިޔެ އެ ވާހަކަތަކުގެ އަވާގައި ޖެހުނު ވާހަކަތައް ކަމަށްވާ "ޖޯން އާއި ޖޭން"، "ހަނގުރާމައިގެ ރަންހާރު" ތަކެއްގެ ތެރެއިން ޖާސޫސް ކުރުމަށް ހުޅުވާލި ދޮރުތަކާއެކު "ރަތްބުރު"ގެ ޝަރަފާއެކު "ކަލީލާ ވަދިމްނާ" ފެން ފަދައިން މޫރިތިވި ދިވެހި ބަހަށް ގެނެސްދިން އަދީބުގެ ވާހަކަ އެވެ. އާއެކެވެ. މި ދެންނެވުނީ ދިވެހި އަދަބީ ޖައްވުން ފިލާ ނުދާނެ މުތްތަކެއް ފަދަ އުފެއްދުން ތަކެކެވެ. މި ވަދެލަނީ މިފަދަ ގުލްޒާރެއްގެ ތެރެއަށެވެ. މި އުފެއްދުންތަކުގެ ބާނީއަކީ، 1916 ވަނަ އަހަރު ފުރަމާލެއަށް އުފަން، އައްޝައިހު އުމަރު އީސާ އެވެ. އެހެން އިބާރާތަކުން ނަމަ އީސާ ކަލޭފާނުގެ ދޮންމަނިކެވެ.

އުމަރު އީސާއޭ ބުނުމުން އަދުގެ ޖީލަށް އެއީ ކޮން ބޭފުޅެއްކަން ފަހުމު ނުވެދާނެ އެވެ. ނޭނގިދާނެ އެވެ. މަޝްހޫރުކަމުގެ ތިލަފަތުގައި އެ މަނިކުފާނުގެ ނަންފުޅު މަންސަފާއެއްގައި އޮތް ނަމަވެސް، އެ މަނިކުފާނުގެ ދެލި ހުސްނުވާ ގަލަމުން އަމުނައިލާފައިވާ ލިޔުންތައް ފެނުމާއެކު އެއީ ކޮން ބޭފުޅެއްތޯ ހިތާހިތާ ސުވާލުކޮށްލާނެ އެތައް ޒުވާނުންނެއް ތިބޭނެ އެވެ. އެ ޔަގީންކަން އެބައޮތެވެ. އެ މަނިކުފާނުގެ "ފޫހިފިލުވާ ގުލްޒާރު"ގެ ވަސް އަދިވެސް ފަނޑުވުމެއް ނެތި ދިވެހި އަދަބުގައި އެ ހުރީ އެއްވަސްވެފަ އެވެ. ނަމަވެސް، މިކަން އެނގޭނީ ހޯދާބަލައިގެންނެވެ. އާއެކެވެ. މަޝްހޫރީ މީހާއެއް ނޫނެވެ. މީހާގެ އުފެއްދުންތަކެވެ.

އެ މަނިކުފާނުގެ އަގުހުރި ގަލަންކޮޅުގެ ތުނޑާ ހަމައަށް ތިލަކޮށްދެއްވާ އަމުނާލާފައިވަނީ ސީދާ "އުމަރު އީސާ"ވަންތަ ހިޔާލުތަކެވެ. ކޮންމެ ޖުމުލައަކުން ފެންނަނީ ސާދާ ކަމާއި ސީދާ ކަމެވެ. ދިވެހި ބަހުގެ ލުއިކަމާއި ރިވެތި ކަމެވެ. މޫރިތިވި ބަސްމަގާއި ކިޔައިލަން ފަހި ވިސްނުން ތަކެވެ. ސިއްރަކީތޯ އެވެ. އާދޭހެވެ. އެ މަނިކުފާނު ވިދާޅުވީ މިހެންނެވެ.

އަހަރެން ކޮންމެހެން މީހަކު ކޮޕީކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ލިޔާނީ އަހަރެންގެ ގޮތަށެވެ. ލިޔާ މައުލޫއެއްގައި ގޮސް އެ، ޖައްސާ އެއްޗެއް އަހަރެން ފޫދުއްވާލާނަމެވެ. މިއީ އަހަރެންގެ ގޮތެވެ."

މިއީ އަދުގެ ލިޔުންތެރިން ދަސްކުރާން ޖެހޭ ބަސްކޮޅެކެވެ. ފޮޅުވަތް އަޅައިގެން ތަކުރާރުކޮށް ލިޔެގެން ވެސް ހިތަށް ވައްދަން ޖެހޭ މަފުހޫމެކެވެ. އާއެކެވެ. މައުލޫއެއްގައި ޖެއްސި ޖެއްސީނުން ފޫދުއްވާލުމުގެ ވިސްނުމެވެ. އެ ހިޔާލެވެ. ކިޔުންތެރިންގެ ހިތަށް ލިޔުންތެރިޔާގެ ގަލަން މަހައިލެވޭނީ ނުވަތަ ގަލަމުގެ ދެލި އޮހޮރުވާލެވޭނީ އެ ވަރުކޮށްގެންނެވެ. ޒަމާނީ ގޮތަށް ނަމަ ލިޔުންތެރިޔާ މިއަދު ކީބޯޑުން ފިތައިލާ ކޮންމެ އަކުރަކުން އެމުނެމުންދާ ލަފުޒުތަކުން ދިއްލޭންވީ ކިޔުންތެރިޔާގެ ސިކުނޑި އެވެ. އެކަން ކުރާން ޖެހޭނީ އެ ވިސްނުން ބޮލަށް ލައިގެން ލަފުޒުތައް ހޮވައިގެންނެވެ. ޖުމުލަތައް އަމުނައިގެންނެވެ. ހިޔާލުތައް ގަތައިގެން ލުއި ލަފުޒުތަކެއް ބޭނުންކޮށްގެންނެވެ. ސީދާ ސުރުހީއާ ކިޔުންތެރިޔާގެ ހިތާ މީޒާންކޮށްގެންނެވެ. އެކަން ކުރެވޭނީ ލިޔުންތެރިޔާގެ ސީދާ ވެގެންނެވެ. ސާބިތުވެގެންނެވެ. މިކަން ދަސްކުރާން ބޭނުންވާ ޒުވާނުންނަށް މުންނާރު މަޖައްލާގައި ޝާއިޢުކޮށްފައިވާ އުމަރު އީސާގެ "ދިރިއުޅުމުގެ މަސްރަހުން" މި ލިޔުމަށް މަތިމަތިން ކަޅިއެއް ހިންގައިލަން ދައުވަތު ދެމެވެ.

ލިޔުމުގައި ހުރި ވާހަކަތައް

ލިޔުން ފަށްޓަވާފައި ވަނީ ޝައުގުވެރި ބުނުމަކުންނެވެ. ލިޔުންތެރިޔާއަށް ހައިރާންކަން ލިބޭ ބައެއް ކަންކަމުގެ ވާހަކައިންނެވެ.

ދިރިއުޅުމުގެ މަސްރަހުން ފެންނަމުންދާ ރިވާޔަތްތަކުގައި ހުރި ތަފާތެއްގެ ބޮޑުކަމާ އެވެ! ދިރިއުޅުމުގެ މައިދާނުގައި ހިންގޭ ހޭދަތަކާއި އަތުލެވޭ އިނާމުތައް ކުރެވޭތީ ފެންނަ ޖިހާދުތަކާއި ކުރިމަތިވާތީ ދައްކާ ނަތީޖާތަކުގައި ހުރި ހިލާފެއްގެ ބޮޑުކަމާ އެވެ!"

ލިޔުމުގެ ފެށުމުގައި ދައްކާފައި ވަނީ ފުންކޮށް ވިސްނައިލަން ޖެހޭ ވާހަކަތަކެކެވެ. ފަލްސަފާވެރި ހިޔާލުތަކަކުން ގަތައިލައި އަމުނައިލައިފައި ވަނީ އިންސާނީ ދިރިއުޅުމުގައި ފެންނަން ހުރި ކަންކަމުގެ ވާހަކަތަކެވެ.

ދެ ވަނަ ޕެރެގުރާފު ފަށްޓަވަނީ ބަލާގާތުގެ ސުވާލެއް ދޫކޮށްލަމުންނެވެ. "އިންސާނީ ހަޔާތަކީ ކޮބައިތޯ؟" ކުރައްވާ ސުވާލަށް މީހުން ދީފާނެ ޖަވާބުތަކެއް ވެސް ގެނެސްދީފައި ވަނީ ސުވާލެއްގެ ގޮތުގަ އެވެ.

"އެއީ ފަހެ މާބަނޑުން، ދުނިޔޭގެ ދޫލަ މައްޗަށް އެކޮޅުކޮޅުން ވެއްޓިގަތުންތޯ އެވެ؟ އެ ދޫލައިގައި މައުނައެއް ނެތް ދެކޮޅުނުޖެހޭ ރޮނގުތަކެއް ކުރަހައިލައިފައި އޭގެ ބޭރުން ފުންމައިލުންތޯ އެވެ؟ އިންސާނީ ހަޔާތަކީ ޅަފުރައިން ޒުވާން ފުރައިން މުސްކުޅި ފުރަޔަށް މުސްކުޅި ފުރައިން ކަށްވަޅުގެ އަނދިރިތަކުގެ ތެރެއަށް ދަތުރު ކުރަމުން ބޯ އޮބާލާފައި އޮއްސިގެން ދިޔުންތޯ އެވެ؟ ނުވަތަ ދިރިއުޅުމަކީ ކައިފައި، ބޮއިފައި، ދުނިޔޭގެ ސްޓޭޖަށް އަގުނެތް ދެތިން ބޮލެއް ދޫކޮށްލައިފައި ދުނިޔެއިން ވަކިވުންތޯ އެވެ؟"

މި ހިޔާލުތަކަށް ބަލައިލުމުން ފެނިގެން ދަނީ މިއަދުވެސް ކަންބޮޑުވާ މައްސަލަތަކުގެ ވާހަކަތަކެވެ. އާއިލާ ރޭވުމާއި ދަރީން ތަރުބިއްޔަތު ކުރުމުގައި ވަމުންދާ އިހުމާލުތަކުގެ ސަބަބުން ދުނިޔޭގެ ސްޓޭޖަށް އަގެއް ނެތް އެތައް ބޮލެއް އިތުރުވަމުންދާކަމެވެ. މިގޮތަށް ދިރިއުޅުން މާނަކުރާ ނަމަ އިންސާނުންނާއި ޖަނަވާރުންގެ ފަރަގެއް ނެތްކަމަށް އުމަރު އީސާ ވިދާޅުވެ އެވެ. ނުވަތަ ފަނިފަކުސާއަކަށް ވުރެ ވެސް އަހައްމިއްޔަތު ކުޑަވެފައި އެ ދަރަޖައަށް ވެއްޓޭނެ ކަމަށް ވިދާޅުވެ އެވެ. ދެން ހިއްސާކުރައްވަނީ ދުނިޔޭގައި އުޅޭއިރު އެކި ކަހަލަ މީހުންނާ ބައްދަލުވާނެ ކަމެވެ. އެފަދަ މީހުންގެ ސިފަތައް ދެނެގަންނަންވާނެ ކަމެވެ. މިގޮތުން، ދުނިޔޭގައި އުޅޭ އިރު ފެންނަ އެކި ޒާތްޒާތުގެ މީހުންގެ ބާވަތްތައް ކިޔައި ދެއްވަ އެވެ. އެފަދަ ތޭރަ ބާވަތެއްގެ މީހުންގެ ސިފަތައް ތިލަކޮށް ދެއްވަ އެވެ.

ކަންނެތް މީހުން

ކޮންމެ އިންސާނެއްގެ ވެސް ހުރިހައި ދައުރެއް ފަތްޖަހައި އޮޅައިލަނީ ދުނިޔޭގެ މަސްރަހުގައި އެކި ހާލަތްތަކުގައި ކަމަށް ހިއްސާކުރައްވަ އެވެ. އެއީ ރުއިމާއި މުނިފޫހިފިލުވުމުގައި ކަމެވެ. ހިތްދަތި ކުރުވުމާއި ހިތް އުފާކުރުވުމުގައި ކަމެވެ. ރުޅި މޫނު ދައްކާފަ އެވެ. މައިތިރި ސިފައެއްގައި ކަމެވެ. އެހެންވެ މީހުންގެ އެދުންތަކާއި ބޭނުންތައް ހުންނަނީ އެގޮތް މިގޮތަށް ކަމެވެ. މިފަދަ މީހުންނަކީ ކަންނެތް މީހުންކަން ވިދާޅުވެ އެއްފަދަ ކޮށްފައިވަނީ އިންޖީނަކާ އެވެ.

އެ ހުރީ އަމިއްލައަށް ފަސް ޖެހުމުން، ކަންނެތް ކަމުން އަޑިއަށްދާ މީހެކެވެ. އޭނާ އެދަނީ ހާވިޔާއާ ދިމާއަށެވެ. އޭނާއަށް އޭނާގެ ދުނިޔެއިން ފަހުމު ވެސް ވާހާއި ކަމަކީ ކެއުމާއި ބުއިމެވެ."

ނައްސި ވިސްނުމުގެ އަހުލުވެރިން

އިންސާނުންގެ ތެރޭގައި ނައްސި ވިސްނުމާއި އިދިކީލި ހިޔާލުގެ އަހުލުވެރިން އުޅޭކަން ސިފަކޮށްދީފައި ސާދާ ބަސްމަގުން ސިކުނޑިއަށް މަންޒަރު ފެންނަހެން ސިކުނޑިއަށް ތިލަވާހާ ޗާލުކޮށްނެވެ.

"މިހިރަ ފެންނަނީ ދުނިޔެ ދެކެ ރުޅި އަރައިގެން މޫނު ހުތުރުކޮށްކޮށް ހުންނަ މީހެކެވެ. މީނާއަށް މިއޮތް ބޮޑު ދުނިޔެއިން ހިތް އުފާވާ އެއްވެސް ކަމެއް ނުފެންނަނީ އެވެ. ...އެހެންވެ އޭނާގެ ކަމަކީ އެފުށް މިފުށަށް ޝިކާޔަތު ހިފައިގެން ހިނގުމެވެ. ކޮންމެވެސް ކަމަކާ ނުރުހިގެން ކުދިކިޔުމެވެ."

ކަންފަސޭހަ މީހުން

ކަންފަސޭހަކަމާއެކު ދުނިޔެ ހޭދަކުރާ މީހުންގެ ވާހަކަތަކާ އެފަދަ މީހުންގެ ކިބައިން ފެންނާނެ އެތައް ސިފައެއް އުމަރު އީސާގެ ލިޔުމުގައި ހިމަނާފައިވެ އެވެ. އެފަދަ މީހުންގެ އުޅުން ހުންނާނެ ގޮތްތައް ވެސް ކިޔައިދެއްވަފައިވެ އެވެ.

"އެހެރީ ވެސް މީހެކެވެ. ކަންފަސޭހަކަމުގެ ހައްދަށް ގޮސްފަ އެވެ. ކަމަކީ ސަމާސާކުރުމެވެ. މުޅިން ކުޅިވަރާއި ސަކަ އެވެ. ހަޔާތަކީ އޭނާ ހިތުން ކުޅިވަރެވެ."

އުމަރު އީސާގެ މު ޖުމުލަތަކުން އެކަނި ވެސް ކަންފަސޭހަ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ސާފުވެ އެވެ. ހާމަވެ އެވެ.

ވަސްވާސްވެރިން

ލިޔުމުގައި ދެން ސިފަކޮށްދީފައި ވަނީ ވަސްވާސްވެރިންނެވެ. އެފަދަ މީހުން ދެކޭގޮތުގައި ދުނިޔޭގައި ސީދާކޮށް ހިނގޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. ކޮންމެ މަގަކުން ހިނގިޔަސް ވަދެވޭނީ އަނދިރި ޖަންގައްޔާއި ކަށިކުނބުރު ވާތަކަށް ކަމަށް އެ މީހުން ވިސްނާނެ ކަމަށް ވިދާޅުވެ އެވެ. މިފަދަ މީހެއް ނަމަ އެއް ފިޔަވަޅު ކުރިއަށް އެޅީ ވިއްޔާ އަނެއް ފިޔަވަޅު އަޅާނީ ފަހަތަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ގަމާރުން

އުމަރު އީސާގެ ގަލަމުން ގަމާރުން ވެސް ވަރަށް ސާދާކޮށް ސިފަކޮށްދީފައިވެ އެވެ. މިފަދަ މީހުންނަށް ދުނިޔެ ސިފަވާނީ އަރަތެއް ގޮތަށް ކަމަށް ވިދާޅުވެ އެވެ. އެފަދަ މީހުން ދެކޭ ގޮތުން ދުނިޔެއަކީ މުޅި އުމުރު ބަރުބާރުކޮށް، ފަށްފަށްކޮލާފައި ގަބުރަށް ވައްޓައިލާ ރިވާޔަތެއް ކަމަށް ސިފަކުރައްވަ އެވެ.

"ހެވެއް ނުބައެއް އެއަކުން ވަތްކެއް ނުވާނެ އެވެ. އޭނާއަށް ފަހުމުވަނީ އެއާމެދުގައި ކުރިއަށް ނުގޮސް ހުއްޓިފަ އެވެ. އޭނާ ގަސްތު ކުރާ ގޮތުގައި ދުނިޔެއަކީ މުޅި އުމުރު ބަރުބާދުކޮށް ފަށްފަށްކޮށްލާފައި ކޮންމެ މީހަކުމެ ގެންގޮސް ގަބުރަށް ވައްޓާލައި ނިންމާލާ ރިވާޔަތެކެވެ."

ހިންމަތްތެރިން

ކާމިޔާބު މީހުން ސިފަކޮށްދީފައި ވަނީ އަޒުމު ވަރުގަދަ ހިންމަތްތެރިންގެ ގޮތުގަ އެވެ. މިފަދަ މީހެއް ނަމަ އައުލާ މިސާލަށް ދަހިވެތިވެ އެއަށް ވާސިލުވާން މަސައްކަތް ކުރާނެކަން ބަޔާންކުރައްވަ އެވެ. އަދި މަރުހަލާތައް ނިމި އަނެއް މަރުހަލާއަށް ވާސިލުވާނެ އެވެ. އަދި ދުރުގައި އޮތް އަމާޒު ފަތްގަނޑަށް ވިސްނައިގެން ކާމިޔާބު ފެނިއްޖެ ނަމަ ހިތްވަރާއި ބުންވަރު ލިބިގަންނާނެ އެވެ. ނާކާމިޔާބ ފެނިއްޖެ ނަމަ ފަންވަރެއް ނުފިލުވާނެ އެވެ.

"އޭނާއަށް ތަޖުރިބާތަކުން ގާބިލިއްޔަތާއި ތަހުޒީބު އިތުރުވާނީ އެވެ. މުސީބާތްތައް ޖެހުނީމައި ތޫނުފިލިކަމާއި ކުޅަދާނަކަން އާލާވާނީ އެވެ. ބަލާއާފާތްތަކާއި އުނދަގޫތައް ކުރިމަތިވީތީހެން ދޫނުކުރުމާއި ޢަޒުމު ކުރިއަށް ގެންދާނީ އެވެ." އުމަރު އީސާ ކާމިޔާބު މީހުންގެ ސިފަ ކިޔައިދެނީ މިގޮތަށެވެ.

ބޭހެދިގެން އުޅޭ މީހުން

ދުނިޔޭގައި އުޅޭ ބައެއް މީހުން ހިތްހަމަ ޖެހެނީ އެއީ ޅަ ކަމުން ހެވެއް ނުބައެއް ވަކި ނުވާ މީހެއް ކަމުގައި ހެދިގެން އުޅުމުންނެވެ. މިފަދަ މީހުންގެ ކިބައިން އެންމެ ބޮޑަށް ފެންނާނީ ފަރި ދެއްކުމާއި ނެތް ފޮނި ނެރެން އުޅުމެވެ. މިއީ އެމީހުންނަށް ހިތްހަމަ ޖެހުމާއި އުފާ ލިބޭ ކަމެއްކަމަށް އެ މީހުން ދެކެ އެވެ.

ބޮޑާ މީހުން

ދުނިޔޭގައި އުޅޭ ބައެއް މީހުންގެ ސިފައަކީ ބައިގަނޑެއް ފަހަތު ލައިގެން ގަދަރުވެރިއެއްކަން ދައްކަން ދެލޯ ވަށްކޮށްގެން އުޅޭ މީހުންނެވެ. މި ފަދަ މީހުން ނުކުމެ މަގުމަގު ނާމާން ކުރާނެ އެވެ. މި މީހުންނަށް ދީފައިވާ ނަމަކީ ތިމާގެ ބޮޑުކަން ދައްކާން އުޅޭ މީހުންނެވެ. މިފަދަ މީހުންގެ ކަމަކީ އިސްއޮބައިލައިގެން ދެ އަތް ފޭކޮށްގެން ދިގަށާއި ހުރަހަށް ރަށްހުރަހަން ހިނގުމެވެ. މިފަދަ މީހެއް ނަމަ ވިސްނާނީ އެހެން މީހުން ތިމާއަށް އަޅުވެތިވެ ހަށަން ބަންނަން ޖެހޭނެ ކަމަށެވެ. އަދަބުވެރިވުމުގެ ގޮތުން ބިމަށް ތިރިވާން ޖެހޭނެ ކަމަށެވެ.

ނުފޫޒު ފޯރުވާ މީހުން

ނުފޫޒު ފޯރާ އުޅޭ މީހުންގެ ކިބައިން އެންމެ ބޮޑަށް ފެންނާނެ އެއް ސިފައަކީ ގައުމުތަކުގެ މެދުގައި އެކީ އެކައްޗަށް ފިތުނައިގެ އަލިފާން ރޯކޮށްލުމެވެ. އަޝީރަތާއި އަމިއްލަ ހާންދާނާއި ގަބީލާއަށް ހިޔާނާތްތެރިވެ ފުރަގަސްދޭނެކަމެވެ.

މުދަލާ ހެދި އުޅޭ މީހުން

ދުނިޔޭގައި އުޅޭ އިންސާނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަޔަކީ ދުނިޔެވީ ތަކެއްޗާ ހެދި އުޅޭ މީހުންނެވެ. މިފަދަ މީހުން ކިޔައިދީފައި ވަނީ "ހިތުގެ މަޒާ ހާސިލުވަނީ ތަކެތި އެއްކުރުމުގަ އެވެ. ރުފިޔާ އެވެ. ރަނެވެ. ރިއްސެވެ. ފޭރާމާއި ގަހަނާ އެވެ. ކަންވާރާއި ހަތިޔާރެވެ. ހިފައި ގެންގުޅޭ ސާމާނާއި ފެހާމާނެވެ." މިގޮތަށެވެ.

ހަގީގަތުގައި މި ފަދަ މީހުން ތަބާ އެ ވަނީ ޝައިތާނާއަށް ކަމަށް ވިދާޅުވެ ހިއްސާކުރައްވަނީ މިއިން އެއްވެސް މުދަލަކުން އޭނާއަށް ހިތްހަމަ ޖެހުމެއް އުފަލެއް އެ އެއްކުރާ މީހުނަށް ނުލިބޭނެ ކަމަށެވެ. އަދި މި ފަދަ މީހުންނެއް އެހެން މީހުންނަށް ލޯބި ނުކުރާއިރު އިހުތިރާމެއް ވެސް ނުކުރާނެ އެވެ.

ޝަހުވާނީ މީހުން

މިފަދަ މީހުންނާ އިޝާރަތްކުރައްވާފައި ވަނީ މާމުއި ފަންޏާއި މެހީގެ ގޮތުގަ އެވެ. ނުވަތަ އަތްބައްތިއާއި ޕަރުވާނާގެ ގޮތުގަ އެވެ. މި ދެ މިސާލުގައި ބުނާ ވާހަކަތައް ވެސް ވަނީ ސިފަކޮށްދީފަ އެވެ. އެ ތަފުސީލުން ވެސް އަޅައިގަތީ މެއްސަށް ޖެހޭ ހާލުގެ ވާހަކަ އެވެ.

މެއްސަށް ވާގޮތަކީ މާމުއި ފަނި ބޯން ފެށީމައި އޭގެ ފޮނިކަން ހަމަ ލިބޭއިރަށް ދީވާނާ ވަނީ އެވެ. އެއިން ތުން ނައްޓާ ނުލެވެނީ އެވެ. ބޮވިގެން ފުރި ސިކާރަވަނީ އެވެ. ބުރަހެލިވަނީ އެވެ. ވެއްޓެނީ އެވެ. ގެނބެނީ އެވެ."

އިސްލާހަށް މަސައްކަތް ކުރާ މީހުން

އިސްލާހަށް މަސައްކަތް ކުރުމަކީ ވެސް ބައެއް މީހުން ލޯބިކުރާކަމެއް ކަމަށް ވިދާޅުވެ އެވެ. މިފަދަ މީހުން އިސްލާހު ކުރަނީ އަމިއްލަ ނަފުސާއި ބުއްދިތަކެވެ. ވިސްނުމާއި ފިކުރެވެ. އަނބިންނާއި ދަރިންނެވެ. ރަށާއި އަތޮޅާއި ސަހަރާއި މުޅި ގައުމެވެ.

ދިރިއުޅުން އޭގެ ހަގީގަތަށް ދެކޭ މީހުން

އުމަރު އީސާ އެންމެ ތާއިދުކުރާ ސިފަތައް ހުންނަ މީހުންނަކީ ދިރިއުޅުން އޭގެ ހަގީގީ މާނައިގައި ތަރުޖަމާ ކުރާ މީހުންނެވެ. މިފަދަ މީހުންގެ ސިފަތައް ވަރަށް ތަފުސީކޮށް ބުނެދީފައިވެ އެވެ. ބައެއް ސިފަތަކީ މި ފަދަ މީހުން ދުނިޔޭގައި ރުޅި އަރައިގެން މޫނު ހުތުރު ނުކުރާނެ އެވެ. ކަންފަސޭހައެއް ނުކުރާނެ އެވެ. ދުނިޔޭގައި އުޅެންވީ ގޮތާ މެދު ފުންކޮށް ވިސްނާނެ އެވެ. މިފަދަ މީހެއްނަމަ ޒަމާނުގެ އެތިއެތި ފަހަރުގައި ކޮނޑު ވިދިވިދިފައި ހިފައިލާނެ ކަމަށް ވިދާޅުވެ އެވެ.

އަޅުގަނޑުގެ ހިތްހަމަ ޖައްސުވައި ދެނީ ފިނޑި ކަމެއް ނެތި ކެރޭ މީހުންނެވެ. ކަންނެތްނުވެ، ދިރިތިބޭ މީހުންނެވެ. ސިންގާއަށްވުރެ ބާރުގަދަ ވޭތޯ، ދޫންޏަށް ވުރެ ހަރަކާތް ލުއި ކުރެވޭތޯ، މާމެލާމެއްޔަށްވުރެ ޅަދޮނޅު ވެވޭތޯ ހިތްމަތްކުރާ މީހުންނެވެ."

ދިރިއުޅުން ހަގީގަތަށް ދެކޭ މީހެއް ނަމަ ރަނޑުނުވެ ފަރި ނުބަލައި ސީދާކޮށް ހިނގާނެ ކަމަށް ވިދާޅުވެ އެވެ. މިފަދަ މީހުންނަށް ވިސްނާފައި ފުންމައިގަންނާނެ ކަމަށާއި މާނޭވާނުލައި ދުވާ މީހުން ވަރުބަލި ނުވެ ހުއްޓޭނެ ކަމަށް ވެސް ވިދާޅުވެ އެވެ.

"ވެއްޓި ނުގަނެ އިށީންނަ ފާޑެވެ. އަޅައިނުގެން ތެދުވެ ހިނގައި ގަންނަ ޒާތެވެ. ޝަކުވާ ނުކޮށް ޢަމަލުކުރާ ބާވަތެވެ ފުރާނައާއި ހަށިގަނޑު ސަލާމަތުން ހުރެވޭތޯ ގަދައަޅާ މަސައްކަތްކުރާ ވައްތަރެވެ."

މިގޮތުން ހަރުދަނާ މުވާތިނެއްގެ ކިބައިގައިހުންނާން ޖެހޭ ހުރިހާ ރަނގަޅު ސިފަތަކެއް އެއީ ދިރިއުޅުމަކީ ހަގީގަތެއް ކަމަށް ދެކޭ މީހުންގެ ފުށުން ފެންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ފާހަގަވީ ކޮންކަމެއް؟

ސާދާ ރިވެތި ބަސްމަގުން އުއްތުންކޮށް ބުގިސް ހެޔޮކޮށްފައިވާ އުމަރު އީސާގެ "ދިރިއުޅުމުގެ މަސްރަހު" ކިޔައިލުމުން ފެނުނީ ތޭރަ ބާވަތެއްގެ މީހުންނެވެ. އެމީހުންގެ ސިފަތަކެވެ. މިއީ މި ޒަމާނުގައި ވެސް އުޅޭ މީހުންނެވެ. ފެންނަ މީހުންނެވެ. އުމަރު އީސާގެ އަދު ދުނިޔޭގައި ހުރި ނަމަ މި ލިސްޓަށް އިތުރުކޮށްލާނެ ގިންތިތަކެއް ފެންނާނެ އިތުރު ބާވަތުގެ މީހުން މިހާރުގެ ޖީލުތަކުން އެބަފެނެ އެވެ. ލުއި ހަރަކާތްތަކާއެކު ރީތިގޮތުގައި ފަލީހަތްވާ ޒުވާނުންގެ ހަރަކާތްތަކެވެ. އިސް އުފުލާ ނުލެވި ރޭދެބައި ވެފައިވާ މީހުންވެ. ލޮލުގައި ސްކުރީނުތައް އަޅުވައިގެން ލޮލަކީ ކޮބައިކަމެއް، ސްކުރީނަކީ ކޮބައިކަމެއް ވަކި ނުވާ ޒާތެވެ. ދުނިޔެއަށް އައީ އިނގިލިން ވާހަކަ ދެއްކުން ކަމަށް ދެކިގެން އުޅޭ ބާވަތެވެ. އަމާދިނީތީ ކައިގެން ބަފާދިނީތީ ލައިގެން އެހެން މީހުންގެ މުއްފަތުގައި އުނދޯލި އެލުވައިގެން ހެއްލާ ޒުވާނުން ތިބިކަމެވެ.

އުމަރު އީސާގެ މި ލިޔުމާ މެދު ވިސްނައިލާ ކޮންމެ މީހަކަށް ފެންނާނީ ދުނިޔޭގައި އުޅޭއިރު މީހުންނާއި ނުމީހުން އުޅޭކަމެވެ. މީހުންގެ ތެރޭގައި އެތައް ބާވަތެއްގެ މީހުން އުޅޭކަމެވެ. ފިކުރު ތަފާތު މީހުންނާއި އުޅުން ތަފާތު މީހުން ތިބޭނެކަމެވެ. އިއްޔެ އުޅުނު މީހުންނާއި އަދު މިއުޅޭ މީހުންގެ ފަރަގެއް ނެތްކަމެވެ. އަދުގެ މީހުންގެ ފާޓުފުޅާވެފައި ވަތްގަނޑުތައް ބޮޑެތި ވެފައި އިތުރުކަމެވެ.

މުޅި ލިޔުން ކިޔައިލުމުން ދަސްވީ މައުލޫމާތެވެ. އައު ލަފުޒުތަކެވެ. ބަސްކޮށާރެވެ. ސާދާކަމާއި ސީދާކަމެވެ. ދިވެހިބަހަކީ ރީތިކޮށް އިބާރާތްކޮށްލެވޭ ބަހެއް ކަމެވެ. ފަށުވި ލަފުޒުތައް ހުރި މުއްސަނދި ބަސްކޮށާރެއް ލިބިވާ ބަހެއް ކަމެވެ. ބުނާން ބޭނުން އެއްޗެއް ލުއިކޮށްނާއި ބަރުކޮށް ބުނެވޭކަމެވެ. އަދަބީ ކުލަ ޖެއްސިވަރަކަށް އަދަބީ ވިދުން ގަދަވާކަމެވެ. އަހިފަތެއްގައި ލުއިކޮށް ވެސް ލިޔުންތައް އެމުނިއެކުލަވައިލެވޭކަމެވެ. އާއެކެވެ. ދިވެހިބަހާ މެދު ހިތްތަކުގައި މަސްތުވާވަރަށް އުފެއްދެމުންދާ ފިތުނައިގެ ސަކަރާތުގައި "ބިތުމަސާނުވެގެން ތިބާ ދެކިލަން ދިޔާމާ މޮޅިފިލާ"ކަމެވެ. އާއެކެވެ. އުމަރު އީސާގެ އަދަބީ ދެވަނަ ޔުނިވާސިޓީއަކަށް ޒިޔާރަތްކޮށްލަން ހިތް ގޮވާކަމެވެ.