Advertisement

އަލްކަރާޒް އަށް ހުއްޓުމެއް ނެތް، ޖޮކޮވިޗް ވެސް ކަޓުވާލައިފި!

8 މޭ 2022 - 02:32 0

އަލްކަރާޒް މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އަލްކަރާޒް އަށް ހުއްޓުމެއް ނެތް، ޖޮކޮވިޗް ވެސް ކަޓުވާލައިފި!

8 މޭ 2022 - 02:32 0

މެޑްރިޑް (މެއި 7) - މެޑްރިޑް އޯޕަންގެ ސެމީ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު ސްޕެއިންގެ 19 އަހަރުގެ ތަރި ކާލޯސް އަލްކަރާޒް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަލްކަރާޒް ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ރަފައެލް ނަޑާލް ބަލިކޮށްފަ އެވެ. ސެމީގައި ޖޮކޮވިޗް އަތުން މިރޭ އަލްކަރާޒް މޮޅުވީ 6-7 (5-7) 7-5 7-6 (7-5) އިންނެެވެ. މިއީ ޓެނިސް މުބާރާތެއްގައި ކުުޅުންތެރިއަކު ޖޮކޮވިޗާއި ނަޑާލް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

ފައިނަލުގައި އަލްކަރާޒް މާދަމާރޭ ކުޅޭނީ އަނެއް ސެމީ ފައިނަލުގައި މިރޭ ސްޓެފާނޯސް ސިޓްސިޕާސް އަތުން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން އަލެކްސަންޑަ ޒްވެރެވްއާ އެވެ.

މެޑްރިޑް އޯޕަންގެ ތަށި ތިން ފަހަރު އުފުލާލައި، ހަތް ވަނަ ސެމީ ފައިނަލުގައި ކުޅުނު ޖޮކޮވިޗަށް މިއަދު އަލްކަރާޒާ ދެކޮޅަށް މާ ރަނގަޅަށް ނުކުޅެވުނެވެ. އަލްކަރާޒް ދަމަހައްޓަމުން އައި ރަނގަޅު ފޯމު މި މެޗުގައި ވެސް ފެނުނެވެ. އަލްކަރާޒަކީ ފާއިތުވި 17 އަހަރު ތެރޭ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ކުޅުންތެރިއަކު ބަލިކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

"މިހާރު އަހަންނަށް އިހުސާސް ކުރެވޭ އެ ކުޅުންތެރިންނާ (ޓޮޕް ކުޅުންތެރިންނާ) ދެކޮޅަށް ކޮންމެ މުބާރާތެއްގައި ކޮންމެ ތަނެއްގައި ވެސް ވާދަކުރެވިދާނެ ކަމަށް. މިއީ އަހަރެންގެ ކޮންފިޑެންސް ލެވަލް ހުރި ހިސާބަށް ބަލާފައި ބުނާ އެއްޗެއް،" މިރޭގެ މެޗަށް ފަހު އަލްކަރާޒް ބުންޏެވެ.

މި މަހު 35 ވަނަ އުފަން ދުވަސް ފާހަގަކުރާ ޖޮކޮވިޗް ބުނީ އަލްކަރާޒް ކިބައިގައި މޮޅު ކުޅުންތެރިއަކަށް ވެވޭނެ ހުނަރު އެބަހުރި ކަމަށެވެ. އަދި އަލްކަރާޒް ހޯދަމުން އަންނަ ކުރިއެރުން ރަނގަޅު ޓްރެކުގައި ދަމަހައްޓައި، މަސައްކަތް ކޮށްފިނަމަ ޓެނިހުގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ޖޮކޮވިޗް ގަބޫލުކުރެ އެވެ.

މިދިޔަ މަހު އަލްކަރާޒް ވަނީ ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭރު އަލްކަރާޒްގެ އުމުރަކީ 18 އަހަރެވެ. މިއީ ދުނިޔޭގެ ރޭންކިން 16 ވަނައިގައި އޮތް އަލްކަރާޒަށް ޓެނިހުގެ މާސްޓާސް 1000 ލެވަލްގެ މުބާރާތެއްގެ ތަށި ލިބުނު ފުރަތަމަ ފަހަރެވެ. މިއާމީ އޯޕަން އިން ހޯދި ހިތްވަރާ އެކު އަލްކަރާޒް މި ވަނީ ޖެހިޖެހިގެން ދެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެެވެ.