Advertisement

ނަޑާލް ކަޓުވާލައި ސްޕެއިންގެ 19 އަހަރުގެ ތަރި އަލްކަރާޒް ސެމީ ފައިނަލަށް

7 މޭ 2022 - 09:05 0

ނަޑާލް އަތުން މޮޅުވި މެޗަށް ފަހު އަލްކަރާޒް.


ނަޑާލް ކަޓުވާލައި ސްޕެއިންގެ 19 އަހަރުގެ ތަރި އަލްކަރާޒް ސެމީ ފައިނަލަށް

7 މޭ 2022 - 09:05 0

މެޑްރިޑް (މެއި 7) - މެޑްރިޑް އޯޕަން ކުއާޓާ ފައިނަލުގައި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ލެޖެންޑް، ރަފައެލް ނަޓާލް ކަޓުވާލުމަށް ފަހު ސްޕެއިންގެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަަރާޒް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަލްކަރާޒް، 19، ސެމީ ފައިނަލުގައި ނުކުންނާނީ ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗާ ދެކޮޅަށެވެ. ޖޮކޮވިޗް ވަނީ ކުއާޓާ ފައިނަލުގައި ހިއުބާޓް ހުކާޒް އަތުން މޮޅުވެފަ އެެވެ.

ޓެނިހުގެ ރެކޯޑްތަކެއް ގާއިމްކުރަމުން އަންނަ އަލްކަރާޒަށް އިއްޔެ ނަޑާލާ ދެކޮޅަށް މޮޅެއް ހޯދުނީ އުނދަގޫ ޗެލެންޖްތަކަކާ ކުރިމަތިލުމަށް ފަހު އެވެ. އެ ގޮތުން ދެ ވަނަ ސެޓުގައި ކަކުލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި ނަމަވެސް ފަރުވާ ހޯދައި، މެޗު ފުރިހަމަކުރީ ރަނގަޅު ކުޅުމެއް ދައްކައި، މޮޅުވެގެންނެވެ. ސެޓުތައް ދިޔައީ 6-2 1-6 6-3 އިންނެވެ. މި ނަތީޖާއާ އެކު އަލްކަރާޒް މި ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ.

އިއްޔެގެ މެޗަށް ފަހު ނަޑާލް (ވ) އާއި އަލްކަރާޒް ސަލާމްކުރަނީ.


އަލްކަރާޒް ޓެނިސް ކުޅެން ފެށީ ނަޑާލްގެ މެޗުތައް ބަލައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެދިގެންނެވެ. އެކާވީސް ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ނަޑާލް އަތުން އަލްކަރާޒަށް މޮޅެއް މި ހޯދުނީ ތިން މެޗު ކުޅެގެންނެވެ. ރެއާލް މެޑްރިޑްގެ އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނަޑާލްގެ މެޗު ބަލަން އިއްޔެ ރެއާްލްގެ ގިނަ ކުޅުންތެރިންތަކެއް ދިޔަ އެވެ.

މިދިޔަ މަހު އަލްކަރާޒް ވަނީ ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭރު އަލްކަރާޒްގެ އުމުރަކީ 18 އަހަރެވެ. މިއީ ދުނިޔޭގެ ރޭންކިން 16 ވަނައިގައި އޮތް އަލްކަރާޒަށް ޓެނިހުގެ މާސްޓާސް 1000 ލެވަލްގެ މުބާރާތެއްގެ ތަށި ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އޭނާ މާސްޓާސް ލެވަލްގެ މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މެޑްރިޑް އޯޕަން މުބާރާތުގެ ތަށި ތިން ފަހަރު ހޯދާފައިވާ ޖޮކޮވިޗް މި ވަނީ ހަތް ވަނަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަލްކަރާޒާ ދެކޮޅަށް ކުޅޭ މި ފަހަރުގެ ސެމީ ފައިނަލް އޮންނާނީ މިއަދު އެވެ. އަނެއް ސެމީ ފައިނަލުގައި ސްޓެފާނޯސް ސިޓްސިޕާސް ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން އަލެކްސަންޑަ ޒްވެރެވްއާ އެވެ.