Advertisement

ޑައިނަސޯއާމެދު ދީން ބުނަނީ ކީކޭ؟


ޑައިނަސޯއާމެދު ދީން ބުނަނީ ކީކޭ؟

އަލްބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ހަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަހީ ކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވި އެވެ. އަޅަމެން އިބަރަސްކަލާނގެ އަށް ހަމްދާއެކު ތަސްބީހަ ކިޔައި، އިބަރަސްކަލާނގެ އަށް ތަޤްދީސްކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯ އެވެ؟ އެކަލާނގެ ވަހީކުރެއްވި އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."

ބިމުގައި ހަލީފާއެއްގެ ގޮތުގައި ލެއްވުމުގެ މާނައާމެދު ތަފްސީރު އިލްމުވެރިންގެ މަޝްހޫރު ރައުޔުތަކެއް ހުރެ އެވެ. އެއް ރައުޔެއްގައި ބުނަނީ، ހަލީފާއެއްގެ ގޮތުގައި ލެއްވުމުގެ މާނައަކީ، ބިމުގައި ﷲ ގެ ދީން ގާއިމުކުރުމަށް ލެއްވުމުގެ ވާހަކަ އެވެ. ބައެއް އިލްމުވެރިން ހަލީފާގެ މާނަކަމުގައި ވިދާޅުވަނީ އެއްބަޔަކަށްފަހު އަނެއް ބަޔަކު އަންނަ ގޮތުގައި އިންސާނީ ދަރިފަސްކޮޅު ލެއްވުމުގެ ވާހަކަ ކަމަށެވެ. އަދި ބައެއް އިލްމުވެރިންގެ ނަޒަރުގައި އޭގެ މާނައަކީ، އާދަމުގެފާނުގެ އިސްވެދިޔަ ބައެއްގެ ފަހުން އެބަޔެއްގެ ބަދަލުގެ ގޮތުގައި އާދަމުގެދަރިން ލެއްވުމުގެ ވާހަކަ އެވެ.

އާދަމްގެފާނުގެ ކުރިޔަކަށް އިންސާނުން ދުނިޔޭގައި ނެތް ކަމަށް ހުރިހާ ތަފްސީރު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް ބިމުގައި އެންމެ ފުރަތަމަ އަށް އުޅުނު މަހުލޫގަކާމެދު ތަފްސީރު އިލްމުވެރިންގެ މެދުގައި ރައުޔުތަކެއްވެ އެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ބިމުގައި އެންމެ ފުރަތަމައަށް ލެއްވި މަހުލޫގަކީ ވެސް އާދަމްގެފާނެ އެވެ. ބައެއް ތަފްސީރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބިމުގައި އެންމެ ފުރަތަމަ އަށް އުޅުނީ ޖިންނީންގެ ބައެކެވެ. އަދި އެ ބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ތަޅާ ފޮޅައި ގަތުލުކޮށް ހަދަމުންދިޔަ އެވެ. ދެން އިބްލީސްއާއެކު މާތް ﷲ ލަޝްކަރެއް ފޮނުއްވި އެވެ. އަދި އެ ޖިންނީންނާ ހަނގުރާމަކޮށް، އެކި ތަންތަނަށް އެ ޖިންނިތައް ވިއްސި ވިހާލިކޮށްލެވުނެވެ. މި ޖިންނީންގެ ރިވާޔަތަކީ އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވާ ރިވާޔަތެކެވެ.

އަލްބިދާޔާ ވަންނިހާޔާ އޭ ކިޔުނު ފޮތުގައި އިބްނު ކަޘީރު ވިދާޅުވެފައިވެ އެވެ. ވަރަށް ގިނަ ތަފްސީރު އިލްމުވެރިން ވިދާޅުވެފައިވެ އެވެ. "ޖިންނީން ހެއްދެވުނީ އާދަމްގެފާނުގެ ކުރިންނެވެ. އަދި އެ ޖިންނީންގެ ކުރީގައި ބިމުގައި "އަލްޙިއްނު ވަލްބިއްނު" އުޅެފައިވެ އެވެ. އެ މަހުލޫގުންތަކުގެ މައްޗަށް ޖިންނީން ﷲ ލެއްވި އެވެ. އަދި ޖިންނީން އެތަކެއްޗާ ހަނގުރާމަކުރި އެވެ. އަދި ފައްސާ ނަގާލި އެވެ. އަދި އޭގެ ތެރެއިން ބައެއް ނެތިކޮށްލި އެވެ. އަދި އޭގެ ފަހުގައި ބިމުގައި ޖިންނީން ދިރިއުޅުނެވެ."

އަލްޙިއްނު ވަލްބިންނުގެ ވާހަކައަކީ އަސްލެއް ނެތް ވާހަކައެއް ކަމަށް ބައެއް އެހެން ތަފްސީރު އިލްމުވެރިން ވިދާޅުވެފައި ވިޔަސް، އެއީ އަސްލެއް އޮތް ވާހަކައެއް ކަމަށް ވިދާޅުވެފައި ވަނީ ވެސް ތަފްސީރު އިލްމުވެރިންތަކަކާ ހަވާލާދެއްވައި ފުންނާބު އުސް ތަފްސީރު އިލްމުވެރިއެކެވެ.

އިންސާނުންގެ ކުރިޔަށް ޑައިނަސޯފަދަ މަހުލޫގުން އުޅެފައިވާ ކަމަށް ޖިއޮލިޖީގޮތުންނާއި ތާރީހީ ގޮތުން ހެކި ލިބޭ ވާހަކައާ ގުޅިގެން ދީނީ އިލްމުވެރިން ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އަންނަޙްލު ސޫރަތުގެ 8 ވަނަ އާޔަތް އިލްމުވެރިން ފާހަގަކުރައްވަ އެވެ. އެއާޔަތުގައި އޮންނަނީ "އަދި އަހާއި، ބަޣުލާއި، ހިމާރު ވެސް ހެއްދެވި އެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވައެވެ." މިއާޔަތުގައި "ނުދަންނަ ތަކެތި" ހައްދަވާ ކަމުގައި ބަޔާންވެފައި އޮތުމުން އިންސާނުންނަށް ފެނިފައި ނުވާ އަދި އިންސާނުން އޭގެ ހަބަރުތަކުން އަޑުއަހާފައި ނުވާ މަހުލޫގުން ވާނެކަމީ މި އާޔަތުން ދަލީލު ލިބޭ ކަމެއްކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. އަދި އެފަދަ މަހުލޫގުންގެ ހަބަރުތައް ފަހުން އެނގިގެންދާނެ ކަމަށް ވެސް އަލްއަންޢާމް ސޫރަތުގެ 67 ވަނަ އާޔަތުން އިޝާރާތް ލިބޭކަމުގައި އިލްމުވެރިން ފާހަގަކުރައްވާފައިވެ އެވެ. އެ އާޔަތުގައި އޮންނަނީ، "ކޮންމެ ހަބަރަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެ އެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެ އެވެ."