Advertisement

ޕެނަލްޓީ ނުދީގެން މައްސަލަ ޖެއްސުމުން ލަމްޕާޑަށް އަދަބު ދެނީ

5 މޭ 2022 - 10:26 0


ޕެނަލްޓީ ނުދީގެން މައްސަލަ ޖެއްސުމުން ލަމްޕާޑަށް އަދަބު ދެނީ

5 މޭ 2022 - 10:26 0

ލިވަޕޫލް (މެއި 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް އެވަޓަން އިން ކުޅުނު މެޗުގައި އެ ޓީމަށް ލިބެންޖެހޭ ދެ ޕެނަލްޓީއެއް ނުދޭން އެ މެޗުގެ ރެފްރީ ނިންމާފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ވާހަކަދެއްކި އެވަޓަންގެ ކޯޗު ފްރެންކް ލަމްޕާޑަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

އެވަޓަން އާއި ލިވަޕޫލް މިދިޔަ މަހުގެ 24 ގައި ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ފަހު ސޯޝަލް މީޑިއާގައި ވެސް ރެފްރީގެ ނިންމުންތަކަށް ފާޑުކިޔެވެ. އެ މެޗުގައި ދެ ފަހަރެއްގެ މަތިން އެވަޓަންގެ އެންތަނީ ގޯޑަން އަށް ކުރި ފައުލަށް ޕެނަލްޓީ ދޭން ޖެހޭ ކަމަށް އެ ޓީމްގެ ކުޅުންތެރިން އެޕީލް ކުރި އެވެ.

ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި އެއް ޑާބީގެ ގޮތުގައި މަޝްހޫރު "މާސީސައިޑް" ޑާބީ އަށް ފަހު ލަމްޕާޑް ބުނީ އެވަޓަންގެ ކުޅުންތެރިންގެ ބަދަލުގައި އެ މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އޭރިއާ ތެރެއިން އެގޮތަށް ވެއްޓުނު ނަމަ ރެފްރީ ޕެނަލްޓީ ދޭނެ ކަމަށެވެ.

ވަކި ފަޅިއަކަށް ޖެހިގެން ރެފްރީން ނިންމުންތައް ނިންމާ ކަމަށް ބުނެ ލަމްޕާޑް ދެއްކި މި ވާހަކަތައް އިނގިރޭސި އެފްއޭ އިންވަނީ ތަހުގީގުކޮށްފަ އެވެ. އަދި މި ވާހަކަތަކުގައި އެ އިދާރާގެ ގަވާއިދުގެ "އީ3"ގެ މާއްދާއަކާއި ލަމްޕާޑް ހިލާފުވެފައިވާކަމަށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މި ވާހަކަތަކާ ގުޅިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޖަވާބުދާރީ ވުމަށް އިނގިރޭސި އެފްއޭ އިން ވަނީ ލަމްޕާޑަށް އަންގާފަ އެވެ. މި މައްސަލައިގައި ލަމްޕާޑަށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްވުމުގެ ބަދަލުގައި ޖޫރިމަނާ އެއް އައުމު ފުރުސަތު ބޮޑެވެ.

ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި މިވަގުތު އޮތް އެވަޓަނާ ހަވާލުވެހުރި ލަމްޕާޑްގެ މި އަމަލާއި ގުޅޭގޮތުން މި ހިނގާ ކަންތައްތަކުގެ ސަބަބުން އެ ޓީމަށް ނުރަނގަޅު ޕްރެޝަރެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެވަޓަން އަށް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، އެ ޓީމު އޮތީ ލީގުގެ 18 ވަނައިގަ އެވެ. އެއް މެޗު އިތުރަށް ކުޅެ ތާވަލްގެ 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޕްރިމިއާ ލީގުގައި އެވަޓަން ދެން ކުޅެން ޖެހޭ މެޗު އޮތީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.