Advertisement

ފުރަމޭ ފެއިލްވާ ބަލީގައި އިންޑޮނީޝިއާއިން ތިން ކުދިން މަރުވެއްޖެ

ހެޕަޓައިޓިސް ވައިރަސް ޖެހިފައިވާ ފުރަމޭގެ އިލަސްޓްރޭޝަނެއް. -- ފޮޓޯ: ސައުތު ޗައިނާ މޯނިން ޕޯސްޓް


ފުރަމޭ ފެއިލްވާ ބަލީގައި އިންޑޮނީޝިއާއިން ތިން ކުދިން މަރުވެއްޖެ

ޖަކާޓާ، އިންޑޮނީޝިއާ (މޭ 3) - ފުރަމޭ ފެއިލް ވާން ދިމާވާ ގޮތް ނޭނގޭ ބަލީގެ ސަބަބުން އިންޑޮނީޝިއާގައި ތިން ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ބަލީގައި ޖުމްލަ ހަތަރު ކުދިން ވަނީ މަރުވެފަ އެވެ. އެއީ އިންޑޮނީޝިއާ އިން ތިން ކުދިންނާއި އިނގިރޭސިވިލާތުން ކުއްޖެކެވެ.

ލިވާ ނުވަތަ ފުރަމޭއަށް ގެއްލުންވާ ހެޕަޓައިޓިސްގެ ނުރައްކާތެރި ބާވަތް މަދުވެގެން 11 ގައުމެއްގެ 170 ކުދިންގެ ގައިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބަލި ޖެހެން މެދުވެރިވާ ސަބަބު ނޭނގޭތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ތަހުގީގުތައް ފަށާފަ އެވެ.

ގިނަ ކުދިންނަށް ކުރިމަތިވި އަލާމާތްތަކުގެ ތެރޭގައި ގޭސްޓްރިކްގެ ކަންކަން ހިމެނެ އެވެ. ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ހޮޑުލެވުން ހިމެނެ އެވެ. ބައެއް ކުދިން ކުޑަކޮށް ރީނދޫވެ، ޖޯންޑިސް ކުރިމަތިވެ އެވެ. އެއީ ހަމާއި ލޮލުގެ ހުދު ބައި ރީނދޫ ކުލައަކަށް ބަދަލުވުމެވެ. އެކަން ދިމާވަނީ ފުރަމޭގެ މައްސަލަ ދިމާވާން ފެށުމުންނެވެ.

އިންޑޮނީޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ތިން ކުދިން މަރުވީ މިދިޔަ މަހު ވެރިރަށް ޖަކާޓާގެ ހޮސްޕިޓަލުތަކުގައި ކަމަށެވެ. އެ ތިން ކުދިންގެ ގައިން ވެސް ބަލީގެ އަލާމާތްތައް ފެނުނެވެ.

އުމުރުން ދެ އަހަރާއި، އަށް އަހަރާއި 11 އަހަރުގެ ތިން ކުދިން ވެސް ހުން އައިސް، ރީނދޫވެ، ފިޓު ޖެހި، ހޭނެތުން ފަދަ ކަންކަން ދިމާވި ކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ސިތީ ނާދިއާ ތަރްމިޒީ ވިދާޅުވި އެވެ.

"މި ވަގުތު މި ކޭސްތަކަކީ އެކިއުޓް ހެޕަޓައިޓިސްގެ ގޮތުގައި ބެލެވެނީ. ނަމަވެސް އެއީ މިހާތަނަށް ހޯދިފައިވާ ހެޕަޓައިޓިސް ވައިރަހުގެ އޭ، ބީ، ސީ، ޑީ އަދި އާރްބީ ސްޓްރެއިންތައް ނޫންކަން ކަށަވަރު ކުރަން ޖެހޭ."

ހެލްތު މިނިސްޓްރީން ބެލެނިވެރިންނަށް ގޮވާލީ ކުދިންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ކުއްލިއަކަށް ހާލު ދެރަވާ ވަރަށް ހެޕަޓައިޓިސް ކޭސްތައް ފެނުން އިތުރުވެފައިވާ ކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރީ އެޕްރީލް ފަސް ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ. ކަންބޮޑުވުން އޮތް އެންމެ ބޮޑު ސަބަބަކީ ބަލިވަނީ ކީއްވެކަން ނޭނގޭތީ އެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓުގައި ބުނީ ބަލިވާ ސަބަބަކީ އެޑެނޯވައިރަސް ކަމަށް އެއް ހައިޕޮތެސިސްއިން ބެލެވޭ ކަމަށެވެ. ނަމަވެސް އަދިވެސް ސާފު ނުވާ އެތައް ކަމެއް އެބަ ހުރި ކަމަށް ބުންޏެވެ. ގިނަ ކުދިންގެ ގައިން ފެނުނު އެޑެނޯވައިރަސްގެ ސްޓްރެއިން ޓައިޕް 41 މީގެ ކުރިން ސީރިއަސް ހެޕަޓައިޓްސްއާ ގުޅުން އޮތް ހަމަށް ހޯދިފައެއް ނުވެ އެވެ.

އެޑެނޯވައިރަސްއަކީ ވަރަށް އާއްމު ވައިރަހެކެވެ. އެއީ ފިނިވުމާއި، ރޯގާ ޖެހުމާއި، ކަރަށް އުނދަގޫވުމާއި، ހުން އައުން އަދި ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތިވާ ވައިރަހެކެވެ. ބަލިވި ކުދިންގެ 70 ޕަސެންޓަށް ވުރެ ގިނަ ކުދިންގެ ހަށިގަނޑުން އެ ވައިރަސް ފެނުނެވެ. އަދި 20 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން ކޮވިޑް ވައިރަސް ފެނުނެވެ.

"އެޑެނޯވައިރަސް އިންފެކްޝަން ކުރިމަތިވާ ބަލި ކުދިންނަށް ހެޕަޓައިޓްސް ޖެހުމުގެ ފުރުސަތު އޮވޭ. ނަމަވެސް، ސިއްހަތު ރަނގަޅު ކުދިންނަށް ޓައިޕް 41 ގެ ސަބަބުން ހެޕަޓައިޓިސް ކުރިމަތިވާ ކަމަށް މީގެ ކުރިން ހޯދިފައެއް ނުވޭ،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.