Advertisement

ލަމްޕާޑްގެ އެވަޓަނުން ޗެލްސީ ބަލިކޮށްފި

1 މޭ 2022 - 20:20 0

ޗެލްސީގެ ރީސް ޖޭމްސް (ކ) ކައިރިން އެވަޓަންގެ ރިޗާލިސަން ބޯޅަ ހިފައިގެންދަނީ.


ލަމްޕާޑްގެ އެވަޓަނުން ޗެލްސީ ބަލިކޮށްފި

1 މޭ 2022 - 20:20 0

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން އިން 1-0 އިން ޗެލްސީ ބަލިކޮށް، ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ޗެލްސީގެ ކޯޗުކަމުން މިިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ލަމްޕާޑް އެވަޓަން ކޯޗުކަމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ ފަހުކޮޅުގަ އެވެ. ކުރީގެ ކްލަބް އަތުން ލަމްޕާޑް މޮޅުވިއިރު، އޭނާ އަށް މި ހިތްހަމަޖެހުން ބޮޑުވަނީ ރެލިގޭޝަނުން ސަލާމަތްވާން އެވަޓަން އަށް މި ލިބުނު މުހިންމު ޕޮއިންޓްތަކުގެ ސަބަބުންނެވެ. ލަމްޕާޑްގެ ކޯޗުކަމުގައި އެވަޓަން އިން މި ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބަލިކޮށްފަ އެވެ.

އެވަޓަން ލީގުގެ 18 ވަނައިގައި އޮތީ 33 މެޗުން 32 ޕޮއިންޓާ އެކު އެވެ. ލީގުގެ 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑަށް ވަނީ 34 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި ރިޗާލިސަން އެވެ. މެޗުގެ 46 ވަނަ މިނިޓްގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ އަތުން ހެދުނު ގޯހެއްގައި ޑަމަރާއި ގްރޭ ދިން ބޯޅައަކުން އެވަޓަންގެ ގޯލު ޖެހީ ރިޗާލިސަން އެވެ.

އެވަޓަން އިން ލަނޑު ޖެހުމުން ލަމްޕާޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލީޑުނެގުމަށް ފަހު އެވަޓަން އިން އެ ހިފަހައްޓަން ރަނގަޅު މަސައްކަތެއް ކުރި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް އެވެ.

ޗެލްސީ އަށް އެއްވަރުކޮށްދޭން މޭސަން މައުންޓް ޖެހި ބޯޅައެއް ދެ ދަނޑީގައި ޖެހިފައި ލިބުނީ އަޒްޕިލިކުއޭޓާ އަށެވެ. އޭނާ ޖެހި ބޯޅަ ގޯލު ރޮނގުކައިރިން މަތަކުރީ ކީޕަރު ޕިކްފޯޑް އެވެ. އޭގެ ފަހުން ކުޑަ އޭރިއާތެރެެއިން ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ޖެހި ބޯޅައެއް ވެސް ކީޕަރު ޕިކްފޯޑް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އަދި އޭރިއާ ބޭރުން ރުބެން ލޮފްޓަސް-ޗީކް ޖެހި ޝޮޓާއި އޭރިއާތެެރެއިން މަޓެއޯ ކޮވަސިޗް ފޮނުވާލި ހަމަލާގެ ހުރަހަކަަށް ވީ ވެސް ޕިކްފޯޑް އެވެ.

އެވަޓަން އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ގްރޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި އެންތަނީ ގޯޑަން އޭރިއާތެރެއިން ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

ޗެލްސީ މި މެޗުން ބަލިވި ނަމަވެސް އޮތީ ތިން ވަނައިގަ އެވެ. އެއީ 34 މެޗުން 66 ޕޮއިންޓާ އެކު އެވެ. މިރޭ، ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 34 މެޗުން 61 ޕޮއިންޓާ އެކު އެވެ. މިރޭ ފަހު މެޗުގައި އާސެނަލް ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގަ އެވެ. އެ މެޗުން މޮޅުވެގެން އާސެނަލަށް އަލުން ހަތަރު ވަނަ އަށް އެރޭނެ އެވެ. ވެސްޓް ހޭމް މޮޅުވެއްޖެނަމަ ހަ ވަނަ އަށް އެރޭނެ އެވެ.