Advertisement

ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލާ ގާތަށް

28 އޭޕްރީލް 2022 - 01:50 0

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕި


ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލާ ގާތަށް

28 އޭޕްރީލް 2022 - 01:50 0

ލިވަޕޫލް (އޭޕްރީލް 27) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ވިޔަރެއާލް 2-0 އިން ބަލިކޮށް، ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފްތާގައި ވިޔަރެއާލް ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލުން ފުރުސަތު ހޯދޭނެ އެވެ. އަދި 1-0 އިން ލިވަޕޫލް ބަލިވިޔަސް އެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެ އެެވެ. ވިޔަރެއާލް ދެ ގޯލުގެ ތަފާތުން މޮޅުވެއްޖެނަމަ އިތުރު ވަގުތު ކުޅެން ޖެހޭއިރު، ވިޔަރެއާލަށް ފައިނަލުގެ ޖާގައެއް ލިބޭނީ ތިން ގޯލުގެ ފަރަގުން މޮޅުވެގެންނެވެ. މި ފަހަރުގެ ސީޒަނުން ފަށައިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި ރަށުންބޭރުގައި ޖަހާ ގޯލުގެ ގަވާއިދަށް އަމަލުނުކުރެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ލިވަޕޫލުން ގޯލެއް ޖަހަން ރަނގަޅު ދެ ހަމަލާ ފޮނުވާލި އެވެ. ސަޑިއޯ މާނޭ ޖެހި ބޯޅައެއް ވިޔަރެއާލްގެ ކެޕްޓަން ރައުލް އަލްބިއޯލް ފައިގައި ޖެހިފައި ބޭރުވީ ދަނޑިކައިރިންނެވެ. އޭރިއާބޭރުން ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ލިވަޕޫލްގެ ފަބީނިއޯ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ލިވަޕޫލުން ލީޑުނެގީ ނަސީބުގެ އެހީއާ އެކުގަ އެވެ.

ލިވަޕޫލްގެ މާނޭ (މ) ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


މެޗުގެ 53 ވަނަ މިނިޓްގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ނެގި ހުރަހެއް ދިފާއުކުރަން ވިޔަރެއާލްގެ ފުލްބެކް، ޕާވިސް އެސްޓޫޕީނިއާން ފައިން ޖައްސާލި ބޯޅަ ވިޔަރެއާލްގެ ކީޕަރު ޖެރެއީމޯ ރޫލީ އަތުގައި ޖެހިފައި ވަނީ ގޯލުގެ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން މުހައްމަދު ސަލާހު ދިން ބޯޅައަކުން މާނޭ ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެެވެ.

ފުލުފުލުގައި ކަހަލަ ގޮތަކަށް ލިވަޕޫލްގެ އެޓޭކްތައް ފެންނަމުންދިޔަ މި ވަގުތުގައި އެ ޓީމުގެ އެންޑީ ރޮބަޓްސަން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން ލިވަޕޫލްގެ ލުއިސް ޑިއާޒް ގޯލަށް ފޮނުވާލި ބޯޅައެއް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ބަދަލަކަށް ކުޅެން އެރި ވިޔަރެއާލްގެ ފޯވާޑް ބުލާއެ ޑިއާ ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އަތަށް ނަގައިފަ އެވެ. ޖުމްލަކޮށް ބަލާއިރު، ވިޔަރެއާލްގެ އެޓޭކް ފެނުނީ ދަށް ކޮށެވެ. އެ ޓީމުގެ އެއް ވަނަ ފޯވާޑް ޖެރާޑް މޮރޭނޯ އަނިޔާގައި ހުރުމުން ކުރިއަށް ކުޅުނު ބޯޅަތަކުގައި ބޭނުމެއް ނުހިފުނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތީ އަންނަ މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގަ އެވެ. ސެމީ ފައިނަލްގެ އަނެއް މެޗުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. ސިޓީ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ބަލިވެފަ އެވެ.