Advertisement

ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޫޕްމަން އެފްއޭއެމް ގޮވައިގެން ފީފާ އަށް

27 އޭޕްރީލް 2022 - 16:36 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޫޕްމަން އެފްއޭއެމް ގޮވައިގެން ފީފާ އަށް

27 އޭޕްރީލް 2022 - 16:36 0

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލުމުން އެކަމާ ދެކޮޅަށް އެފްއޭއެމް ގޮވައިގެން ފީފާގައި މައްސަލަ ކުރިއަށްދާ ކަމަށް ކޫޕްމަން ބުނެފި އެވެ.

އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނިސް މިދިޔަ އަހަރުގެ ކުރީކޮޅުގައި އޭނާ އަށް ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނީ ތިން މެޗެވެ.

އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ސެންޓްރަލައިޒްކޮށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުގަ އެވެ. ސެންޓްރަަލައިޒްކޮށް ދުބާއީގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. އަދި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވިއިރު، ފަހު މެޗުގައި ވަނީ ފިލިޕީންސާ 1-1 އިން އެއްވަރުވެފަ އެވެ. ކޫޕްމަން އަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.

ކޫޕްމަން ވަނީ ފީފާ އަަށް މައްސަލަ ހުށަހެޅީ އިންސާފުން ބޭރުން ކަންކޮށްފައިވާތީ އޭގެ ބަދަލު ހޯދުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

"ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދަން ފީފާގައި މައްސަލަ ކުރިއަށް މިގެންދަނީ. މީގެ ބޭނުންވަނީ ބޭނުން ގޮތަކަށް ކޮންޓްރެކްޓަކާ ހިލާފަށް ކަންތައް ނުކުރެވޭނެކަން ބުނެދޭން. އަހަރެން ހިތާމަ ކުރަން ރާއްޖެއާ އެކު އަހަރެން ޓާގެޓް ކުރި ކަންތައްތަކާ ހަމައަށް ވާސިލްނުވެވެނިސް މަގާމު ދޫކޮށްލަން ޖެހުނީމަ،" ކޫޕްމަން ބުންޏެވެ.

ކޫޕްމަންގެ އެސިސްޓަންޓަކަށް ގެނައި، ނެދަލެންޑްސްގެ ރެނޭ ހިޑިންކް ވެސް ވަނީ އެފްއޭއެމާ ދެކޮޅަށް ފީފާގައި މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ. ރެނޭ ހިޑިންކް މިިދިޔަ އަހަރު، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ފީފާ ޓްރިބިއުނަލް އިން ބަލައި، އެފްއޭއެމް އިން ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދައްކަން ފީފާ އިން އެންގީ މިދިޔަ މަހު ފަހުކޮޅުގަ އެވެ.

ކޫޕްމަން މަގާމުން ވަކިވުމުން، މިދިޔަ އަހަރު އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދުދިނީ ކޫޕްމަންގެ އެސިސްޓަންޓް ކޯޗަކަށް ހުރި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން ސާފްގައި ކުޅުމަށް ފަހު، ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމުން އަލަށް ގެނައި، އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގައުމީ ޓީމުގައި މަސައްކަތް ފެށި އެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން އަންނަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭނެ އެވެ. އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކޮލިފައިން ގްރޫޕްގެ މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި އުޒްބެކިސްތާންގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި ތައިލެންޑް އެވެ.