Advertisement

ިލިވަޕޫލުން ވިޔަރެއާލާ މެދު ދެކެނީ މީޑިއާ ވިސްނާގޮތަކަށް ނޫން: ކްލޮޕް

27 އޭޕްރީލް 2022 - 06:02 0

ލިވަޕޫލްގެ ކޯޗު ކްލޮޕް: ވިޔަރެއާލް މެޗު ފަސޭހަނުވާނެ ކަމަށް ވަނީ ބުނެފައި.


ިލިވަޕޫލުން ވިޔަރެއާލާ މެދު ދެކެނީ މީޑިއާ ވިސްނާގޮތަކަށް ނޫން: ކްލޮޕް

27 އޭޕްރީލް 2022 - 06:02 0

ލިވަޕޫލް (އޭޕްރީލް 27) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލުން ވިޔަރެއާލާ ކުޅެން ޖެހުމުން މީޑިއާ އިން މިއީ ލިވަޕޫލަށް ފަސޭހަވާނެ މެޗެއްގެ ގޮތުގައި ދެކުނު ކަމުގައި ވިޔަސް އެއީ ލިވަޕޫލުން ވިސްނާނެ ގޮތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ކްލޮޕް ބުނެފި އެވެ.

އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވިޔަރެއާލުން މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ ގަދަ 16 ބުރުގައި ޔުވެންޓަސް އާއި ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ކަޓުވާލައިފަ އެވެ.

މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ވިޔަރެއާލުން މިދިޔަ ދެ ސީޒަނުގައި ޔޫރަޕްގައި ކޮށްފައިވާ މަސައްކަތަށް ބަލާއިރު، އެ ޓީމު އެ އޮތީ ހައްގު މަގާމެއްގައި ކަމަށެވެ.

އަދި ލިވަޕޫލުން މި ވަގުތަށް ބަލާއިރު، ވިސްނަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި ރަނގަޅު ކުޅުމެއް ދައްކަން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފަން ކަމަށް ކްލޮޕް ބުންޏެވެ.

"ފަހަރެއްގައި ތި މީހުން (މިޑިއާ އިން) ދެކެފާނެ ވިޔަރެއާލަކީ ފަސޭހަ ޓީމެއް ކަމަށް. އަހަރެމެންގެ ވިސްނުމަކީ އެއީ އެއް ނޫން. އަހަރެމެން އެއްވެސް މެޗަކަށް އެ ފަދަ ވިސްނުމެއްގައި ނުނުކުންނަން. އަހަރެމެން ވިޔަރެއާލާ މެދު ދެކެނީ ވެސް މީޑިއާ އިން ވިސްނާ ގޮތަކަށް ނޫން، ވިޔަރެއާލަކީ ޗެމްޕިއަންސް ލީގުގައި ހައްގު މަގާމެއްގައި އޮތް ޓީމެއް،" ކްލޮޕް ބުންޏެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ކުރި ކަމުގައި ވިޔަސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބޭ ޓީމުތަކެއް ވެސް އެބައޮތް. ވިޔަރެއާލް އެ އޮތީ ސެމީ ފައިނަލުން ޖާގަ ހޯދާފައި. މިއީ ވިސްނަން ޖެހޭ ސަބަބުތައް،"

މިއީ ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ ދެ ވަނަ ފަހަރެވެ. އެ ގޮތުން 2015 ވަނަ އަހަރު އޮކްޓޫބަރު ކްލޮޕް އެންމެ ފުރަތަމަ ލިވަޕޫލްގެ ކޯޗަކަށް އައި އަހަރު، ލިވަޕޫލުން ވަނީ އެ ފަަހަރުގެ ސީޒަނުގައި ޔޫރަޕާ ލީގުގެ ސެމީ ފައިނަލުގައި ވިޔަރެއާލާ ބައްދަލުކޮށް ކުރި ހޯދައިފަ އެވެ.

އެ ފަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި ލިވަޕޫލް ބަލިވީ ސެވިއްޔާ އަތުންނެވެ. ސެވިއްޔާގެ ކޯޗަކަށް ހުރީ މި ވަގުތު ވިޔަރެއާލާ ހަވާލުވެ ހުރި އެމެރީ އެވެ.

ކްލޮޕް ބުނީ މި ވަގުތު ވިޔަރެއާލް ސްޕެނިޝް ލީގުގެ ނުވަ ވަނައިގައި އޮތުމަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އެ ޓީމުން ކުޅޭނެ މެޗަށް އަސަރެއް ކުރާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ވިޔަރެއާލްގެ ކިބައިން ފެންނާނެ ރޫހަކީ އެ ޓީމުން ބަޔާނާއި ޔުވެންޓަސް ބަލިކުރިއިރު، ދެއްކި ކުޅުން ކަމަށް ކްލޮޕް ގަބޫލުކުރެ އެވެ.

ލިވަޕޫލާއި ވިޔަރެއާލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.