Advertisement

ގްރީން ސްޓްރީޓްސް އަތުން ވެސް ބަލިވެ ވެލެންސިއާ އަށް ހާސްކަން

24 އޭޕްރީލް 2022 - 01:07 0

ވެލެންސިއާގެ ފައިޓޯ (ވ) ކައިރިން ގްރީން ސްޓްރީޓްސްގެ ޗޯޓު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގްރީން ސްޓްރީޓްސް އަތުން ވެސް ބަލިވެ ވެލެންސިއާ އަށް ހާސްކަން

24 އޭޕްރީލް 2022 - 01:07 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުލަބު ގްރީން ސްޓްރީޓްސް އަތުން 3-2 އިން ބަލިވެ، ކުލަބް ވެލެންސިއާ އަށް ކުރިމަތިވެފައިވާ ހާސްކަން އިތުރުވެއްޖެ އެވެ.

ވެލެންސިއާ މިރޭގެ މެޗުން ބަލިވުމުން ތާވަލުގެ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނުއިރު، މޮޅެއް ނުލިބި ޖެހިޖެހިގެން ލީގުގެ ފަސް މެޗު ނިންމާލަން ޖެހުނީ އެވެ. ވެލެންސިއާ އެންމެ ފަހުން ލީގުގައި މޮޅުވީ މިދިޔަ މަހު އަށް ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުންނެވެ.

އޭގެ ފަހުން ލީގުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނާއި ކްލަބް އީގަލްސްގެ އިތުރުން މިރޭ ގްރީން ސްޓްރީޓްސް އަތުން މި ވަނީ ބަލިވެފަ އެވެ. ވެލެންސިއާ އިން މިދިޔަ ފަސް މެޗުގައި ހޯދި ހަމައެކަނި ޕޮއިންޓަކީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީސީއާ ފަހު ވަގުތު އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ.

ވެލެންސިއާ ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 10 މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ސަސް، ހަ ވަނައިގައި އޮތް ޓީސީ އަދި ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ އީގަލްސް އިން ކުޅޭނީ ސަސްއާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ގޯލު ގްރީން ސްޓްރީޓްސް އިން ޖެހީ މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގަ އެވެ. ވެލެންސިއާގެ ފަހަތުން ސަމްދޫހު މުހައްމަދަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ވެލެންސިއާގެ ޖޯ (ވ) ގްރީން ސްޓްރީޓްސްގެ ތޮއްޕޭ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގްރީން ސްޓްރީޓްސް އިން ލީޑުނެގި ފަހުން ވެލެންސިއާ އިން ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކުރިނަމަވެސް މާ ނުރައްކާތެރި ބޯޅައެއް ފުރަތަމަ 15 މިނެޓުގެ ތެރޭގައި ކީޕަރު ހަނީފް ސާގިބް ދިފާއުކުރާކަށް ނުޖެހުނެވެ. ގޯލެއް ޖަހަން އޭގެ ފަހުން ހުސް ފުރުސަތެއް ހޯދީ ގްރީން ސްޓްރީޓްސް އިންނެވެ. ގްރީން ސްޓްރީޓްސް އަށް ލިބުނު ކޯނަރަކުން އެންހެލް ކަރަސްކޯސާ މުނޯޒް ނަގައިދިން ބޯޅަ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އަތް މަތިން ގޮސް ލިބުނީ ހަސަން ނަޒީމް (ޗޯޓު) އަށެވެ. ޗޯޓު ޖައްސާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ. އެ ބޯޅަ ފޮނުވާލަން ގްރީން ސްޓްރީޓްސްގެ ހުސައިން ފަޒީލަށް ވެސް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.

ވެލެންސިޔާ އިން ގޯލާ އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ފުރަތަމަ ހަމަލާއަކީ އަބްދުﷲ މިދުހަދު ފަހުމީ (ބިޗަޑް) ފޮނުވާލި ބޯޅަ އެކެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ހަނީފް އަތަށެވެ.

މެޗުގެ 22 ވަަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ދެ ވަަނަ ގޯލް ޖަހައި ލީޑް ފުޅާކުރި އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) މި ގޯލް ޖެހީ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އެ ޓީމުން ކުރިއަށް އަރައި ފޯވާޑް އަވީލާ ހުސްކޮށްލާފައި ދިން ބޯޅަ އަކުންނެވެ. މި ގޯލުގައި ވެސް ވެލެންސިއާ ފަހަތުން ގޯސްތަކެއް ފެނުނެެވެ.

ގްރީން ސްްޓްރީޓްސްގެ ދެ ވަނަ ގޯލަށް ފަހު ވެލެންސިއާ އަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ހުސައިން ހަނާން (ޖޯ) އަށެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޖޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިލައިގެން ކުޅެމުން ދިޔުމުގެ ނަތީޖާއަކަށްވީ މާ ގިނަ އިރުތަކެއް ނުވެ އެ ޓީމުން ފުރަތަމަ ގޯލު ޖެހުމެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ގޯލު ޖަހައިިިދިނީ ބިޗަޑު އެވެ. އިސްމާއިލް އީސަ (މެސީ) ދިން ޕާސް ކޮންޓްރޯލް ކުރުމަށް ފަހު ބިޗަޑް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.

ވެލެންސިއާގެ ގޯލަށް ފަހު ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ހާފުގައި ތިން ވަނަ ގޯލެއް ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މުނޯޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޗޯޓު ހުސްކޮށް ހުރެ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލާ އަމާޒުކޮށް ނުލެވުނުއިރު، އޭގެ ފަހުން އަންކޮ ދިން ބޯޅައަކުން ޗޯޓު ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ކީޕަރު ޓޮޕްލަކް އަތުގައި ޖެހިފަ އެވެ.

ގްރީން ސްޓްރީޓްސްގެ އެޓޭކެއް ހުއްޓުވަން ވެލެންސިއާގެ ކީޕަރު ޓޮޕްލަކް އަތަށް ނަގަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރީ 42 ވަނަ މިނެޓުގަ އެވެ. އަރިމަތިން އީސަ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ކީޕަރު ހަނީފު ސާގިބު ދިފާއު ކުރިއެވެ. ނަމަވެސް ހަނީފު އަތުގައި ޖެހިފައި ރީބައުންސް ބޯޅަ ލިބުމުން ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ގްރީން ސްޓްރީޓްސް ފެނުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ތަނެވެ. އަނެއް ކޮޅުން ވެލެންސިއާ އިން ރަނގަޅު ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. ވެލެންސިއާގެ ޖޯ އާއި ބޯހަސް އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުކުރެވުނުއިރު، ގްރީން ސްޓްރީޓްސްގެ އަވީލާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވި އެވެ.

ގްރީން ސްޓްރީޓްސް މެޗުން މޮޅުވި ގޯލު ޖެހީ 69 ވަނަ މިނިޓްގައި ޗޯޓު އެވެ. ގްރީން ސްޓްރީޓްސްގެ އަންކޮ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއިން ކީޕަރު ޓޮޕްލަކް މަތަކުރި ބޯޅަ ލިބުނީ ޗޯޓު އަށެވެ. ޗޯޓު ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާފައި ފޮނުވާލި ބާރު ހަމަލާވަނީ ގޯލްގެ އަރިމަތީ ކަނަށެވެ. މިއީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޗޯޓު ސީޒަނުގައި ޖުމްލަ އެއްކޮށް ޖެހި 11 ވަނަ ގޯލެވެ.

ނަތީޖާ ހަމަހަަމަކުރަން ވެލެންސިއާގެ ބޯހަސް އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާނުލެވުނެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާދަމާރޭ ކުޅޭނީ އީގަލްސް އާއި ސަސް އެވެ. މެޗު ފަށާނީ 22:00 ގަ އެވެ. އެ މެޗަށް ފަހު ރޯދަ މަހުގެ ފަހު ދުވަސްތަކާއި އީދަށް 10 ދުވަހުގެ ބްރޭކެއް ނަގާނެ އެވެ.