Advertisement

ޗެލްސީ ގަންނަން ސެރީނާ އާއި ހެމިލްޓަން ވެސް އިންވެސްޓްކުރަނީ

23 އޭޕްރީލް 2022 - 13:50 0

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ (ކ) އާއި ފޯމިއުލާ ވަން ރޭސަރު ހެމިލްޓަން.


ޗެލްސީ ގަންނަން ސެރީނާ އާއި ހެމިލްޓަން ވެސް އިންވެސްޓްކުރަނީ

23 އޭޕްރީލް 2022 - 13:50 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 22) - އިނގިރޭސި ގަދަބާރު ޗެލްސީ ގަންނަން ލިވަޕޫލްގެ ކުރީގެ ޗެއާމަން މާޓިން ބްރޯޓަންގެ ކޮންސޯޓިއަމް އިން ކުރާ ބިޑްގައި ބައިވެރިވާން މަޝްހޫރު ދެ ކުޅިވަރު ތަރިން ކަމަށްވާ ސެެރީނާ ވިލިއަމްސް އާއި ލެވިސް ހެމިލްޓަން ނިންމައިފި އެވެ.

ކާމިޔާބު ޓެނިސް ތަރި ސެރީނާ އާއި ފޯމިއުލާ ވަން ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ހެމިލްޓަން، ތެރެއިން ކޮންމެ ކުޅުންތެރިއަކު 13 މިލިއަން ޑޮލަރު، ޗެލްސީ ގަންނަން ކުރާ ބިޑަށް އިންވެސްޓްކުރާނެ އެވެ. ބްރޯޓަންގެ ކޮންސޯޓިއަމް ކުރާ ބިޑް ޖުމްލަ އެކު 300 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.

އާސެނަލަށް ސަޕޯޓްކުރާ ހެމިލްޓަން ޗެލްސީގެ ބިޑްގައި ބައިވެރިވުމާ ބެހޭގޮތުން ބުނީ ކުޅިވަރަށް އިންވެސްޓްކުރުމަކީ އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމެއް ކަމަށާއި، ޗެލްސީ އަކީ ވަރުގަދަ އަދި ކާމިޔާބު ޓީމަކަށްވާތީ އެ ކްލަބް ގަންނަން ކުރެވޭ މަސައްކަތެއްގައި ބައިވެރިވާން ނިންމީ ކަމަށެވެ.

ހެމިލްޓަން ބުނީ އޭނާގެ އާއިލާގައި ޗެލްސީގެ ގިނަ ސަޕޯޓަރުން އެބަތިބި ކަމަށާއި މި ބިޑްގައި ބައިވެރިވާން ނިންމީ ވެސް ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ. އަދި ބްރޯޓަންގެ އެދުމުގެ މަތިން އޭނާގެ ކޮންސޯޓިއަމް އިން މި ކުރާ މަސައްކަތުން ޗެލްސީގެ ބިޑް ކާމިޔާބުކުރެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެެވެ.

ރަޝިއާ އިން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ޓީމު ވިއްކާލަން ނިންމީ މިދިޔަ މަހު 2 ވަނަ ދުވަހު އެވެ. ތަފާތު ފިއްތުންތަކާ ހުރެ، އަބްރަމޮވިޗަށް ޗެލްސީ ވިއްކާލުމުގެ ކަންކަން އަދި ކުރިއަށް ނުގެންދެވޭއިރު، ޗެލްސީގެ ކަންކަން ކުރިއަށް ގެންދަނީ އިނގިރޭސި ސަރުކާރުން ދީފައިވާ ވަގުތީ ލައިސަންސެއްގެ ދަށުންނެވެ.

ޗެލްސީ ވިއްކާލައިގެން އެއްވެސް ފައިދާއެއް ނަގަން ބޭނުންނުވާ ކަމަށް އަބްރަމޮވިޗް ވަނީ ހާމަކޮށްފަ އެވެ. އަދި އަބްރަމޮވިޗަށް ޗެލްސީން އަދާކުރަން ޖެހޭ ދަރަންޏެއް ކަމަށްވާ ދެ ބިލިއަން ޑޮލަރު މާފުކޮށްދޭން ވަނީ ނިންމައިފަ އެވެ.

ޗެލްސީ ގަންނަން ދެން ހުށަހަޅާފައިވާ ތިން ބިޑްގެ ތެރެއިން އެއް ބިޑްގައި ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަން ރައީސް، ސަބެސްޓިއަން ކޯ ހިމެނެ އެވެ. އޭނާ އަކީ ޗެލްސީގެ ސަޕޯޓަރެކެވެ. ދެން ހުށަހަޅާފައިވާ ދެ ބިޑަކީ، ލޮސް އެންޖެލެސް ޑޮޖާސް ބާސްބޯލް ޓީމުގެ ކޯ އޯނަރު ކަމަށްވާ ޓޮޑް ބޮއެލީގެ ބިޑަކާއި ބޮސްޓަން ސެލްޓިކްސް ބާސްކެޓްބޯލް ޓީމުގެ ކޯ އޯނަރު، ސްޓީވް ޕެގްލިއުކާ އިސްކޮށް ހަރަކާތްތެރިވާ ބިޑެކެެވެ.