20 އޭޕްރީލް 2022 - 16:04 0
20 އޭޕްރީލް 2022 - 16:04 0
ލިވަޕޫލް (އޭޕްރީލް 20) – މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު އޮތީ އެ ޓީމާ ވާދަވެރި ލިވަޕޫލަށް ވުރެ "ހަ އަހަރު ފަހަތުގައި" ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.
އިނގިރޭސި ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔުނައިޓަޑް އަތުން 4-0 އިން ލިވަޕޫލް މޮޅުވެ، އެ ޓީމު ވަނީ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މި މެޗުގެ ނަތީޖާއާއެކު ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޔުނައިޓަޑުން ކުރަމުންދާ އުންމީދުތަކަށް ވަނީ ހުރަސްއެޅިފަ އެވެ. އަދި ޔުނައިޓެޑުން ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމެއް އަތުން ލީގުގެ ދެ މެޗުގައި 9-0 ގެ ފަރަގަކުން ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކްލަބުގެ ތެރޭގައި ހިމެނޭ ލިވަޕޫލާއި ޔުނައިޓަޑް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި، ލިވަޕޫލުން ވަނީ ޔުނައިޓަޑްގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ލަނޑު ވައްދާލައިފަ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މި ދެ ކްލަބު ކުޅުނު ދެ މެޗުން، ޔުނައިޓަޑް ކޮޅަށް ލިވަޕޫލް ވަނީ ޖުމްލަ ނުވަ ލަނޑު ވައްދާލައިފަ އެވެ. ދެ ކްލަބުގެ މެދުގައި މިހާރު އޮތް ފަރަގު، މި ދެ މެޗުގެ ނަތީޖާ އިން ވެސް ވަރަށް ސާފުކޮށް ފެނެ އެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބުނީ މި މެޗުގެ ނަތީޖާ އަކީ ޔުނައިޓަޑުން "ލަދުގަންނަންޖެހޭ" ނަތީޖާއެއް ކަމަށެވެ. އަދި މި ވަގުތު ޔުނައިޓަޑް އޮތީ ލިވަޕޫލަށް ފަހަތުގައި ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.
"މިއީ ލަދުވެތި ނަތީޖާއެއް. މި ކަމާމެދު ދެރަ ވެސް ވާންޖެހޭ. ލިވަޕޫލް މިހާރު އޮތީ ޔުނައިޓަޑަށް ވުރެ ހަ އަހަރު ކުރީގައި. ޔާގަން ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ހިސާބުން، އެ ޓީމުގެ ފެންވަރު ރަނގަޅުކޮށްފި. ޓީމު އެކަންޏެއް ނޫން މުޅި ކްލަބާއި އެ ސިޓީ ވެސް އެހެން ލެވެލް އަކަށް ޖައްސާލައިފި،" ރަންގްނިކް ބުންޏެވެ.
ރަންގްނިކް ބުނީ ލިވަޕޫލުން ހޯދާފައިވާ ކުރިއެރުންތަކުން މިސާލު ނަގައި، ޔުނައިޓަޑުން ވެސް ދެން އަންނަ ޓްރާންސްފާ ބާޒާރުގައި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
ރަންގްނިކް ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަންގެ ނިޔަލަށެވެ. ޔުނައިޓަޑްގެ އާ ކޯޗަކަށް އަޔަކްސްގެ އެރިކް ޓެން ހާގް ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އާ ކޯޗެއް ޔުނައިޓެޑަށް ގެނައުމަށް ފަހު ރަންގްނިކް ހަވާލުވާނީ އެޑްވައިޒަރީ ރޯލަކަށެވެ. އެ މަގާމުގައި ހުރެ ޔުނައިޓެޑް އަލުން ކާމިޔާބުގެ މަގަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ. އެ މަސައްކަތުގައި ކިތަންމެ ގިނަ އާ ކުޅުންތެރިން ގެންނަން ޖެހުނަސް އެކަން ކުރާނެ ކަމުގެ އިޝާރާތެއް ރަންގްނިކް ވަނީ ދީފަ އެވެ.
Comment