Advertisement

ވާހަކަ: ހަޔާތުގެ އަނދިރިފަރާތް

19 އޭޕްރީލް 2022 - 09:41 1

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: ހަޔާތުގެ އަނދިރިފަރާތް

19 އޭޕްރީލް 2022 - 09:41 1

އަހަރެންގެ އާއިލާގެ ދިރިއުޅުން ބިނާވެފައި ވަނީ ތަންކޮޅެއް އަބުއި ކޮށެވެ. އާއިލާ އަކީ ފޯރާ އާއިލާ އެކެވެ. ބައްޕަ އަކީ ރަށުގެ ގާޒީ އެވެ. ދެ މަސްއޮޑި އާއި ފިހާރައެއް ހުރެ އެވެ. ގާޒީ އަކަށް ވުމުގެ ކުރިން ރަށު އޮފީހުގައި ވެސް ބައްޕަ މަސައްކަތްކުރި އެވެ. ބައްޕަ އަކީ ބުނާ ބަހުގައި ހިފެހެއްޓުމާއި ދަރިން ބޭނުން ވިއަސް އެކަމެއް ކުރާން ފުރުސަތު ނުދޭ މީހެކެވެ. ކޮންމެ ކަމެއް ވާން ޖެހޭނީ ބައްޕަ ބުނާ ގޮތަށެވެ. އަދި ބާރާއި ނުފޫޒުގެ ތެރޭގައި ކުދިން ބައިތިއްބަން ބޭނުންވާ މީހެކެވެ. ސަމާސަ ވެސް ކުރާނެ އެވެ. އެހާ ހެޔޮ ވެސް ވާނެ އެވެ. ބައްޕަ ނިންމާ ކަމެއް ބަދަލު ކުރުމީ ނުވާނެ ކަމެކެވެ.

ބައްޕަގެ ވިސްނުމާއި ފިކުރު ހުންނަނީ އަދިވެސް ކުރީގެ މުސްކުޅި ގޮތަށެވެ. ދަރިން ކައިވެނި ކުރާން ޖެހޭނީ ގަދަރުވެރި މޮޅު މީހުންނާ އެވެ. ހުރިހާ ދިމާލަކުން ބާރާއި ނުފޫޒު ހޯދާން ބޭނުންވެ އެވެ.

މަންމަގެ މިޒާޖު ވަރަށް ތަފާތެވެ. މަޑު މައިތިރި މީހެކެވެ. ގޭގެ ކަންކަމުގައި ވެސް ބައްޕަގެ ލަފާ ނުލިބި އެއްކަމެއް ވެސް ކުރަން ޖެހެލުންވާ މީހެކެވެ. ބައްޕަ ހުކުމް އިއްވީމާ ނޫނީ ނުކުރުމުގެ ސިޔާސަތެއް ގެންގުޅޭ މީހެކެވެ.

ކޯޓުގައި ޝަރީއަތް ކޮށްކޮށް ބައްޕަ ހުންނަނީ ހުރިހާ ކަމެއްގައި ވެސް އެންމެ ފަހުގެ ހުކުމް އިއްވަން ތައްޔާރު ވެގެންނެވެ. އަހަރެންނަށް ބައްޕަ ސިފަ ވަނީ ގޮތްދޫނުކުރާ މީހެއްގެ ގޮތުގަ އެވެ.

އަހަރެންގެ ކާފަ އަކީ ވެސް ރަށުގެ ވެރިކަމުގެ ތެރޭގައި އުޅުނު މީހެކެވެ. ކާފަގެ ސިފަތައް ބައްޕަ އަށް ވެސް ހުރީ ވާރުތަވެފައި ކަމުގައި މަންމަ ބުނެ އެވެ. އަހަރެންނަށް ހޭވެރިކަން ވީއިރު ކާފަ މި ދުނިޔެއަކު ނެތެވެ.

އަހަރެންގެ އުމުރުން ދިހަ އަހަރުގައި މާލެއަށް ކިޔަވަން ފޮނުވައިފި އެވެ. އަހަރެންނަކީ ހިތް އަލި ކިޔަވަން ފޯރި ހުރި ކުއްޖެއްގެ ގޮތުގައި ސްކޫލުގެ ޓީޗަރުން ފާހަގަ ކުރެ އެވެ.

ކިޔަވާ ނިމިގެން އަހަރެން ރަށަށް އައުމުގެ އަމުރު ބައްޕަ އޮތީ ނެރެފަ އެވެ. އުމުރުން 18 އަހަރު ނުވަނީސް މީހަކާ ކައިވެނި ކުރުވަން ބައްޕަ ހުރީ ފޫގަޅައިގެންނެވެ. މިކަން އަހަރެންނަށް ރެޔަކާލީ ވަލީވެރިން ގެއަށް އަންނަ ވާހަކަ މަންމަ ބުނުމުންނެވެ. އަހަރެން އަދި ކައިވެންޏެއް ކުރާން ބޭނުން ނުވާކަމުގައި ވެސް ބުނީމެވެ. އަދި އަހަރެން ކައިވެނި ކުރުވާން ބައްޕަމެން ބޭނުންވާ މީހަކީ އަހަރެންނަށް ވުރެ ދިހަ އަހަރު ދޮށީ މީހެއް ކަންވެސް އޮތީ އެންގިފަ އެވެ.

އެއް ދުވަހަކު ތިމާގެ ގެއެއްގައި ކެރަމް ބޯޑް ކުޅޭން އިންދާ ގޭދޮށު ކުއްޖަކު އަހަރެން ހޯދަން އަ އެވެ. އޭނާ ބުނީ މުނާ ނުފެނިގެން ބައްޕަ ހޯދާ ކަމުގަ އެވެ. އަދި ހުރީ ވަރަށް ރުޅި ގަދަވެފައި ކަމުގައި ވެސް ބުންޏެވެ. އަހަރެން ވަގުތުން އަޅާ އިތިކޮށް ގެއާ ދިމާއަށް ދުއްވައި ގަތީމެވެ. އަހަރެންނަށް ވުރެ ކުރީން އެ ކުއްޖާ ބައިސްކަލެއްގައި ދުއްވާފައި ގެއާ ދިމާއަށް ދިޔަ އެވެ. އަހަރެންނަށް ލަފާ ކުރެވެނީ އަހަރެން އިނީ ކީއްކުރަންކަން ބައްޕަ އަށް އޭނާ ހަބަރު ދޭނެ އެވެ. ދުވެވުނު ހާ ބާރަކަށް ދުވީމެވެ. އެކަމަކު އޭނާ އަތުވާ ވަރެއް ނުވި އެވެ.

ގެއަށް ވަދެވުނުއިރު ބައްޕަ ހުރީ ރުޅި އައިސް ފުފިފަ އެވެ. ދެލޯ ހުރީ ރަތް ވެފަ އެވެ. ވަގުތުން އިށީންނާން ބުނެފި އެވެ. އަދި ވަރަށް އަޑު ހަރުކޮށް ވާހަކަ ދައްކާން ފެށި އެވެ.

ވަލީވެރިން އައިއިރު މުނާ ތިޔަ އުޅުނީ ކެރަމް ކުޅޭށެވެ. ވަލީވެރިން އަންނާނެ ވާހަކަ ކަލޭ ގާތު މަންމަ ނުބުނޭ ހެއްޔެވެ؟ ފިލައިގެން ދެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަ ހިލާ އެހެން ނުވާނެ އެވެ. މި ކައިވެނި ޖެހޭނީ ކުރާށެވެ.

އަހަރެން ޖެހެލުންވެ ހުރެ ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކޭތޯ ބެލީމެވެ. އެކަމަކު އަނގައިން ބަހެއް ނުނިކުތެވެ. މުޅި މީހާ ރޫރޫ އަޅަ އެވެ. ދާހިއްލާ ފޯވެފައި ހުރުމުން މޫނުމަތިން ދާތައް ފައިބަ އެވެ. އިސްތަށިތައް ވަނީ މޫނުގައި ތަތްލާފަ އެވެ. ބޯ ވަނީ ހޭވިފަ އެވެ. އަރައިގެން ހުރި ފެން ފައިވާނުގެ ވަދު ވެސް ހުރީ ކެނޑިފަ އެވެ. ދެފައި ކޮޅު އޮތީ ހިރަފުސް ބުރައި ނިޔަފަތިތައް ވެސް ވަކި ނުވާވަރު ވެފަ އެވެ.

އަހަރެންނަށް މާނޭވ ާލެވި ގިސްލެވެނީ އެވެ. އަނގަތެރެ ވަނީ ހިކިފަ އެވެ. ފެން ވެސް އެވަރަށް ބޮވަ އެވެ. އެވަގުތު މަންމަ އެތަނަށް އަތުވެއްޖެ އެވެ. އަދި އަހަރެންނާއި ގާތްވެލާ ވަރަށް އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލި އެވެ.

އަހަރެން މަންމަގެ މޫނަށް ބަލައިލީމެވެ. ފެންކަޅި ވެފައި ހުރެގެން ބުނީމެވެ. އަހަރެން އަދި މީހަކާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ބައްޕަ އަށް މިއަޑު އިވުމާއެކު އިހުނަށް ވުރެ ރުޅިގަދަވި އެވެ. ލަސް ކުރެވޭކަށް ނެތެވެ. ހަމަ ޖެހޭނީ ވީހާ އަވަހަކަށް ކައިވެނި ކުރާށެވެ. އަހަރެމެން މިދަށްކަނީ މިވަގުތު ލިބޭނެ އެންމެ ރަނގަޅު މީހާ އެވެ.

އަހަރެން ހިތްވަރު ކޮށްފައި ބުނަން އުޅުނީމެވެ. ދުވަހަކު ވެސް ވާހަކަ ނުދައްކާ ގުޅުމެއް ނެތް މީހަކާ ކައިވެނި ކުރާނީ ކިހިނެއްޔެވެ؟ އެކަމަކު އެހެން ބުނާހާ ހިތްވަރެއް ނުލިބުނެވެ. ބައްޕަގެ ފަހުބަސް އިއްވާ، އެވަނީ އެކަމުގެ ހުކުމް ނެރެފަ އެވެ.

އަހަރެންގެ ދައްތަ އާއި ބޭބެ ވެސް މި ކައިވެންޏާ ވަރަށް ގަބޫލެވެ. ކިޔަވައިގެން ހުރި މީހަކަށް ވެފައި ސަރުކާރުގެ ރަނގަޅު އޮފީހެއްގައި އުޅޭތީ ކަމަށް އެ މީހުން ބުނެ އެވެ. އަދި އަހުލާގު ވެސް އެ މީހުންނަށް ރަނގަޅީ އެވެ. އަހަރެންނަށް އޭނާއާބެހޭ މައުލޫމާތު އެނގެނީ ގޭ ތެރެއިންނެވެ. އެއީ އެހެން ރަށެއްގެ މީހެކެވެ. އެދުވަސްވަރު އޭނާ ހުރީ ވަޒީފާ އަދާކުރާ އޮފީހުގެ ފަރާތުން ފޮނުވައިގެން އަހަރެންމެން ރަށުގައި ހުރި މުއައްސަސާއެއް ހިންގާށެވެ.

އަހަރެންގެ އުމުރަށް ބެލުމެއް ނެތި އަދި އަހަރެންގެ ވިސްނުމާއި ފިކުރަށް ބެލުމެއް ނެތި ކައިވެނި ކުރުވައިފި އެވެ. ކައިވެނީގެ ފުރަތަމަ ރޭ ވެސް އަހަރެން އަމްޖަދު އިބްރާހީމް އާއެކު އެއް އެނދެއްގައި ނުނިދަމެވެ. އަހަރެން އޮތީ ކޮޓަރީ ތަޅުން މަތީގައި ބެޑްޝީޓެއް އަޅައިގެންނެވެ. މިގޮތަށް އަމްޖަދަށް އަހަރެންގެ ގައިގައި އަތް ނުލެވި ދެ ހަފްތާ ދިޔަ ފަހުން އެ ޝަކުވާ ބައްޕައާ ހަމައަށް އުފުލައިފި އެވެ. ބައްޕަ އަކީ މީހުންނަށް ފެންތަށި ކިޔަވާލަ ދީ ތަވީދު ލިޔެދީ ހަދާ މީހެކެވެ. އަހަރެންގެ ގައިގާ ތަވީދެއް ލިޔެ އަޅުވައިފި އެވެ. އަދި ކިޔަވާފައި ހުރި ފެން ތައްޓެއް ވެސް ބޯން ދިނެވެ.

އެކަމެއް ކުރި ފަހުން އަހަރެންނަށް އޭނާ އާއެކު އެއްދާން ކުރެވެން ފެށުނެވެ. އެކަމު އަހަރެންގެ ޅަކަމާއި ކަންކަން އެހާ ވަރަށް ނޭނގުމުގެ ސަބަބުން އޭނާގެ ފަރާތުން މާބޮޑު އުފާތަކެއް ނުލިބެ އެވެ. އަހަރެންނަށް އެ ދުވަސްކޮޅުވީ ވޭނަކަށެވެ. ލޯބި ނުވާ، ގުޅުމެއް ނެތް މީހަކާ ކުއްލިއަކަށް ކައިވެނި ކުރާން ޖެހުމީ ކުޑަ ކަމެއް ނޫނެވެ. އެކަމުގެ ދިލަ އާއި ހޫނު އިހްސާސް ކުރެވޭނީ އެކަން ތަހައްމަލު ކުރާން ޖެހުމުންނެވެ.

މާލެއަށް އަހަރެމެން ދެމަފިރިންގެ ދިރިއުޅުން ބަދަލުވިތާ އަހަރު ނުވަނީސް ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެފި އެވެ. ފުރަތަމަ ދަރިފުޅުކަމުން އަހަރެން އުޅުނީ ވަރަށް ހާލުގަ އެވެ. ބަލިވެ އިނީންސުރެ ގިނަ ދުވަސް ދުވަހު ޑޮކްޓަރަށް ދައްކަން ދާން ޖެހެ އެވެ. ނަމަވެސް އަހަރެން އެކަންޏެވެ. އޭނާ އަށް "އޮފީސް ބިޒީ" ކަމުން އަހަރެން ގޮވައިގެން ދާނެ ވަގުތު ނުވަނީ ކަމަށް ބުނެ އެވެ.

ފުރަތަމަ ދަރިފުޅު ލިބުމުން ހީކުރީ ގިނަ ވަގުތު ފިރިމީހާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމެއް ނުވެ އެވެ. އޭނާ މަސައްކަތް ކުރާ ދާއިރާ އަކީ ތަންފީޒީ އިދާރާ އަކަށް ވުމުން ރޭގަނޑު ވެސް ދާން ޖެހޭކަމަށް ބުނެ ތަފާތު ބަހަނާ ދައްކަ އެވެ. ގޭގައި އުޅުނަސް ގިނަ ވަގުތު އޮންނަނީ ފޯނާ ކުޅޭށެވެ. ނުވަތަ ރަހުމަތްތެރިންނާ ވާހަކަ ދައްކާށެވެ.

ދަރިފުޅު ސްކޫލަށް ވަދެވޭ އުމުރަށް އެޅުމުން އަހަރެން ވަޒީފާ އަކަށް ދާން ފަށައިފީމެވެ. ސަބަބަކީ އޭނާ ގޭގެ ކަންކަމަށް ހަރަދު ނުކުރުމެވެ. އަހަރެންނަކީ ތައުލީމީ ދާއިރާގައި ވަޒީފާ އަދާ ކުރަން އެންމެ ފުރަތަމަ ވެސް ޝައުގު ވެރިކަން އުފެދުނު މީހެކެވެ. މާލޭގައި ހިންގާ ޕްރީ ސްކޫލަކުން ލިބުނު ވަޒީފާ އަށް އުފަލާއެކު ދާން ފެށީމެވެ.

ގޭގެ ކުލި ދެއްކުމާއި ގެއަށް ބޭނުންވާ ތަކެތި ހޯދަނީ ވެސް އަހަރެންނެވެ. އެއީ ލިބޭ މުސާރައަކުން ނޫނެވެ. ބައްޕަ ވެސް އަހަރެންނަށް ފައިސާ ފޮނުވަ އެވެ. އޭނާ ކުލި ދޭ ފަހަރު ވެސް ކުލީގެ އަދަދު ހަމަވާ ވަރަކަށް ނުދެ އެވެ. އޭނާގެ މުސާރަ އަކީ ކުޑަ މުސާރައެއް ނޫނެވެ. އޭނާ ވަޒީފާ އަދާ ކުރާތަނުން ކުލީގެ މިންވަރެއް ދައްކާ ދޭ ގޮތަށް ހަމަޖެހިފައި އޮވެ އެވެ. އެ ފައިސާ ވެސް އެ އޮފީހުން އޭނާގެ އެކައުންޓަށް ޖަމާވާކަން އަހަރެންނަށް އެނގުނީ އެތައް ދުވަހެއްވީ ފަހުންނެވެ.

އަހަރެންގެ ބޭންކް އެކައުންޓެއް އޮތަސް ކާޑު އޮންނަނި އޭނަގެ އަތުގަ އެވެ. އެއީ އޭނާ އަށް ކުރާ އިތުބާރުގެ ސަބަބުންނެވެ. އަދި ދެމަފިރިންގެ ހިއްސާ ކަންކަމުގައި އޮންނަ ވަރު އޭނާ އަށް އިހްސާސް ވާނެ ކަމުގެ އުންމީދު ގައެވެ.

އެކުގައި ހިނގާލަން ދިއުމެއް ނެތެވެ. އެކުގައި ދުއްވާލަން ދިއުމެއް ނެތެވެ. ތަނަކަށް ކޮފީއެއް ބޯލަން ނުވަތަ އެއްޗެއް ކާލަން ދިއުމެއް ނެތެވެ. މިއީ ކޮންކަހަލަ ދިރި އުޅުމެއް ހެއްޔެވެ؟ އުފަލެއް އަރާމެއް ނެތެވެ؟ އަބަދު ޖެހެނީ ފިކުރު ކުރާށެވެ.

އަހަރެމެންގެ ދީން ވެސް ބާރު އަޅަނީ އަނބިންނާއި ފިރިން އޯގާތެރިކަމާއެކު ލޯބިން އުޅުމަށެވެ. އެކަމު އަމްޖަދުގެ ބޮލަށް އިބްލީސް ސަވާރު ވެފައި ހުންނަ ކަހަލަ ކަންކަން ވާން ފަށައިފި އެވެ. ދެމަފިރިންގެ ގުޅުމުގައި މަސްނޫއީ ތަކެތި ބޭނުން ކުރަން ބާރު އަޅަނީ އެވެ. އޭނާ ދެކޭ ގޮތުގައި އަހަރެން މީ ކުޅެން ގެންގުޅޭ ބުދެކެވެ. އޭނާގެ އުފަލަށް އަހަރެން ޖެހޭނީ ޗާބީ ދީފައި ހުންނަ ބުދެއް ހެން ކޮޓަރީގައި ނަށާށެވެ. އަހަރެން ގަސްދުކުރީ ވަރި ނުވެ އެކުގައި އުޅޭށެވެ. އޭނާ އިސްލާހު ވޭތޯ ދުއާ ކުރެވެ އެވެ.

ވަޒީފާގެ އިތުރުން ވަރަށް ގިނަ ކަންކަން ކުރާން ދަސްކޮށްފީމެވެ. އެގޮތުން ކައިވެނީގެ ހެދުން ފެހުމާއި ތަފާތު ހަދިޔާ ތައްޔާރު ކުރުމެވެ. ކޭކް އެޅުމެވެ. ޕާޓީތަކަށް ހެދިކާ ހަދައިދިނުމެވެ. ބުރައެވެ. ނަމަވެސް ދިރިއުޅުން އުފާ ކުރެވޭނީ ރަނގަޅު އާމްދަނީއެއް ލިބިގެން ކަމުގައި ގަބޫލު ކުރެވެނީ އެވެ. ހިފައިގެން އުޅޭ ތަނުގެ ކުއްޔަކީ ސާދަ ހާސް ރުފިޔާ އެވެ.

މިހާރު ދިރިއުޅޭ ތަން ބޮޑު ތަނަކަށް ބަދަލު ކުރުމުގެ ހިޔާލު އައިސްގެން ތިން ކޮޓަރީގެ ތަނެއް ކުއްޔަށް ހިފީމެވެ. އަދި އެއް ކޮޓަރި އެހެން މީހަކަށް ކުއްޔަށް ދިނީމެވެ. އެތަން އަހަރެން ހިފީ ސޯޅަ ހާހަށެވެ. ކުއްޔަށް ދިން ކޮޓަރިން ފަސް ހާސް ލިބެ އެވެ. އަހަރެންގެ ސިކުނޑި ވިޔަފާރިއާ ދިމާ އަށް މިސްރާބު ޖަހަން ފެށިކަން ނަސީބެވެ. އެހެން ނޫން ނަމަ އަހަރެން އުޅޭނީ ވަރަށް ދަތި ހާލުގަ އެވެ. ގޭގެ ކަރަންޓާއި ފެން ބިލް ވެސް ދައްކަނީ އަހަރެންނެވެ. ފަހުން ހިފި ތަނުގެ ކުލި ފުރަތަމަ ކޮޅު އަމްޖަދު ދެއްކި އެވެ. ނަމަވެސް ފަހުން އެކަން ބަދަލުވާން ފެށި އެވެ. އަބަދުވެސް އުޅެނީ ފައިސާ ނެތިގެންނެވެ. ކުރާ ހަރަދެއް ނުފެނެ އެވެ. ރާއްޖޭން ބޭރުން ލިބޭ ކޯސްތަކުގައި އޭނާ ފުރައިގެން ދިއުމުން ހުރިހާ ޒިންމާ އެއް އުފުލަނީ އަހަރެންނެވެ.

ފުރަތަމަ ދަރިފުޅަށް ފަސް އަހަރުގައި ދެވަނަ ކުއްޖަކަށް ބަލިވެ އިނދެއްޖެ އެވެ. ނަމަވެސް އޭނާގެ އެދުމުގެ މަތިން ޑޮކްޓަރާ ވާހަކަ ދައްކައިގެން ބައިގެންދެވޭ ގޮތަށް ބޭސް ކެއީ އެވެ. އެއީ ވެސް ވޭން ހުރި ދުވަހެކެވެ. އެކަމުގައި ވެސް އޭނާގެ ފަރާތުން ފެނުނީ ހަމްދަރުދީއެއް ނޫނެވެ.

އަނެއްކާ ބަލިވެ އިނުމުން ވެސް އޭނާ ބޭނުންވީ ކުރީ ފަހަރު ހެދި ހެން ދާށެވެ. ނަމަވެސް މިފަހަރު އެފަދަ ކަމަކަށް ފުރުސަތެއް ނުދެމެވެ. އަހަރެން ބޭނުންވީ އިތުރު ކުއްޖެވެ. މިދަރިފުޅު ލިބުނު ފަހުން ކުރިއަށް ވުރެ މީނާގެ އަޅާލުން ކުޑަވާން ފެށި އެވެ.

ބުރަ ބޮޑު ވުމުން ގޭތެރޭގެ މަސައްކަތަށް ވެސް މީހަކު ހޯދީމެވެ. އެއީ އަހަރެން އަދާކުރާ ވަޒީފާއަށް ބުރޫ އެރިޔަ ނުދޭށެވެ. ފަހުން ހިފި ތިން ކޮޓަރީގެ ތަނުގައި ހުންނަ މީހާ އަތުން ކުރިއަށް ކުލި ހޯދުމަށް އަމްޖަދު އެދެން ފަށައިފި އެވެ. ނަމަވެސް އަހަރެން އެގޮތް ގަބޫލެއް ނޫނެވެ. އަހަރެން ލައްވާ ދިހަ ހާހުން، ވިހި ހާހުން އަނބުރާ ދައްކާ ގޮތަށް އޭނާ އަތުން ފައިސާ ހޯދުމަށް އެދެމުން ދިޔަ އެވެ.

އަހަރެން މިކަމުގައި އަމްޖަދާ ދެބަސް ވާން ޖެހުނެވެ. ސީދާ އަމްޖަދު އެކަމުގައި ނޫޅެނީ އަންހެނަކަށް ވީމާ ފަސޭހައިން ފިރިހެނަކު ފައިސާ ދޭނެތީއޭ ބުނަން ފަށައިފި އެވެ. އަހަރެން އެކަމުގައި ދެކޮޅު ހެދުމުން ބުނަނީ އޭނާ އަތުން ފައިސާ ނެގުމަށް ފަހު ހީނ ސަމާސާ ކުރުމަށެވެ. އެގޮތް ގަބޫލު ނުވުމުން ބުނަނީ ގުޅުމެއް ނުބޭއް ވިޔަސް އެގޮތަށް ކަން ކުރުމަށެވެ. މަޖުބޫރު ކުރަނީ އެގޮތް މިގޮތަށެވެ.

އަހަރެން ނަސޭހަތުގެ ގޮތުގައި އަމްޖަދަށް ކިޔާ ދިނީމެވެ. ހިލޭ ފިރިހެނަކު އަވާ މެންދުރުގައި ޖައްސައިގެން އޭނާގެ އަތުން ފައިސާ ހޯދުން އެއީ ކުރަންވާވަރުގެ ކަމެއް ނޫންކަމުގަ އެވެ. އަދި ތިމާގެ ހަލާލު އަނބިމީހާގެ ރީތިކަން ތިޔަ ވިއްކާލަނީ ނީލަމުގައި ބާ މުދާ ވިއްކާހެން ކަމުގަ އެވެ. ހިލާ އެކަން އަހަރެން ނުކުރާނަމެވެ. ދެން އަމްޖަދު ކުރާން ފެށި ކަމަކީ އަހަރެންގެ ރަށްޓެހިން އަތުން ދަރަންޏަށް ފައިސާ ނެގެމުގެ ކުޅިވަރުގެ ތެރެއަށް އަހަރެން ވެއްދުމެވެ. މިކަން ވެސް ހައްދުން ނައްޓަން ފެށުމުން އަހަރެން އެކަން ހުއްޓާލީމެވެ.

އަމްޖަދު އެފައިސާ އަނބުރާ ނުދީގެން އެމީހުން ގުޅަނީ އަހަރެންނަށެވެ. މިކަން ބޮޑުވެގެން ބައެއް ރަށްޓެހިންނާ އަހަރެންގެ ގުޅުން ކެނޑިގެން ދިޔަ އެވެ.

އަޅާލުމާއި ލޯބި ނުދޭ ތަނުގައި ދެން ކުރާ ކަންތަކުން ވެސް އަހަރެންގެ ސިކުނޑިއަށް ދަނީ ބުރަ ބޮޑުވެގެންނެވެ. ފިކުރު ކުރެވެނީ އެވެ. ހަމަ ނިދި ނުލިބޭން ވެސް ފަށައިފި އެވެ. އަހަރެން ވަރިވާން ބޭނުން ވެގެން އެ ވާހަކަ ދެއްކެން ފަށައިފި އެވެ. ބައްޕަ އާއި ތިމާގެ މީހުން އެގޮތެއް ބޭނުމެއް ނުވެ އެވެ.

އަހަރެންގެ ދިރިއުޅުމުގައި ވަމުންދާ ގޮތް ބައްޕަ އަށް ކިޔާ ދެމުން ގެންދިޔައީމެވެ. ގޭގެ ކުލި ދެއްކުމާއި އެހެނިހެން ހަރަދު ކުރުމަށް ދަތިވާތީ އެންމެ ފަހުން ވިޔަފާރިއެއް ފެށުމަށް ގަސްދުކޮށްފީމެވެ. އަދި މި ވާހަކަ އަހަރެންގެ ކަންކަމުގައި އެހީތެރިވެދޭ ބޮޑު ބޭބެއެއްގެ ގާތު ދެއްކީމެވެ. އޭނާ ދެލައްކަ ރުފިޔާގެ ލޯނެއް ދިނެވެ. އެ ދެ ލައްކަ ރުފިޔާ އިން ކުޑަ ފިހާރައެއް ހިންގާން ފެށީމެވެ. ފައިދާ ވެސް ވާން ފެށި އެވެ.

އަހަރެންގެ ފިރިމީހާ ދުއްވަނީ މީހަކު ބާ ސައިކަލެއް ކަމުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލެއް ގަނެ ދިނީމެވެ. އަދި އޭނާ އަށް ރީތި އަންނައުނު ހޯދައިދެނީ ވެސް އަހަރެންނެވެ. އަހަރެމެން ދެމީހުންގެ ދިރިއުޅުން ކުރިއަށް ދާނެ ހުރިހާ މަގުތަކެއް އަލި ކުރެވޭތޯ ބެލީމެވެ.

ދަރަންޏަށް ފައިސާ ނެގުން ހުއްޓުވޭތޯ ވެސް ބެލީމެވެ. ދެ ކުދިންގެ ހައްގުގަ އެވެ. އަހަރެންގެ ފުރަތަމަ ކައިވެނި ކަމުން އޭރު ލޯބި ނުވިއަސް ކުދިން ލިބުމުން ނޭނގޭ ލޯބީގެ އިހުސާސް ތަކެއް އަހަރެންނަށް ކުރެވުނެވެ. ބޮޑަށް އަމްޖަދާ ދޭތެރޭ އޮތީ ރަހުމާ ކުލުނެވެ.

އަހަރެން ދެފަހަރަކަށް ބައިގެންދިޔަ އެވެ. މިފަހަރުތަކުގައި ވެސް ހޮސްޕިޓަލުގެ ކަންކަމުގައި އޭނާ މާބޮޑު ސަމާލު ކަމެއް ނުދެ އެވެ. އަހަރެންގެ ތިމާގެ މީހުންނާއެކު ދަނީ އެވެ. ނުވަތަ ރައްޓިއްސަކު ހޯދަނީ އެވެ. އެއްދުވަހަކު އޭނާ ބިޒީ ކަމަށް ބުނުމުން ހަސްފަތާލަށް ދިޔައީ އެކަންޏެވެ. އެތަނުން ނިމިގެން ބަނޑުހައި ވެފައި ހުރިވަރުން ކެފޭ އަކަށް ވަންތަނުން ފެނުނީ އަމްޖަދެވެ. އޭނާގެ އޮފީސް އަންހެން ކުއްޖަކާއެކު އައިސް ކްރީމް ބޯން އިންދަ އެވެ. އަހަރެން އެ ދުވަހު ވެސް ޝަކުވާއެއް ނުކުރަމެވެ. އޭނާގެ މޮޅު ވާހަކަތައް އަޑު އަހާލީ އެވެ.

ފިހާރަ ހުޅުވި ފަހުން އަމްޖަދު ހަރަދު ކުރުން މުޅިން ހުއްޓާލިއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މިކަމުން ދަތި އިހްސާސް ވާން ފެށި އެވެ. ކޮވިޑާ ގުޅިގެން ފިހާރަ ބަންދުކުރާން ޖެހުނެވެ. ތިން ކޮޓަރީގެ ތަނުގައި ކުއްޔަށް އުޅުނު މީހާވެސް ތަން ދޫކޮށްލައިފި އެވެ. އެންމެ ފަހުން އަހަރެން ދެ ކުދިން ގޮވައިގެން ދައްތައެއްގެ ކައިރިއަށް ބަދަލުވީ އެވެ. އަމްޖަދަކީ އަހަރެން ކައިވެނި ކޮށްގެން ހުއްޓަސް ދުރު ހިލޭ މީހެއް ފަދަ އެވެ. ކައިރީގައި ރޭކުރުމެއް ނެތެވެ. އޭނާ އުޅުނީ އޭނާގެ އޮފީހާ ކައިވެނި ކޮށްގެންނެވެ. އަނބިދަރިން އެއީ އޭނާގެ ދެވަނަ ދިރިއުޅުން ފަދަ އެވެ.

ބައެއް މީހުންގެ ހުރިހާ ވެސް އެދުމަކީ ފައިސާ އާއި މަތިވެރި މަގާމެވެ. އެކަން ހާސިލް ކުރަން އެފަދަ މީހުންނަށް އަނބިދަރިން މުހިންމެއް ނުވެ އެވެ. އެމީހުންނަށް އެއީ ބާ މުދަލެވެ. ފިހާރައިގައި ނުވިކި ހުންނަ ބާ މުދާ އަބަދު ވެސް ހުންނާނި ކުލަ ވެއްޓިފަ އެވެ. ހިރަފުސް އަރާފަ އެވެ. އޭގެ ބޭނުން މީހަކު ހިފާނީ ނީލަމުގައި އެތަކެތި އަގެއް ނެތި ވިކޭ ދުވަހުންނެވެ. ނުވިކި މުއްދަތު ހަމަވާތަކެތި އުކާލާނީ ގޮނޑަށެވެ.

ދައްތަ ކައިރި އަށް ބަދަލު ވީއިރު ކުރިން ގެންގުޅުނު ގިނަ ފަރުނީޗަރުތައް ފޮނުވާލީ އަމްޖަދުގެ ރަށަށެވެ. އުނދުނާއި ފްރިޖެވެ. ޓީވީ އާއި އަގުބޮޑު އެހެން ތަކެއްޗެވެ.

އަހަރެން ދައްތަ ކައިރީގައި އުޅުނަސް އުފަލެއް ނެތެވެ. އަހަރެންގެ ދެ ކުދިންނާއި އަހަރެން ކުރިން އުޅުނު ދިރިއުޅުމާއި މިދިރިއުޅުން ވަރަށް ތަފާތެވެ. އަހަރެމެން ގޭތެރޭގައި ގެންގުޅުނު ތަރުތީބު މިގޭގައި އޮންނަނީ އެކޮޅު ކޮޅުން ޖެހިފަ އެވެ. ރީތިކޮށް ސާފު ކުރިއަސް އެއީ ބޭކާރު ކަމެކެވެ. ކުދިންނަށް ވެސް މިކަން ފަސޭހަ ކަމަކަށް ނުވިއެވެ. އެންމެ ފަހުން އަނެއްކާ ކޮންމެ ގޮތެއް ވަރިހަމަ ކަމަށް އަމްޖަދަށް އާދޭސްކޮށްގެން ދިހަ ހާސް ރުފިޔާ އަށް އެއްކޮޓަރީގެ ތަނެއް ހިފައިފީމެވެ.

ކުރިން ބޭނުންކުރި ހިފާ ގެންގުޅޭ ތަކެތި ގެނެސްދޭން އަމްޖަދު ކައިރިން އެދުނީމެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ. މިހާރު އެތަކެއްޗެއް ނެތެވެ. ތިމާގެ މީހުންނަށް ދީފީމެވެ.

މިތަނަށް ބަދަލު ވިއަސް ހަމަޖެހުމެއް ނެތެވެ. މުޅި މީހާ އަށް ނޭނގޭ ބަދަލު ތަކެއް އަންނަން ފަށައިފި އެވެ. ވަޒީފާ ގެއްލި ދަތިކަން ދިޔައީ ބޮޑުވަމުންނެވެ. އަތުން ފައިން ގޯސް ހެދެން ފަށައިފި އެވެ. އަމިއްލަ ގައިގާ ވިކާ ތަޅާ ބޮލުގެ އިސްތަށިގަނޑުގައި ވެސް ހިފާ ދެމެން ފަށައިފި އެވެ.

މިކަން ތަކުން އަރައިގަންނަން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ލަފާގެ މަތިން ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރު ދިން ލަފައަކީ އަވަހަށް ބޭސް ފެށުމަށެވެ. ޑިޕްރެޝަންގައި މީހާ ރަނގަޅަށް ތާށިވެއްޖެކަމެވެ. އެންޒައިޓީގެ އުނދަގޫ ވެސް ކުޑައެއް ނޫނެވެ. އެންމެ ފަހުން އަހަރެންގެ އުފަން ރަށަށް ބަދަލު ވީމެވެ. އަހަރެން ބޭނުންވަނީ އޭނާ ގާތުން ދުރަށް ދާށެވެ. ރަށުގައި ވެސް ހަމަ ޖެހުމެއް ނުލިބެ އެވެ. ބައްޕަމެން ތިބީ އަދިވެސް އަހަރެން އޭނާއާއެކުގައި އުޅުމަށް ބާރު އަޅާފަ އެވެ.

މާލެ އައިސް އަލުން ތަނެއް ހިފީމެވެ. އަދި އަހަރެން ހިންގި ފިހާރަ ހުޅުވޭތޯ މަސައްކަތް ފެށީމެވެ. ކޮވިޑްގެ ފުރަތަމަ ބުރަށް ފަހު ތަން ހުޅުވަން ވަރަށް ގިނަ މަސައްކަތްކުރާން ޖެހުނެވެ. އެތަން މަރާމާތު ކޮށްދޭން އައި ދިވެއްސަކީ އާދަޔާ ހިލާފަށް ރަނގަޅު މީހެކެވެ. މެދު ރާއްޖެތެރޭގެ ރަށެއްގެ މީހެކެވެ. ނަމަކީ އަސީލެވެ.

އަސީލުގެ އެހީތެރިކަމާއެކު ތަން އަލުން ހުޅުވީމެވެ. ނަމަވެސް އެމަހު ވެސް ގޭގެ ކުލި ދެއްކޭނެ ގޮތެއް ނެތެވެ. އެކަމުގައި ވެސް އެހީތެރިވީ އަސީލެވެ. އޭނާ ބުނަނީ ދިރިއުޅުން އާރާސްތު ވަންދެން އެހީތެރިވެދޭނެ ކަމުގަ އެވެ. އަހަރެން ލޯ މަރާލާފައި ފިރިމީހާ ގާތުން ވަރިވާން ކޯޓަށް ހުށަހެޅީމެވެ. އެކަމާ ގުޅިގެން އެއް ރޭ އޭނާ ދަންޖެހެން އުޅުނެވެ. އަދި އަހަރެންގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސް ކުރިއެވެ. ކުރި އާދޭހާ އެކު އަލުން އެފޯމް ބާތިލް ކުރީމެވެ.

އެމަހު ގޭގެ ކުލި ވެސް ދައްކާ ދިނެވެ. ނަމަވެސް އެގޮތުގައި އެކަން އޮތީ ކުޑަ ދުވަސް ކޮޅަކަށެވެ. އަލުން ކުރީގެ ގޮތަށް އިޔާދަ ވާން ފެށިއެވެ.

ފިހާރައިން ވެސް މާބޮޑު ފައިދާއެއް ނުވެ އެވެ. އަސީލު ކޮންމެ ދުވަހަކު ވެސް އަހަރެންގެ ދެ ކުދިންނާއި އާއިލާގެ ހާލު ބަލަ އެވެ. މިކަން އަހަރެންގެ ބައްޕަ އާއި އާއިލާ މީހުންނަށް އެނގިގެން އަސީލަށް އިންޒާރު ދޭން ފަށައިފި އެވެ. އެކަމު އޭނާ ވެދޭ އެހީތެރިކަން ހުއްޓައެއް ނުލަ އެވެ.

ފިރިމީހާގެ އަޅާލުން ކުޑަކަމާއި ހަރަދު ނުކުރާތީ އަލުން ވަރިއަށް އެދި ފޯމް ހުށަހެޅީމެވެ. މިކަމާ ގުޅިގެން އޭނާ އަހަރެންނަށް އަނިޔާ ކުރަން ފެށި އެވެ. އަހަރެންނަށް އިންޒާރު ދެމުން ގެންދިޔަ އެވެ. މަގުމަތިން ދިމާކުރާން ވެސް ފަށައިފި އެވެ. ގެއަށް އައުން ވެސް ހުއްޓާލި އެވެ.

ދުވަހަކު ވެސް ވަރި ނުކުރާނެ ކަމާއި އޭނާއަކީ ކޯޓްތަކަށް ބާރު ފޯރުވޭ ހިސާބުގައި ހުރި މީހެއް ކަން ބުނެދެ އެވެ. މައްސަލަ ކުރިއަށް ނުގޮސް އަހަރު ދުވަހު އޮތެވެ. އަހަރެންނަށް އަނިޔާކުރި މައްސަލަ ވެސް ކަމާބެހޭ އިދާރާއިން ބަލައެއް ނުދެ އެވެ. ކަހާތަން ހިރުވާ ވެސް ނުލި އެވެ. ކޯޓަށް ވަރިއަށް އެދި ހުށަހެޅުމުން އަހަރެންގެ އާއިލާ މީހުން ވަރަށް ރުޅިއަ އެވެ.

އަސީލް އަހަރެންނަށް ދިން ނަސޭހަތަކީ ދިރިއުޅުން އަލުން ރަނގަޅު ވޭތޯ އުޅުމެވެ. އެހެން ނުވާނަމަ ވަރި ވެގެން އެހެން މީހަކާއި ކައިވެނި ކުރުމަށެވެ. ދިރިއުޅުމެއް ފެށެން ދެން އޭނާގެ އެހީތެރިކަން ލިބޭނެ ކަމުގަ އެވެ. ކާބޯ ތަކެއްޗަށް ދައްޗެއް ނުވެ އެވެ. ގޭގައި ކުރާން ޖެހޭ ކަމެއް ނުކުރެވި ނުހުރެ އެވެ. އަސީލާއި އަހަރެންނާ ދޭތެރޭ އޮތީ ރަހުމަތްތެރި ކަމެވެ. އެއީ ހެޔޮ މީހެކެވެ.

ކޯޓްގައި ޝަރިއަތް ފެށިއްޖެ އެވެ. އަހަރެންގެ ފިރިމީހާ ފަރާތުން ލިބުނު އަނިޔާ ތަކާއި ހަރަދު ނުކުރާ ކަމަށް އޭނާ އިއުތިރާފުވި އެވެ. އަދި ދަންޖެހެން އުޅުނު އުޅުމަކީ ވެސް ކުޅުނު ތަމްސީލެއް ކަމުގައި ބުންޏެވެ. މިހުރިހާ ވާހަކަ ތަކަށް އޭނާ އިއުތިރާފު ވުމުން އަހަރެން ހުރީ ހައިރާން ވެފަ އެވެ. އެންމެ ފަހުން ކޯޓުން އަހަރެމެން ވަރި ކޮށްދިނެވެ.

އިއްދައިގެ މުއްދަތު ހަމަވިތާ މަހެއް ހާ ދުވަސް ފަހުން އަސީލު އަހަރެންނާ ބައްދަލު ކުރިއެވެ. އަދި ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށުމަށް ހިތްވަރު ދިނެވެ. އަހަރެން ގައިގާ އެހިތްވަރު ނެތް ކަމަށް ބުނީމެވެ. ވަގުތުން އަސީލު ބުނެލިއެވެ. އަހަރެން މިހިރީ މުނާއާ ކައިވެނި ކުރަން ތައްޔާރަށެވެ. އެގޮތް ގަބޫލިއްޔާ ކުރިއަށް ދާންވީ އެވެ. އެކަމު މިކަމާ ނުރުހޭނަމަ އަދިވެސް މީހަކު ލިބެންދެން އެހީތެރިވާނަމެވެ.

ވިސްނާލަން ވަގުތު ބޭނުން ކަމުގައި އަހަރެން ބުނީމެވެ. އަސީލަކީ އަހަރެންގެ އާއިލާ މީހަކަށް ވުރެވެސް ހެޔޮ މީހެއް ކަމަށް ގަބޫލު ކުރަމެވެ.

ހަފުތާއެއް ފަހުން އަހަރެން އާނބަސް ބުނެފީމެވެ. އަދި ބައްޕައާ މިވާހަކަ ހިއްސާ ކުރީމެވެ. ބައްޕަ ދިން ޖަވާބަކީ ދުވަހަކު ވެސް ވަލީ ނުދޭނެ ކަމަށެވެ. އަމްޖަދު ކައިރިން ވަރިވުމުން ބައްޕަގެ ރުޅި ފިލާ ނުދެ އެވެ. ބައްޕަ ދެކެނީ އެއީ ދިރިއުޅުމުގައި ބައްޕަގެ ބަލިވުމެއް ކަމުގަ އެވެ. ހުރިހާ އާރަކާއި ބާރެއް އަދިވެސް އޮންނާން ޖެހެނީ ބައްޕަގެ މުށުތެރޭގައި ކަމަށެވެ. ބައްޕަ ފަށައިދިން ދިރިއުޅުން ކޮޅަށް ނުޖެހުނީ އަހަރެން ގޯސް ކަމުން ކަމުގަ އެވެ. ނަމަވެސް އަހަރެން އުފުލި ތަކުލީފާއި ރުއި ރުއިން އާއިލާގެ މީހުންނަކަށް ނުފެންނާނެ އެވެ. ދިރިއުޅުމުގެ އަދިރި ފަރާތުގައި އަހަރެން ހާދަ ކެކުޅުމަކާއި ހާދަ ވޭނެއް ތަހައްމަލު ކުރީމެވެ.

މިދުނިޔެއަށް އަހަރެންނަށް އަލުން ނޭވާ ލެވުނީ އަހަމަ އެކަނި އަސީލުގެ އެހީ ތެރިކަމުންނެވެ. ހަޑި ހުތުރު ފާހިޝް އަމަލެއް ނުކޮށް އަސީލު އަހަރެންގެ އަތުގައި ހިފިކަމުންނެވެ. އޭނާއަކީ މިޒަމާނުގައި ނުލިބޭ ފަދަ ހެޔޮ މީހެކެވެ. ކުރިން ކައިވެންޏެއް ކޮށް ދެ ކުދިން ތިބެ އެވެ. ކުދިންނަށް އަޅާލާ އޯގާތެރި ބައްޕަ އެކެވެ.

އަހަރެންގެ ދަރިންނަށް ނުހަނު ހެޔޮ މީހެކެވެ. އެ މީހުންގެ ބޭނުންތަކާއި އިހުސާސްތައް ފުއްދާ ދޭ މީހެކެވެ. އެމީހުންގެ ބައްޕަގެ ފަރާތުން ނުލިބޭ ލޯބި އަސީލު ހޯދައި ދީފި އެވެ. އެ ކުދިން ވެސް މިހާރު ކުޑައެއް ނޫނެވެ. އަންހެން ދަރިފުޅު ޒައިނާގެ އުމުރުން މިހާރު 16 އަހަރު ފުރިއްޖެ އެވެ. ކުޑައަށް ހުރި މާޒިންގެ އުމުރުން މިހާރު 12 އަހަރެވެ.

****

އެއް އަހަރު ފަސް

މިހާރު އަހަރެމެން ދެ މީހުން ބައިވެރިވެގެން އެއްވަރަށް ހިއްސާ އޮންނަ ވިޔަފާރިއެއް ވެސް ކުރަން ފަށައިފީމެވެ. އަހަރެންގެ ބޭންކް އެކައުންޓްގެ ހުރިހާ ބާރެއް އޮތީ އަހަރެންގެ އަތްމަތީގަ އެވެ. އަސީލު އެފަދަ ކަމަކާ ނުބެހެ އެވެ. އަދި އެއީ އަހަރެންގެ މީހެއް ނޫނަސް އިތުބާރާއި ޔަގީންކަން އެއްދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑު ވަމުންނެވެ. އެއީ ހާދަ މާތް އިންސާނެކެވެ.

ބައްޕަ ވަލީ ނުދިން މައްސަލަ އިސްތިއުނާފު ކުރީމެވެ. ކޯޓުގެ ހުކުމާއެކު ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެހިއްޖެއެވެ. އަހަރެންނަށް މިހާރު ކުރެވެނީ ވަރަށް އެހެން ކަހަލަ އިހްސާސް އެކެވެ. އާ ކައިވެންޏަކަށް ތައްޔާރު ވުމުގެ އިހްސާސެވެ. ކައިވެނީގެ މަޖްލިސް އަހަރެނަށް ސިފަ ކުރެވެން ވެސް ފަށައިފި އެވެ.

އަށާރަ އަހަރު ފަހުން އަހަރެންނާ ބައްދަލު ކުރި އެންމެ އުފާވެރި ރޯދަ މަހު ކައިވެނީގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ. ބޮޑު ހަފްލާ އަކަށް ނުވިއަސް ގޭތެރެ ޒީނަތްތެރި ކުރުމެވެ. ރޯދަ ނިމޭ ތަނުން ކައިވެނި ކުރާން ތާވަލު ކުރެވިއްޖެ އެވެ. އަހަރެންނަކީ ފަހާ މީހެއް ކަމުން ކައިވެނީގެ ރޭގައި ލާނެ ހެދުން އަހަރެންނާއި ކުދިންނަށް ފަހަން ފަށައިފީމެވެ.

އަހަރެންގެ އަދިރި ދިރިއުޅުމުގެ ސަފުހާތައް އަލުން ބަލުން ހުޅުވާކަށް ބޭނުމެއް ނޫނެވެ. އެދުވަސްތައް ފަސްދީފި އެވެ. ކުޑަ އީދު ނިމިގެން އަހަރެންނާއި އަސީލުގެ ކައިވެނި ކުރެވޭނެ އެވެ.