Advertisement

ޕޮގްބާ އަށް ޔުނައިޓެޑްގެ ސަޕޯޓަރުން ދިމާކުރުމުން ރަންގްނިކް ހިތްހަމަނުޖެހިފައި

17 އޭޕްރީލް 2022 - 14:31 0

ރޭގެ މެޗުގެ ތެރެއިން ޕޮގްބާ.-- ފޮޓޯ: އޭއެފްޕީ


ޕޮގްބާ އަށް ޔުނައިޓެޑްގެ ސަޕޯޓަރުން ދިމާކުރުމުން ރަންގްނިކް ހިތްހަމަނުޖެހިފައި

17 އޭޕްރީލް 2022 - 14:31 0

މެންޗެސްޓާ (އޭޕްރީލް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮރިޗް ސިޓީ އަތުން މެންޗެސްޓާ ޔުނައިޓަޑް މޮޅުވި މެޗުގައި، ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ސަޕޯޓަރުން ދިމާކުރުމުން އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ހިތްހަމަނުޖެހިއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ނޮރިޗް ސިޓީ އަތުން 3-2 އިން ޔުނައިޓެޑް މޮޅުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ހެޓްރިކަކުންނެވެ.

މި މެޗުގެ ފެށުމުގެ ކުރިން ވެސް ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ސަޕޯޓަރުން ހިތްހަމަނުޖެހުނީ ވިދިވިގެން ފަސް ވަނަ ސީޒަނެއް ތައްޓަކާ ނުލައި ޔުނައިޓަޑް އިން ނިންމާލާތީ އެވެ.

ސަޕޯޓަރުންގެ ހިތްހަމަނުޖެހުން، މެޗު ތެރޭގައި އެންމެ ބޮޑަށް އަމާޒުވީ ޕޮގްބާ އަށެވެ. ހާއްސަކޮށް، މެޗުގައި ބާކީ 17 މިނިޓުގައި އޮއްވައި އޭނާ ބަދަލުކުރިއިރު، ދަނޑުން ފައިބަން ދިޔަ ވަގުތު ސަޕޯޓަރުންގެ ނުރުހުންތައް އަމާޒުވި އެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަަލާށް ހަމަވާއިރު، ލީގުގައި ބާކީ އޮތް މެޗުތަކަކީ ޔުނައިޓަޑްގެ ޖޯޒީގައި އޭނާ ފެންނާނެ ފަހު މެޗުތަކަށްވުމަކީ ގާތް ކަމެކެވެ. އަނެއްކޮޅުން ޔުނައިޓެޑްގައި މަޑުކުރަން ބޮޑު މުސާރަ އަކަށް ޕޮގްބާ ޑިމާންޑްކުރާތީ ވެސް ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އެބައޮތެވެ.

ޕޮގްބާ އަށް ސަޕޯޓަރުން ދިމާކުުރުމާ ގުޅިގެން، ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ރަންގްނިކް ބުނީ ވަކިވަކި ކުޅުންތެރިންނާ ދިމާކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަހަންނަށް އެނގޭ ސަޕޯޓަރުން ހިތްހަމަނުޖެހޭކަން (ޓީމުގެ އޮތް ހިސާބާ މެދު). ކުޅުންތެރިން ވެސް ޓީމުގެ ސްޓާފުން ވެސް ހިތްހަމައެއް ނުޖެހޭ. އެކަމަކު، އެއީ ވަކިވަކި ކުޅުންތެރިންނާ ދިމާކުރަންޖެހޭ ސަބަބެއް ނޫން،" ރަންގްނިކް ބުންޏެވެ.

"ކްލަބުގައި އޮތީ އެންމެ މީހެއްގެ ޒިންމާއެއް ނޫން. އެންމެ އެކަތިގަނޑެއްގެ ގޮތުގައި ޒިންމާ ނަގައިގެން، ކުރިއަށް ދެވޭނީ."

ރޮނާލްޑޯ ކެރިއަރުގައި ހެދި 60 ވަނަ ހެޓްރިކާ އެކު، ރޭ ނޮރިޗް އަތުން މޮޅުވެ ޔުނައިޓަޑް ވަނީ ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފަ އެވެ. ރަންގްނިކް ބުނީ މެޗުން މޮޅުވުމުން ހިތްހަމަނުޖެހުނަސް، ޑިފެންސްގައި ދެއްކި ކުޅުމާމެދު ހިތްހަަމަނުޖެހޭ ކަމަށެވެ.

"މޮޅުވީމަ ހިތްހަމަޖެހޭ، އެކަމަކު 2-0 ގެ ލީޑެއްގައި އޮވެ، ޑިފެންސްގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ބުނެވޭކަށް ނެތް،" ރަންގްނިކް ބުންޏެވެ.

ރޭގެ މެޗުގައި ޕޮގްބާ ހިތްހަމަނުޖެހުނު އަނެއް ސަބަބަކީ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައިން ޖެހި ޕޮގްބާގެ ބޯ ފަޅައިގެން ދިއުމުންނެވެ.